10 Jun 2012, 22:28
ކޮރަޕްޝަނުގެ މައްސަލައެއް ކުރިމަތިވެފައިވާ މީހުނަށް ހިލޭ ގާނޫނީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން "އެޑްވޮކަސީ އެންޑް ލީގަލް ސެންޓަރު" ނަމުގައި ސެންޓަރެއް މިއަދު ހުޅުވައިފި އެވެ.
ޓްރާންސް ޕޭރެންސީ މޯލްޑިވްސް ފަރާތުން އަލަށް ގާއިމުކުރި އެ ސެންޓަރު ހުޅުވާފައި ވަނީ މިއަދު ހަވީރު ޓްރޭޑާސް ހޮޓެލްގައި ބޭއްވި ހާއްސަ ރަސްމިޔާތުގަ އެވެ.
އެ ރަސްމިޔާތުގައި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ޗެއާޕާސަން މުހައްމަދު ރަޝީދު ވިދާޅުވީ އޭލެކްގެ ހިދުމަތަކީ ހޯދަން ފަސޭހަ ހިދުމަތެއް ކަމާއި ދުނިޔޭގައި ގިނަ ގައުމުތަކުގައި ދެމުންދާ ހިދުމަތެއް ކަމަށެވެ. އަދި އެ ސެންޓަރުގެ ބޭނުމަކީ ރާއްޖޭގައި ކޮރަޕްޝަން ނައްތާލުން ކަމަށާއި ކޮރަޕްޝަނުގެ މައްސަލަތަކުގައި ފަސްނުޖެހި ކުރިއަށް ދެވޭނެ ގޮތް ފަހިކޮށްދިނުން ކަމަށެވެ.
އޭގެ އިތުރުން ކޮރަޕްޝަނާ މެދު މީހުން ހޭލުންތެރިކަން އިތުރުކުރުމުގެ ތަފާތު ޕްރޮގުރާމްތައް ހިންގުމާއި ގާނޫނަށް ގެނަން ޖެހޭ ބަދަލުތައް ގެނައުމުގައި އެކަން ކަމުގައި ޝާމިލުވާ ފަރާތްތަކަށް އެކަމުގައި އެ ސެންޓަރުން އެއްބާރުލުން ދޭނެ ކަމަށް ރަޝީދު ވިދާޅުވި އެވެ.
މިއަދުގެ ރަސްމިޔާތުގައި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ގާއިމުކުރި ސެންޓަރު ސަބަބުން އެންމެ ބޮޑު ފައިދާއެއް ކުރާނީ އޭސީސީ އަށް ކަމަށެވެ.
އޭނާ ވިދާޅުވީ އެ ސެންޓަރުގެ ސަބަބުން އޭސީސީ އަށް ދިއުމުގެ ކުރީން އެ ސެންޓަރަށް ގޮސް ގަނޫނީ ލަފާ ހޯދޭ ނަމަ އޭސީސީ އަށް ވަރަށް ބޮޑެތި ފައިސޭހަތަކެއް ވެގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ގިނަ މައްސަލަތައް އަޅުގަނޑަށް ހީވަނީ މި ކަހަލަ އިދާރާއަކުން ފުރޭނިގެން އަންނަ ކަމުގައިވާ ނަމަ ގިނަ މައްސަލަތައް އަޅުގަނޑުމެނަކާ ހަމައަށް ނާންނާނެ. އެ މައްސަލަތައް އަޅުގަނޑުމެން ހިސާބަށް ނާންނަ ކަމަށްވާ ނަމަ އަޅުގަނޑުމެންގެ މަސައްކަތަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ،" ލުތުފީ ވިދާޅުވި އެވެ.
ޓްރާންޕޭރެންސީ އިން ބުނީ ލީގަލް ރައިޓް ސެންޓަރު ގާއިމުކޮށްފައި ވަނީ އޮސްޓްރޭލިއާގެ ސަރުކާރުގެ ހިލޭއެހީގެ ދަށުން ކަމަށާއި ކޮރަޕްޝަން ނައްތާލުމުގައި އެ ސެންޓަރާ ގުޅިގެން މަސައްކަތްކުރުމަށް އޭސީސީއާއި އަދި ސަރުކާރުގެ ބައެއް ވުޒާރާތަކާ ދެމެދު އެއްބަސްވުމެއްގައި މިދިޔަ މަހު ސޮއިކޮށްފައިވާ ކަމަށެވެ.