05 May 2024, 10:27
ވެހިކަލް ގެނެސްދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން އަޅޮވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ހޯދި ކަމަށް ތުހުމަތުކުރެވޭ މެގަޓްރޯން މޮޓޯސް މޯލްޑިވްސް ވޭވް އިންޓަނޭޝަނަލްއިން އިތުރު މީހުންގެ އަތުން ފައިސާ ނެގިތޯ ބަލަން ފުލުހުން މިއަދު އިއުލާނުކޮށްފިއެވެ.
ވެހިކަލް ގެނެސްދޭނެ ކަމަށް ބުނެ ސްކޭމް ހިންގި ކަމަށް ތުހުމަތުކޮށް، އެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށާފައިވަނީ އޭޕްރީލް 14 ގައެވެ.
ފުލުހުން ބުނެފައިވަނީ އެ ކުންފުންޏަށް ވެހިކަލް ގެނައުމުގެ ގޮތުން ފައިސާ ދައްކާފައިވާ މީހެއް ނަމަ، މި ހިނގާ މެއި މަހުގެ 30ވަނަ ދުވަހުގެ ކުރިން ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓްގެ ނަންބަރު 9790048 އަށް ގުޅުއްވައި އެކަން ހިއްސާކޮށްދޭން އެދޭ ކަމަށެވެ.
ވެހިކަލް ގެނެސްދޭ ކަމަށް ބުނެ މޯލްޑިވްސް ވޭވްއިން ހިންގި ކަމަށް ތުހުމަތުކުރާ ޚިޔާނާތުގެ މައްސަލަ ފުލުހުން ބަލަމުން އަންނައިރު، އެ ޚިޔާނާތުގައި އެ ކުންފުނިން އެ ގޮތަށް ހޯދާފައިވަނީ ކިހާ ފައިސާއެއް ކަމަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މަކަރާއި ހީލަތުން ފައިސާ ހޯދާ މީހުން އެކި ކަހަލަ އުކުޅުތައް ބޭނުން ކޮށްގެން އަބަދު ވެސް ދަނީ ފައިސާ ހޯދަމުންނެވެ. މި ފަދަ ކަންކަމަށް ސަމާލުވުމަށާއި ހޭލުންތެރިވުމަށް ފުލުހުންނާއި އެހެނިހެން ކަމާ ބެހޭ ފަރާތްތަކުން އަބަދު ވެސް ދަނީ ގޮވާލަމުންނެވެ.