03 May 2024, 14:10
ތިމާވެށީގެ މައްސަލަތައް ރިޕޯޓުކުރާ 129 ގައުމެއްގެ ނޫސްވެރިންގެ ތެރެއިން 70 އިންސައްތަ ނޫސްވެރިންނަށް އެ މީހުންގެ ވަޒީފާއާ ގުޅިގެން ހަމަލާތަކާއި އިންޒާރު އަދި ޕްރެޝަރު ތަޖުރިބާކޮށްފައިވާ ކަމަށް، އދ.ގެ އެޑިޔުކޭޝަނަލް ސައިންޓިފިކް އެންޑް ކަލްޗާ އޮގަނައިޒޭޝަން، ޔުނެސްކޯއިން ބުނެފިއެވެ.
ޔުނެސްކޯއިން އެގޮތަށް ހާމަކުރީ މިއަދު ފާހަގަކުރާ މި އަހަރުގެ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން އާންމުކުރި ރިޕޯޓެއްގައެވެ. ޖުމުލަ 70 އިންސައްތައިގެ ތެރެއިން ކޮންމެ ފަސް ނޫސްވެރިއަކުން ދެ މީހަކަށް ޖިސްމާނީ އަނިޔާއާ ކުރިމަތިވެފައިވާ ކަމަށް ވެސް އެ ރިޕޯޓުގައިވެއެވެ.
"މިހާރު ހިނގަމުންދާ ތިމާވެށީގެ މައްސަލަތަކަށް އިތުބާރު ހުރި ސައިންޓިފިކް މައުލޫމާތެއް ނެތި، އެކަމުން އަރައިގަނެވޭނެ ކަމަކަށް ދުވަހަކު ވެސް އުންމީދު ނުކުރެވޭނެ،" ޔުނެސްކޯގެ ޑިރެކްޓަރު ޖެނެރަލް އޮޑްރީ އަޒޫލޭ ނެރުނު ބަޔާނެއްގައި ވިދާޅުވިއެވެ.
ޔުނެސްކޯއިން ބުނީ 2009 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދު ތިމާވެށީގެ މައްސަލަތައް ރިޕޯޓުކުރި 749 ނޫސްވެރިންނަށާއި، މީޑިއާތަކަށް މަރުގެ ހަމަލާ ދިނުމާއި، ޖިސްމާނީ އަނިޔާ، ހައްޔަރުކުރުން އަދި ގާނޫނީ ހަމަލާތައް ފަދަ ކަންކަން ކުރިމަތިވެފައިވާ ކަމަށެވެ.
އެ ހަމަލާތަކުގެ ތެރެއިން 300 އަށް ވުރެ ގިނަ ހަމަލާ ދީފައިވަނީ 2019 އާއި 2023 އާ ދެމެދު ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.
ވޭތުވެދިޔަ 15 އަހަރު ތެރޭގައި ތިމާވެށީގެ މައްސަލަތައް ރިޕޯޓުކުރާ ނޫސްވެރިންގެ މަސައްކަތުގެ ސަބަބުން މަދުވެގެން 44 މީހަކު މަރާލާފައިވާއިރު، ކުށް ސާބިތުވެފައިވަނީ އެންމެ ފަސް މައްސަލައެއްގައި ކަމަށް އެ ރިޕޯޓުގައިވެއެވެ. އަދި، ތިމާވެށީގެ މައްސަލަތައް ރިޕޯޓުކުރާއިރު ކާކުކަން ނޭނގޭ ގޮތަށް ރިޕޯޓުކުރަނީ ހަމަލާއެއް ލިބިދާނެ ކަމުގެ ބިރަށް ކަމަށް ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ނޫސްވެރިން ބުނެފައިވާ ކަމަށް އެ ރިޕޯޓުގައި އިތުރަށް ބުނެފައިވެއެވެ.