ދިވެހި އަސްކަރިއްޔާ އަށް ނިސްބަތްކޮށް ހަޤީޤަތާ ޚިލާފު ވާހަކަތައް ދައްކައި ރިޕޯޓްތައް ނެރެ ރައްޔިތުންގެ ހިތްތަކުގައި އެ މުވައްސަސާގެ އިތުބާރު ގެއްލޭ ފަދަ ގޮތްގޮތަށް ޢަމަލުކުރާ ފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އަޅަން ފަސްނުޖެހެނޭ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

މިއަދު އަސްކަރިއްޔާ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މިދިޔަ ފެބުރުއަރީ މަހުގެ ހަތް ވަނަ ދުވަހު ވެރިކަންބަދަލުވި ހާދިސާއާ ގުޅުވައި އަސްކަރިއްޔާ އަށް އަމާޒުކޮށް ބައެއް ފަރާތްތަކުން ދަނީ ހަގީގަތާ ހިލާފު ވާހަކަ ދައްކައި އާންމުކުރަމުން ކަމަށާއި އެގޮތަށް ޝާއިއު ކުރަމުންގެންދާ ލިޔުންތައް ނުވަތަ ރިޕޯޓްތަކުގައި ހިމަނާ ތަފާތު މަޢުލޫމާތުތަކަކީ ވަކި ސިޔާސީ ފިކުރަކަށް ނުވަތަ ފަރުދީ ވިސްނުމުގެ މައްޗަށް ޝާއިއު ކުރާ ލިޔުންތަކެއް ކަމުގައި އެމްއެންޑީއެފް އިން ދެކޭ ކަމަށާއި އަދި އެމްއެންޑީއެފްގެ ވަކިވަކި ފަރުދުންނަށް ރައްދުވާ ގޮތަށް އެއްވެސް ޙަޤީޤަތެއް ނެތް ދޮގު ވާހަކަތަކެއް ޝާއިޢުކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ޢަމަލެއް ކަމުގައި ދެކޭ ކަމަށް ވަނީ ބުނެފަ އެވެ.

"...ހަތެއް ފެބްރުއަރީ 2012ގެ ހާދިސާ ހިނގައި ދިޔަގޮތް ބެއްލެވުމަށް ސަރުކާރުން ވަކި ކޮމިޝަނެއް ހައްދަވައިގެން ދަނީ މަސައްކަތް ކުރައްވަމުން. ނަމަވެސް މިކޮމިޝަނުން އާންމު ކުރަމުން ނުދާ ބައެއް މަޢުލޫމާތުތައް "07 ފެބުރުއަރީ" ހާދިސާއާ ގުޅުވައި، ދިވެހި އަސްކަރިއްޔާ އަށް އަމާޒުކޮށް ބައެއް ފަރާތްތަކުން ދަނީ އާންމު ކުރަމުން. މިގޮތަށް ޝާއިއު ކުރަމުންގެންދާ ލިޔުންތައް ނުވަތަ ރިޕޯޓްތަކުގައި ހިމަނާ ތަފާތު މަޢުލޫމާތުތަކަކީ ވަކި ސިޔާސީ ފިކުރަކަށް ނުވަތަ ފަރުދީ ވިސްނުމުގެ މައްޗަށް ޝާއިއު ކުރެވޭ ލިޔުންތަކެއް ކަމުގައި އެމްއެންޑީއެފް އިން ދެކެން. އަދި އެމްއެންޑީއެފްގެ ވަކިވަކި ފަރުދުންނަށް ރައްދުވާ ގޮތަށް އެއްވެސް ޙަޤީޤަތެއް ނެތް ދޮގު ވާހަކަތަކެއް ޝާއިއުކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ޢަމަލެއް ކަމުގައި ދެކެން،" ބަޔާނުގައިވެ އެވެ.

އަސްކަރިއްޔާގެ ބަޔާނުގައި އަދި ބުނެފައި ވަނީ ފުރިހަމަ ތަޢުލީމާއި ތަމްރީނާއި ތަޖުރިބާ ލިބިފައި ނުވާ ފަރާތްތަކުން އެމްއެންޑީއެފްގެ ވަކިވަކި ފަރުދުންނަށް އަމާޒުކޮށް އެފަދަ ރިޕޯޓްތައް ނެރުމުން، އެއްވެސް ކުށެއް ނެތް ބައެއްގެ އަބުރާއި، ޢިއްޒަތާއި ޝަރަފާއި ޤަދަރަށް އަދި ނަމަށް ހުތުރުވުން ނޫން ކަމެއް ޙާޞިލު ނުކުރެވޭނެ ކަމަށް ވެސް ދެކޭކަމަށް ވަނީ ބުނެފަ އެވެ.

ބަޔަނުގައި އަދި ބުނެފައި ވަނި ދިވެހި އަސްކަރިއްޔާ އަބަދުވެސް މަސައްކަތް ކުރާނީ އެއިރަކު އޮންނަ ޤާނޫނީ ސަރުކާރަކަށް ކިޔަމަންތެރިކަން އަދާކުރުންމަތީ ތިބި ކަމަށާއި ދިވެހި އަސްކަރިއްޔާ ސާބިތުވެ ދެމިއޮންނާނީ މާތް ވެގެންވާ އިސްލާމްދީނުގެ ޙިމާޔަތާއި މުޅި ދިވެހި ޤައުމާއި ދިވެހި ރައްޔިތުންގެ ޙިމާޔަތުގައި ރައްޔިތުންނަށް ޚިދުމަތްކުރުމުގައިކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް ޔަޤީންކޮށް އަރުވާ ކަމަށެވެ.

".. ވަކި ސިޔާސީ ފިކުރެއްގެ ބަޔަކު ޙަޤީޤަތާއި ޚިލާފު ދޮގު ވާހަކަތައް ދިވެހި އަސްކަރިއްޔާ އަށް ރައްދުވާގޮތަށް ދައްކާ ދިވެހި ލޮބުވެތި ރައްޔިތުންގެ ހިތުގައި ދިވެހި އަސްކަރިއްޔާއާ މެދު ނަފުރަތު އުފައްދާ، އިތުބާރު ގެއްލޭ ފަދަ ވާހަކަތައްދައްކާ، ރިޕޯޓްތައް ނެރެ ހަދަމުން ދާތީ މި މުއައްސަސާ އިން ކަންބޮޑުވެ، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" ބަޔާނުގައިވެ އެވެ.

އަދި ބުނެފައި ވަނީ ރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކަލެއް އަތުވެދާނެ ކޮންމެ ކަމެއް ހުއްޓުވުމަށް ޤާނޫނީ އިމުގެތެރެއިން އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް، ފަސްޖެހުމެއްނެތި އެޅުމަށް ދިވެހި އަސްކަރިއްޔާ ތައްޔާރަށް އޮތް ކަމަށެވެ.