11 Jun 2012, 05:07
މިރޭ ފްރާންސް އަތުން މޮޅުނުވެއްޖެނަމަ އިނގިރޭސިން ޔޫރޯ ފުޓްބޯޅަ މުބާރާތުން ފޭލްވީ ކަމަށް އާސެނަލްގެ ކޯޗު އާސެންވެންގާ ބުނެފި އެވެ.
ފްރާންސަށް އުފަން ވެންގާ ބުނީ އެންމެ ބޮޑު މައްސަލައަކީ ވޭން ރޫނީ ސަސްޕެންޝަނުގައި ހުރުން ކަމަށާއި އާ ކޯޗު ރޯއި ހޮޑްސަނާއެކު ކުޅުންތެރިން ގިނަ ދުވަހު ފަރިަތަކޮށްފައި ނެތުމުން މައްސަލަކުރިމަތިވުން ގާތް ކަމަށެވެ.
"ހުޅުވާ މެޗުގައި މި ކުޅެނީ އިނގިރޭސިންނާއި ފްރާންސް. ފުރަތަމަ މެޗަކީ ކޮންމެ ބަޔަކު ވެސް މޮޅުވާން ޖެހޭ މެޗެއް . މި މެޗުން ބަލިވާ ބަޔަކު ކަޓާފާނެ. އެއްވަރުވެއްޖިއްޔާ މުޅި ގްރޫޕް އޯޕަންވީ. އެއީ ސްވިޑްން ބަލިކުރަން އެއްވެސް ބަޔަކަށް ފަސޭހައެއްނުވާނެ. ޔުކްރޭން ވެސް މެޗަކުން މޮޅެއް ހޯދަފާނެ،' ވެންގާ ބުންޏެވެ.
ނަމަވެސް ވެންގާ ބުނީ ހޮޑްސަން ގައުމީ ޓީމުތަކެއް މީގެ ކުރިން ގެންގުޅެފައި ހުރުމާއި އިނގިރޭސި ކުޅުންތެރިން އޭނާ އަށް އެނގުމަކީ ޕްލަސް ޕޮއިންޓެއް ކަމަށާއި ނަމަވެސް މިވަގުތު މުހިންމީ އިނގިރޭސި ކުޅުންތެރިންނަށް އިތުބާރު އަމިއްލަ ނަފްސުގެ އިތުބާރުލިބިގަތުން ކަމަށެވެ.
އިނގިރޭސީންނާއި ފްރާންސަކީ ވެސް އެންމެ ފަހުގެ ވޯލްޑް ކަޕުގައި ގޯސް ނަތީޖާތަކެއް ނެރުނު ދެ ޓީމެވެ. ނަމަވެސް ވެންގާ ބުނީ ފްރާންސަކީ ޔޫރޯ ކާމިޔާބު ކުރެވޭ ވަރުގެ ޓީމެއް ކަމަށެވެ.
"ވޯލްޑް ކަޕުގައި ދިމާވި "ގޯސް"ތަކުގެ އަސަރު އަދިވެސް ޓީމުގައި އެބަހުރި. އެކަމަކު ފްރާންސް ޓީމުގައި މުބާރާތް ކާމިޔާބު ކުރެވޭހާ ކޮލިޓީ އެބަހުރި،" ވެންގާ ބުންޏެވެ.