02 May 2024, 11:16
ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުން އިތުރުކުރުމަށް އެމެރިކާ އަސްކަރިއްޔާއިން ހަދަމުންދާ ވަގުތީ ބަނދަރު ދެބައިކުޅަ އެއްބައި ނިމިފައިވާ ކަމަށް އެމެރިކާގެ އަސްކަރީ މަރުކަޒު، ޕެންޓަގަންއިން ބުނެފިއެވެ.
ބަނދަރު ހަދަން ފަށައިފައިވާ ކަމަށް އިއުލާނުކޮށްފައި ވަނީ މިދިޔަ މަހު 25 ވަނަ ދުވަހުއެވެ. މި މަހުގެ ކުރީކޮޅު ބަނދަރު އެއްކޮށް ނިންމައިލެވޭނެ ކަމަށް ޕެންޓަގަންގެ އޮފިޝަލުން ބުނެއެވެ.
"މިއަދުގެ ނިޔަލަށް ބަނދަރު ގާއިމް ކުރުމުގެ މަސައްކަތް 50 އިންސައްތައަށްވުރެ ބޮޑަށް ނިމޭނެ." ޕެންޓަގަންގެ ޑެޕިއުޓީ ޕްރެސް ސެކްރެޓަރީ ސަބްރީނާ ސިންގް ނޫސްވެރިންނަށް ވިދާޅުވިއެވެ.
އެ ބަނދަރު ހެދުމަށް ގާތްގަޑަކަށް 320 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ބެލެވޭ ކަމަށް ޕެންޓަގަނުން ބުނެއެވެ.
ޣައްޒާގެ އާންމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބަނދަރު ހަދާނެކަން އިއުލާނުކުރެއްވީ މިދިޔަ މާޗް މަހު އެމެރިކާގެ ރައީސް ޖޯ ބައިޑެންއެވެ.
އިސްރާއީލު ފައުޖުތަކުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކަށް ހަ މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ޣައްޒާގެ އިންސާނީ ހާލަތު ވަނީ ވަރަށް ގޯސްވެފައެވެ. ގާތްގަނޑަކަށް 2.2 މިލިއަންގެ އާބާދީއެއް އޮންނަ ޣައްޒާގެ މުޅި އާބާދީ ވަނީ ބަނޑަށް ޖެހިފައެވެ. ކާނާއާއި ސާފު ފެން އަދި ބޭސްފަދަ ޒަރޫރީ ބޭނުންތައް ފުއްދަން ބޭނުންކުރާނެ ސާމާނުވެސްނެތި ބަނޑުހައިހޫނުކަމާއި ގަދަ ހޫނުގެ ސަބަބުންވެސް އެތައް ބަޔަކު އަންނަނީ ޝަހީދުވަމުންނެވެ.
ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތް ނައްތައިލަށް ކަމަށް ބުނެ އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 34،568 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.