ޣައްޒާ ހަނގުރާމަ ހުއްޓައިލުމަށް ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތާއި އިސްރާއީލާ ދެމެދު މިސްރުގައި މިހާރު ކުރަމުން އަންނަ މަޝްވަރާތަކަށް ކުރިއެރުން ލިބިފައިވާ ކަމަށް މިސްރުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

މިސްރުގެ ޗެނަލް ގާހިރާ 24އިން ބުނީ ހިޔާލުތަފާތުވުން އުފެދޭ ބައެއް ނުކުތާތަކަށް ދެ ފަރާތުން މިހާރު އެއްބަސްވެފައިވާ ކަމަށެވެ.

ހަމާސްއިން އިސްރާއީލުގެ 130 އަށް ވުރެ ގިނަ މީހުން ރަހީނުކޮށްފައިވާ ކަމަށް ލަފާކުރެވޭއިރު، އިސްރާއީލުގެ ޖަލުތަކުގައި ފަލަސްތީނުގެ 9،100 އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ.

މިދިޔަ ނޮވެމްބަރު މަހު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އިސްރާއީލުގެ 81 މީހުންނާއި އިތުރު 24 މީހުން ހަމާސްއިން ވަނީ މިނިވަންކޮށްފައެވެ. ބަދަލުގައި ފަލަސްތީނުގެ 240 މީހުން އިސްރާއީލުން ވަނީ ދޫކޮށްލައިފައެވެ. އޭގެ ތެރޭގައި، 71 އަންހެނުންނާއި 169 ކުޑަކުދިން ހިމެނެއެވެ.

މަޝްވަރާތަކަށް އެންމެ ފަހުން ހުށަހެޅި ހުށަހެޅުމުގައި ހަ ހަފުތާގެ މުއްދަތަށް ހަނގުރާމަ ހުއްޓާލުމަށް ހުށަހަޅައިފައިވާއިރު، އެ މުއްދަތުގައި އިސްރާއީލުގެ ޖަލުތަކުން ގިނަ އަދަދެއްގެ ފަލަސްތީނު މީހުން ދޫކޮށްލާނެ ކަމަށް ބުނެފައިވެއެވެ. ބަދަލުގައި އަންހެނުންނާއި އަންހެން ސިފައިންނާއި އުމުރުން ދުވަސްވީ މީހުންނާއި ޒަޚަމްވެފައިވާ އަސީރުން ހިމެނޭ ގޮތަށް 33 ރަހީނުން ދޫކޮށްލުމަށް ހުށަހަޅައިފައިވެއެވެ.

ނަމަވެސް ރަހީނުން މިނިވަންކުރުމުގެ އެއްބަސްވުމަކަށް ދާނީ އިސްރާއީލުން ޣައްޒާގައި ކުރިއަށްގެންދާ ހަނގުރާމަ ހުއްޓާލައި ޣައްޒާގައި ތިބި އިސްރާއީލު ސިފައިން ބާލަން އެއްބަސްވުމުން ކަމަށް ހަމާސްއިން ބުނެއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި މިހާތަނަށް 35،000 އާ ގާތްގަކުރާ އަދަދަކަށް މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.