11 Jun 2012, 05:06
އިޓަލީއާ ބައްދަލުކޮށް 1-1 އިން އެއްވަރުވި މެޗުން މޮޅުނުވެވުނު އެއް ސަބަބަކީ ދަނޑު ތެމިފޯވެފައި އޮތުން ކަމަށް ދިފާއީ ޗެމްޕިއަން ސްޕޭނުގެ ކުޅުންތެރިން ބުނެފި އެވެ.
އިޓަލީ ކޮޅަށް ލަނޑު ލަނޑު ޖަހައިދިން ސެސް ފަބްރިގާސް ބުނީ މޮޅުނުވުމުން މައްސަލަ ޖައްސާކަށް ބޭނުން ނޫން ކަމަށާއި ނަމަވެސް ދަނޑުފޯވެފައި އޮތުމުން އުނދަގޫވި ކަމަށެވެ. ސްޕޭނުގެ ކުޅުންތެރިން ވަނީ މެޗު ފެށުމުގެ ކުރިން ވެސް ދަނޑުގެ މައްސަލަ ޖައްސައިފައެވެ.
ބާސެލޯނާގެ މިޑްފީލްޑަރު ބުނީ އޭނާގެ ޓީމުގެ ކުޅުންތެރިން ކުރި މަސައްކަތާއަޅާ ބަލާއިރު މިއަށްވުރެ ރަނގަޅު ނަތީޖާއެއް ލިބުން ހައްގު ކަމަށެވެ.
މެޗަށް ފަހު ކޯޗު ވިސެންޓޭ ޑެލްބޮސްކޭ ބުނީ ކުޅުންތެރިންގެ ކުޅުމާމެދު ހިތްހަމަ ޖެހޭ ކަމަށާއި ފަބްރިގާސް އާއި އަންދްރޭސް އިނިއެސްޓާ އަދި ޑޭވިޑް ސިލްވާ ވަރަށް ރަނގަޅަށް ކުރިއަށް އަރައި އެޓޭކްކުރި ކަމަށެވެ.
"ޓޮރޭޒް ކުޅެން ފެށުމުން ގޭމް ވަރަށް ބޮޑަށް ހުޅުވިގެންދިޔަ. އިޓަލީގެ ޕްރެސިން ގޭމް ފަހު ހާފުގައި ވަރަށް ރަނގަޅު. އޭގެ ސަބަބުން އަހަރުމެންނަށް ވެސް އުނދަގޫވި. އެކަމަކު އަހަރުމެންގެ ޕްލޭން ދިޔަގޮތް މުޅިން ގޯހެއްނޫން. ހިތްހަމަޖެހޭ،" ވޯލްޑް ކަޕް ހޯދައިދިން ކޯޗު ޑެލްބޮސްކޭ ބުންޏެވެ.