އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި މިހާތަނަށް 10،000 އަށްވުރެ ގިނަ އަންހެނުން ޝަހީދުކޮށްލައިފައިވާ ކަމަށާއި ކޮންމެ ދުވަހަކު 37 މައިން ޝަހީދުކޮށްލާ ކަމަށް އދ.ގެ ފަލަސްތީނު ރެފިއުޖީ އޭޖެންސީ (އަންރުވާ)އިން ބުނެފިއެވެ.

އެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައަކީ އަންހެނުންނާ ދެކޮޅަށް ހިންގާ ހަނގުރާމައެއް ކަމަށެވެ. ހަނގުރާމައިގައި 10،000 އަށްވުރެ ގިނަ އަންހެނުން ޝަހީދުކޮށްލައިފައިވާއިރު، 19،000 އަންހެނުން ޒަހަމްކޮށްލައިފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ޣައްޒާގެ އަންހެނުންގެ ހާލަތު ވަރަށް ނާޒުކުވެފައި ބިރުވެރިކަމަށާއި 155،000 އަށް ވުރެ ގިނަ މާބަނޑު ނުވަތަ ގާތުން ކިރުދޭ އަންހެނުންނަށް ފެނާއި ސާފުތާހިރުވާނޭ ތަކެތި ލިބޭނެ ގޮތެއްވެސް ނެތް ކަމަށް އަންރުވާއިން ބުނެއެވެ.

އޮކްޓޫބަރު ހަތް ވަނަ ދުވަހު އިސްރާއީލުން ޣައްޒާގައި ފެށި ހަނގުރާމައަށް ހަ މަސް ވެފައިވާއިރު، މިހާތަނަށް 34،622 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެތެރޭގައި ގިނައީ އަންހެންނާއި ކުޑަކުދިންނެވެ. ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު 77،867އަށް ވަނީ އުފުލިފައެވެ.