10 Jun 2012, 22:55
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ތަހުގީގު ކުރުމަށް އުފައްދާފައިވާ ނޭޝަނަލް އިންކުއަރީ ކޮމިޝަނުގެ މަސައްކަތް މި މަހުގެ މެދެއްހާތާގައި ފެށޭ ވަރުވާނެ ކަމަށް ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
އިނިގިރޭސި ވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި މާލެ ވަޑައިގެން ނޫސްވެރިނަށް މައުލުމާތު ދެއްވަމުން ރައީސް ވަހީދު މިއަދު ވިދާޅުވީ ކޮމިޝަނުގެ މަސައްކަތް އަލުން ފެށޭ އިރު އަލަށް ކޮމިޝަނާ ގުޅިވަޑައިގެންނަވާ ދެ ބޭފުޅުން މި މަހު 15 ހިސާބުގައި ކޮމިޝަނާ ގުޅިވަޑައިގެން ކުރީގެ މެންބަރުން ކުރެއްވި މަސައްކަތްޕުޅު ބެއްލެވުމަށް ފަހު އަލުން މަސައްކަތް ފެށިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
"މިމަހުގެ 15 ހާ ހިސާބުގައި މެންބަރުން ހަމަވެ، އާ މެންބަރުންނަށް ވެސް މިހާރު ކުރެވިފައިވާ މަސައްކަތް ބެލުމުގެ ފުރުސަތު ލިބޭނެ. އެކަން ބެލުމަށް ފަހު ދެން މަސައްކަތް ކުރިއަށް ގެންދަން ޖެހޭ ގޮތާ ބެހޭ ގޮތުން ކޮންމެވެސް ކަހަލަ ހިޔާލުތަކެއް ނުކުމެފައި ހުންނާނެ ކަމަށް އަޅުގަނޑު އުއްމީދުކުރަނީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަހީދު ވިދާޅުވީ ކޮމިޝަނުގެ މިހާރުގެ ރައީސް އިސްމާއީލް ޝަފީއު ކުޑަ ދުވަސްކޮޅަކަށް ރާއްޖެ އިން ބޭރަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށާއި ކޮމިޝަންގެ މަސައްކަތްތައް ބާރަށް ހިނގައި ގަންނާނީ އޭނާ އެނބުރި ވަޑައިގަތުމުން ކަމަށެވެ.
"ކޮމިޝަނުގެ ރައީސް އިސްމާއިލް ޝަފީއު ކުޑަ ދުވަސްކޮޅަކަށް ރާއްޖެ އިން ބޭރަށް ވަޑައިގަތުމަށް ހަމަޖެހިފައި ވުމާ އެކީގައި މަސައްކަތް ބާރަށް ހިނގައިގަންނާނީ އެމަނިކުފާނު އެނބުރި މާލެ ވަޑައިގަތުމުން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްއާ ބައްދަލުކުރައްވައި ކޮމިޝަނުގެ މަސައްކަތް މީގެ ކުރިން ކުރިއަށް ގެންގޮސްފައިވާ ހިސާބުގައި ކޮމިޝަނުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ މަޝްވަރާ ކުރެވުނު ކަމަށެވެ.
އިންކުއަރީ ކޮމިޝަނުގެ މަސައްކަތް އަލުން ފައްޓާއިރު ކޮމިޝަނުގައި ކުރިން މަސައްކަތް ކުރެއްވި ތިން މެންބަރުންގެ ކަމަށްވާ އިސްމާއީލް ޝަފީއު އާއި ޑރ. އިބްރާހިމް ޔާސިރު އަދި ޑރ. އަލީ ފަވާޒް ޝަރީފު އިތުރުން ކުރީގެ ރައީސް ނަޝީދުގެ ފަރާތްޕުޅުން ކޮމިޝަނުގައި ބައިވެރިވެ ވަޑައިގެންނަވާނީ ގަހާ އަހުމަދު ސައީދާއި ސިންގަޕޫރޫގެ ރިޓާޔާޑް ފަނޑިޔާރެކެވެ.