03 May 2024, 08:23
އިންޑިއާގެ ގިނަ ފިލްމީ ތަރިންތަކެއް މިހާރު ވެސް އެމްބެސެޑަރުކަން ކުރަމުން އަންނަ މަޝްހޫރު ލަކްސް ބްރޭންޑު ސައިބޯނީގެ އެމްބެސެޑަރަކަށް ސުހާނާ ޚާން ހަމަޖައްސައިފިކަން އިއުލާނުކޮށްފިއެވެ.
ސައުތު އޭޝިއާގެ އިތުރުން މެދުއިރުމަތީ އަދި ސައުތު އެފްރިކާގައި ވެސް ބޮޑު މަގުބޫލުކަމެއް ލިބިފައިވާ މި ބްރޭންޑާ ސުހާނާ ގުޅުނުކަން އިއުލާނުކޮށްފައިވަނީ ލަކްސް ބްރޭންޑު ތައާރަފުކުރިތާ 100 އަހަރު ފުރުން ފާހަގަކުރުމާ ދިމާކޮށެވެ. ސުހާނާއަކީ މިހާރުގެ ގިނަ ޒުވާނުންގެ މެދުގައި މަގުބޫލު މީހެއް ކަމުން ލަކްސްއާ ގުޅިގެން ސުހާނާ މަސައްކަތްކުރާނީ ޒުވާނުންގެ މެދުގައި ލަކްސް މަގުބޫލު ބްރޭންޑަކަށް ހެދުމަށެވެ. މިއީ ޝާހްރުކްގެ އާއިލާއިން މި ބްރޭންޑަށް އެމްބެސެޑަރަކު ހަމަޖެއްސި ދެވަނަ ފަހަރެވެ.

އިންޑިއާގައި ވަރަށް ކުލަގަދަކޮށް ބާއްވަމުން އަންނަ ލަކްސް އެވޯޑު ޝޯގެ ކުރީގެ ޕޯސްޓަރެއް--ފޮޓޯ/ފޭސްބުކް
ލަކްސް ބްރޭންޑަށް އާއްމުން ހޭލުންތެރި ކުރުވުމުގެ ގޮތުން މި ބްރޭންޑާ އެކު މަސައްކަތްކުރާ ތަރިންގެ ތެރޭ ޝާހްރުކް ޚާން ވެސް ހިމެނެއެވެ.
ލަކްސް ސައިބޯނި ބްރޭންޑަކީ އަންހެނުން ބާރުވެރި ކުރުވުމަށް ވެސް ވަރަށް ބޮޑު އިސްކަމެއްދީ އެކަމަށް ހާއްސަ ކެމްޕެއިންތައް ވެސް ހިންގާ ބްރޭންޑެކެވެ. އަދި. މި ބްރޭންޑާ ގުޅިފައިވާ އެކްޓަރުން ރަމްޒުކޮށްދެނީ އަންހެނުން ބާރުވެރި ކުރުވުމުގައި ފިރިހެނުންގެ އެއްބާރުލުން މުހިއްމު މިންވަރެވެ.
ސުހާނާގެ އިތުރުން ލަކްސްގެ އެމްބެސެޑަރުންގެ ގޮތުގައި މަސައްކަތްކުރާ ތަރިންގެ ތެރޭ ހެމާ މާލިނީ، ކަރީނާ ކަޕޫރު ޚާން، ޖޫހީ ޗާވްލާ އަދި ކުރީގެ ބަތަލާ ސްރީ ދޭވީ ހިމެނެއެވެ.
ނެޓްފްލިކްސްއިން ގެނެސްދިން "ދަ އާޗީސް"އިން ފިލްމީ ދާއިރާއަށް ނުކުތް ސުހާނާ ވަނީ މަޝްހޫރު ބްރޭންޑް މެއިބެލައިންގެ އެމްބެސެޑަރު ކަމަށް ވެސް ސޮއިކޮށްފައެވެ. ސުހާނާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ބައްޕަ ޝާހާ އެކު މަސައްކަތް ފަށަން ނިންމާފައިވާ ފިލްމު "ކިންގް"އިންނެވެ.