10 Jun 2012, 17:36
ވެރިކަން ބަދަލުވެފައި ވަނީ ބަޣާވާތަކުން ކަން، ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ އިން މިހާރު ހާމަކޮށްފައިވާ ކަން ހިނގާ ދިޔަ ގޮތުގެ ތަރުތީބު (ޓައިމް ލައިން) އިން ހާމަވެފައިވާ ކަމަށާއި އެހެންވީމާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް އެމްޑީޕީން ބުނެފި އެވެ.
މާލޭ ސިޓީ ހޯލްގައި މިއަދު އޮތް ނޫސް ކޮންފަރެންސެއްގައި، ރާއްޖޭގެ ވެރިކަން ބަދަލުވި ގޮތް ތަހުގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ އިން ހާމަ ކުރި ޓައިމްލައިން ކަން ހިނގައި ދިޔަ ގޮތުގެ ތަރުތީބާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އެމްޑީޕީގެ ސްޕޯކްސް ޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ރައީސް ވަހީދު އުފެއްދެވި ކޮމިޝަނަކީ އެމްޑީޕީން ގަބޫލުކުރާ ކޮމިޝަނެއް ނޫން ކަމަށާއި އެހެން ނަމަވެސް އެކޮމިޝަނުން އާއްމު ކުރި ޓައިމް ލައިނުން ވެސް އެއީ ބަޣާވާތެއް ކަން އެނގޭ ކަމަށެވެ. އަދި ވިދާޅުވީ ވެރިކަން ބަދަލުވީ ބަޣާވާތަކުން ކަން އެނގި ވަޑައިގެންފި ނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ރައީސް ވަހީދު ރާއްޖޭން ބޭރުގެ އެތައް ތަނެއްގައި ވިދާޅުވެފައިވާ ކަމަށާއި އެހެންވީމާ މިހާރު އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށެވެ.
"އަޅުގަނޑުމެން އަބަދުވެސް ދަންނަވަމުން މިގެންދާ ވާހަކައަކީ އަޅުގަނޑުމެން ގަބޫލުކުރާ ކޮމިޝަނެއް ނޫނޭ އެކޮމިޝަނަކީ. އެއީ ވަހީދު އަމިއްލަ ފުޅަށް އައްޔަން ކުރައްވާފައިވާ ކޮމިޝަނެކޭ، އެހެން ނަމަވެސް އެކޮމިޝަނުން ނެރުއްވި ރިޕޯޓުން ވެސް އެބަ އިނގޭ އެއީ ބަޣާވާތެއް ކަން،" އިމްތިޔާޒް ވިދާޅުވި އެވެ.
އިމްތިޔާޒު ވިދާޅުވީ ކޮމިޝަނުން ނެރުއްވި ޓައިމް ލައިނާ ގުޅިގެން ވެސް އަވަހަށް ރައީސް ވަހީދު އިސްތިއުފާ ދެއްވުމަށް އެމްޑީޕީން ގޮވާލާ ކަމަށެވެ.
ފުރަތަމަ އުފެއްދެވި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ ކޮމިޝަނަކީ މިނިވަން ކޮމިޝަނެއް ކަމަށް އެމްޑީޕީން ގަބޫލު ނުކުރާ އިރު އެކޮމިޝަނުން އާއްމު ކުރި މައުލޫމާތަކީ ސައްހަ މައުލޫމާތު ކަމަށް ގަބޫލުކުރައްވަންތޯ އަދި އެކޮމިޝަނުގެ މަސައްކަތަށް އިތުބާރު ކުރައްވަންތޯ ނޫސްވެރިއަކު ދެންނެވުމުން އިމްތިޔާޒް ވިދާޅުވީ އެކޮމިޝަނަކީ މިނިވަން ކޮމިޝަނެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެކޮމިޝަނަކީ، ގަބޫލު ނުކުރާ ކޮމިޝަނަކަށް ވިޔަސް، އެކޮމިޝަނުން ނެރުނު ރިޕޯޓުން ވެސް އެއީ ބަޣާވާތެއްކަން ހާމަ ވާތީ އެއަށް ވެސް ރިއާޔަތް ކުރުން މުހިއްމު ކަމަށެވެ.
"އަޅުގަނޑުމެން މި ދަންނަވަނީ ކުރިން މިއުފެއްދި ކޮމިޝަނަކީ އަޅުގަނޑުމެން ގަބޫލުކުރާ ކޮމިޝަނެއް ނޫނޭ، ދެން އަޅުގަނޑުމެން މިފާހަގަ ކޮށްލި ނުކުތާއަކީ، އެކޮމިޝަނަކިީ އަޅުގަނޑުމެން ގަބޫލު ނުކުރާ ކޮމިޝަނަކަށް ވާއިރު ވެސް އެކޮމިޝަނުން ނެރުއްވި ނުކުތާ ތަކަށް ބެލީމަވެސް އެއީ ބަޣާވާތެއް ކަން އެނގެއޭ. އެހެން ވީމާ މީވެސް ހަމަ ރިއާޔަތް ކުރަން ރަނގަޅު ނުކުތާތަކެއް ކަަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ،" އިމްތިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަލަށް އެކުލަވާލި ކޮމިޝަނުން ވެސް އެ މައުލޫމާތަށް ބަލާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.