10 Jun 2012, 18:38
ދިރާގު ދިވެހި ލީގުގައި ނިއު އަތުން 5-1 އިން ބަލިވެ މާޒިޔާ ފަހަތަށްދާން ފަށައިފި އެވެ.
މިއަދުގެ މޮޅާއެކު ޖުމުލަ 21 ޕޮއިންޓާއެކު ޓޭބަލުގެ އެއްވަނާގައި ފައި ހަރުކުރި ނިއު އަށް ކެޕްޓަން އަހުމދު ތޯރިގް (ޓޮމް) އާއި އަލީ އަޝްފާގް (ދަގަނޑޭ) ވަނީ މިއަދު ދެ ގޯލު ޖަހައިފަ އެވެ. ނިއުގެ ފުރަތަމަ ގޯލަކީ އަލީ އުމަރު ވައްޓާލުމުން ލިބުނު ޕެނަލްޓީ އަކުން އަހުމަދު އަބުދުﷲ (ލިލީ) ކާމިޔާބުކޮށްދިން ގޯލެކެވެ.
މި މެޗުގެ ފުރަތަމަ ލަނޑު ޖެހާ ލީޑް ނެގީ މާޒިޔާ އެވެ. ފުރަތަމަ 15 މިނިޓް ތެރޭގައި އެ ޓީމުން ލީޑް ނެގީ ރަނގަޅު ދެ ފުރުސަތު ބޭކާރުވެފައިވަނިކޮށް ހުސައިން ނިޔާޒް މުހައްމަދު (ބޮކުރީ) އެވެ. މުޅި މެޗުގައި މާޒިޔާ އަށް ލަނޑު ޖަހަން ލިބުނު އެހްނެ ދެ ފުރުސަތެއް ބޭކާރުކޮށްލީ އަހުމަދު ރަޝީދު (އައްމަޑޭ) އެވެ. ނަމަވެސް ކީޕަރު މުހައްމަދު އިމްރާނު ވަނީ މޮޅު ދެ ސޭވްކޮށްފަ އެވެ.
މެޗަށް ފަހު ނިއުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ ކުޅުންތެރިން ކުރި މަސައްކަތަށް ޝުކުރު އަދާކުރާކަމަށާއި ކުޅުމާ މެދު ވެސް ހިތްހަމަ ޖެހޭ ކަމަށެވެ.
ލީގުގައި 11 ޕޮއިންޓާއެކު ހަތަރު ވަނާގައި އޮތް މާޒިޔާގެ ކޯޗު އިސްމާއީލް މަހުފޫޒު (އިންމަ) ބުނީ ލިބުނު ފުރުސަތުތައް ބޭނުން ނުކުރެވުނުއިރު ކުޅުމާމެދު ހިތްހަމަ ނުޖެހޭ ކަމަށެވެ.
މެޗަށް ފަހު މާޒިޔާގެ ބައެއް ކުޅުންތެރިންނާއި އޮފިޝަލުންނާއި ނިއުގެ ބައެއް ސަޕޯޓަރުންނާމެދު ތަޅާފޮޅުންތަކެއް ދިޔަ އެވެ. މިކަން މައިތިރި ކުރީ ދެ ޓީމުގެ އޮފިޝަލުންނާއި ކުޅުންތެރިންވެގެންނެވެ.