ރާއްޖޭގެ ބޮޑު ފިލްމު ޕްރޮޑަކްޝަން ކުންފުނި "ޑާކްރެއިން އެންޓަޓެއިންމެންޓް"ގެ އާ ޕްރޮޖެކްޓު "ބިބީ"ގެ ބިހައިންޑް ދަ ސީންސް (ބީޓީއެސް) މަންޒަރުތައް އާންމުކުރަން ފަށައިފިއެވެ.

ޑާކްރެއިންއިން ތަފާތު ގިނަ އާ ޕްރޮޖެކްޓުތަކެއްގެ މަސައްކަތް ކުރަމުން އަންނަކަން އިއުލާނުކޮށްފައިވަނީ މިދިޔަ އަހަރެވެ. ޖުމްލަ ހަ ޕްރޮޖެކްޓެއް އިއުލާނުކުރި ދުވަސްވަރު އަލަށް އިއުލާނުކުރި އެއް ޕްރޮޖެކްޓަކީ ބިބީއެވެ. މިި ފިލްމު އިއުލާނުކޮށް ފިލްމުގެ ޝޫޓިންގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

ބިބީގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) މީގެ ކުރީން ހާމަކޮށްފައިވާ ގޮތުގައި ފިލްމުގެ ބޮޑު ބައެއްގެ ޝޫޓިން މިހާރު ވަނީ ނިިމިފައެވެ. އެއާއެކު ޑާކްރެއިންއިން އަންނަނީ ފިލްމު އުފެއްދުމުގެ ފަހަތުގައި ކަންތައްތައް ވަމުންދާ ގޮތް އާންމުންނާ ހިއްސާކުރަމުންނެވެ.

https://www.instagram.com/p/C6gHwJgRgjD

ފިލްމުގެ ޝޫޓިންގެ ތެރެއިން ފެންނަ މަންޒަރުތަކުން ފެނިގެންދަނީ މުޅި ޓީމުގެ އެކުވެރި ކަމެވެ. އަދި، މަންޒަރުތައް ނެގުމުގައި ވެސް މަޖާކޮށް އުޅޭތަން ބީޓީއެސްއިން ފެނިގެން ދެއެވެ. އޭގެ ތެރެއިން އެއް މަންޒަރަކީ ފިލްމުގެ އެކްޓަރު ޝީލާ ނަޖީބްގެ ހާއްސަ މަންޒަރެއް ނެގުމުގައި ވެސް މަޖާކޮށް އެކުގައި ސަކަރާތް ޖަހައި ހަދައި އުޅޭ މަންޒަރެވެ. މުޅި ޓީމްގައި އޮތީ އެކުވެރިކަމެވެ.

މި ޕްރޮޖެކްޓުގެ ޕްރޮޑިއުސަރުންގެ ގޮތުގައި މޮގާއާއި އައިޝަތު ފުވާދު ހިމެނޭއިރު ކެމެރާ ކުރުމުގައި ހަރަކާތްތެރިވާނީ އަހުމަދު ޒިފާފް (ޒިއްޕެ)އެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ޝަހުދާ މަމްދޫހެވެ. މިއީ އޭނާ ޑައިރެކްޓު ކުރާ ފުރަތަމަ ފީޗާ ފިލްމެވެ.

މި ފިލްމުގެ ކާސްޓުގެ ގޮތުގައި ހިމެނެނީ ޝަރަފު އަބްދުﷲ އެވެ. ޝަރަފަކީ މި ވަގުތު ފިލްމު އިންޑަސްްޓްރީގައި އެންމެ ޑިމާންޑު ބޮޑު އެއް ތަރިއެވެ. ޑާކްރެއިންއިން އެންމެ ފަހުން ދައްކާފައިވާ ފިލްމު "ފުރޭތަ"ގެ ލީޑު ރޯލުން ވެސް ފެނިގެން ގޮސްފައިވަނީ އޭނާއެވެ. ޝަރަފުގެ އިތުރުން މި ފިލްމުން ފެންނާނީ މަރިޔަމް މަޖުދާއާއި އަބްދުﷲ ޝާފިއު (ފުބޫ) އެވެ.