22:10


ކައުންސިލުތައް ގާއިމުކުރާނެ ރަށްތައް ގެޒެޓްކުރެވި، ސާފުވާން ނެތުމުން ލޯކަލް ކައުންސިލް އިންތިހާބާ ދިމާއަށް ދާން ހުރަސްތަކާ ކުރިމަތިވެ، މަގު ބެދޭގޮތް ވެއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.


ސަންއެފްއެމް އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިރޭ ވިދާޅުވީ މި އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ލޯކަލް ކައުންސިލުތަކުގެ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން  ދަތުރު ފަށައިފައި ވީ ނަމަވެސް އިންތިހާބު ބޭއްވުމަށް ދެ ބާވަތެއްގެ ހުރަސް މިވަގުތު ދިމާވާ ކަމަށެވެ. ވީހާ ވެސް އަވަހަކަށް އެ ކަންކަން ހައްލު ކުރުމަށް ސަރުކާރާއެކު ވާހަކަ ދައްކައި، ދެ ފަރާތުން މައުލޫމާތު ބަދަލުކުރަން ފައްޓަވައިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


ފުއާދު ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަކާ ދިމާއަށް ދާންޖެހިފައިވާއިރު، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކެއް ކަނޑައަޅާފައި ވިޔަސް އެފަދަ ބައެއް ރަށްރަށުގައި ދިރިއުޅޭ މީހުންގެ ރަޖިސްޓްރީއެއް ހެދި ގެޒެޓްވެފައި ނެތް ކަމަށާއި މި ހާލަތުގައި ލޯކަލް ކައުންސިލުތަކުގެ އިންތިހާބެއް ބާއްވާނަމަ އެ ސުވާލު އުފެދޭ ކަމަށެވެ.


"މިސާލަކަށް ބަލަމާ ޅ. ފެލިވަރު، އިއުލާނެއް ކުރައްވައި އެއީ މީހުން ދިރިއުޅޭ ރަށެއް ކަމަށް ވަނީ ކަނޑައަޅުއްވައިފަ. ނަމަވެސް އެ ރަށުގައި ދިރިއުޅޭ މީހުންގެ ރަޖިސްޓްރީއެއް ގެޒެޓްވެފައެއް ނެތް. ހަމަ އެހެން އެ އަތޮޅު މާފިލާފުށީގައި މީގެ ވިއްސަކަށް އަހަރު ކުރިން ފެށިގެން މީހުން ދިރިއެބައުޅޭ. އެ ރަށުގައި އުޅުނަސް އެ އެންމެންނަކީ އަދިވެސް އެމީހުންގެ ކުރީގެ ރަށުގެ ނަމުގައި އައިޑީ ކާޑް އޮތް މީހުން. އެ ހިސާބުން ސުވާލު އުފެދޭ އެފަދަ ރަށްރަށުގައި ކައުންސިލް ހެދޭނެތޯ ނޫންތޯ؟ އެމައްސަލަ ކޮމިޝަނަށް ސާފުވާންޖެހޭ،" ފުއާދު ވިދާޅުވި އެވެ.


ރަޖިސްޓްރީގެ މައްސަލަ އަކީ ބޮޑު އެއް މައްސަލަ ކަމަށާއި އެފަދަ އަނެއް މައްސައަކީ އެއް ފަޅެއްގައި އެއްފަސްކޮށް އޮންނަ ރަށެއް ބެލެވޭނީ އެއްރަށް ކަމުގައިތޯ ނުވަތަ ނުވަ ވަކި ރަށްރަށުގެ ގޮތުގައިތޯ ކަނޑައެޅުމުގެ މައްސަލަ މި ވަގުތަށް ނުކުންނަ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.


އިދާރީ ގޮތުން ވަކި ރަށު އޮފީހެއް ހުންނަ ކޮންމެ ރަށަކީ ވަކި ރަށެއް ކަމަށް ލޯކަލް އިންތިހާބުގެ ގާނޫނު މާނަކުރެ އެވެ. ނަމަވެސް ފުއާދު ވިދާޅުވީ ލާމަރުކަޒީ ގާނޫނުގައި އެއް ފަޅުގައި ހިކިފަސްކޮށް އޮންނަ ރަށެއް ބެލެވޭނީ އެއް ރަށެއް ގޮތުގައި ކަމަށް މާނަކުރެވޭ ކަމަށާއި މި އިންތިހާބު ބާއްވާއިރު ކޮމިޝަނަށް އެކަން ވެސް ސާފުވެ ގޮތެއް ހިޔާރުކުރެވެންޖެހޭ ކަމަށެވެ.


"އެހެން ހުރި ރަށްތަކެއް އެބަހުރި. މިސާލަކަށް ލ. ފޮނަދޫން ފެށިގެން ގަމާ ހަމައަށް. އައްޑު އަތޮޅުގެ ރަށްތައް. މިހިރީ ހުރި ދަތިތައް،" ފުއާދު ވިދާޅުވި އެވެ.


ފުއާދު ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމަށް މިވަގުތު ދަތިތަކެއް ހުރި ނަމަވެސް ސަރުކާރާ ވާހަކަ ދެކެވި މައުލޫމާތު ބަދަލުކުރުމުގެ ތެރެއިން މި މައްސަލަ ވަރަށް އަވަހަށް ހައްލުވެ ސަރުކާރުން ކަނޑައަޅާ ގޮތެއް ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވާ ކަމަށެވެ.