02 May 2024, 11:07
"ފަހުން އަޅުކަން ކުރުމުގެ ނިޔަތުގައި ޒުވާން އުމުރު ބޭކާރުގޮތުގައި ދުއްވައިނުލާށެވެ. އެދުވަސް ނުދެކި ހެއްދެވި ފަރާތާއި ބައްދަލުކުރަން ޖެހިދާނެއެވެ."
***
" އާދެވިއްޖެ ދޯ...ގުޑްލަކް ފޯ ދަ ކޮންފަރެންސް...މިހާރު ވަރަށް ލަސް ވެފަ....ޓޭކް ކެއަ....ހިނަގ ދާން ގެލިބްތެ...." އެންމެ ސިކުންތަކަށް ވެސް ފަރަހް އާއި ވާހަކަ ދެއްކުމަކަށް މާޒިމް ގެ ޝައުގެއްނެތެވެ. އަދި ފަހު ޖުމްލަ ބުނެލީ އުރުޖުވާން އަށް ލޯބިން ފުރިގެން ވާ ބެލުމަކުން ބަލާލަމުންނެވެ. ފަރަހް ގެ ދޫ ބަންދުވެ ހިތް ފަޅައިގެން ދާވަރުވިއެވެ. އަދި ހަސަދައިން ފުރިގެންވާ ބެލުމަކުން އުރުޖުވާން އަށް ލޯ އަޅާލިއެވެ. މާޒިމް އާއި އުރުޖުވާން ލޯ މަތީން ދިޔަ އިރުވެސް ފަރަހް އަށް ހުރެވުނީ ގަބުވެފައި ބުނާނެ އެއްޗެއް ނޭނގިފައެވެ. ފޮށިތަކާއި އެއްޗިހި ހިފައިގެންދާތަން ފެނުނީ އަދި މާ ފަހުންނެވެ. ފަރަހް ގެ ރުޅި މަތަ ކުރާން އުނދަގޫ ވީ އެތަނުގެ މުވައްޒަފަކު މާޒިމް އާއި އުރުޖުވާން އަށް ތަޢުރީފް ކުރުމުންނެވެ. އޭނަ އެމީހާ އާއި ދިމާ އަށް ވެސް ހަޅޭއްލަވައިގަތެވެ. އަދި އަވަހަށް ފޯނު ކުރީ ފަހަދްއަށެވެ.
***
އިރުގެ އަލިކަމުގެ ފަހު ދޯދިތައް ވިލާތަކުގައި ވިދަމުންދިޔައީ މަޑު ނޫކުލަޔާއި ރަނާއި ފިޔާތޮށި ކުލައިން އުޑުމަތީގައި ފާއްދާލަމުންނެވެ. އެ ޖާދުވީ މަންޒަރަށް އިތުރު ފުރިހަކަމެއް ގެނެސްދިނީ ފައިބަމުން ދިޔަ ސްނޯއިން މުޅި ބިންގަނޑު ފުރާލަދިނުމުންނެވެ. އެ ހުދު ދޫލަމަތީ އެޅެމުންދިޔަ ހިޔަނިތަކުގެ ކުލަ ގަދަވާންފެށިއެވެ. އެ މުޅި ތަނަށް ދިރުން ގެނެސްދެނީ ކަައިރީގައި އަޅާފައިވާ ކުދި ކުދި ގެތަކެވެ. ޗިމްނީތަކުން ފާޅުވަމުންދާ ދުމުގައިވެސް ވީ އާދަޔާ ޚިލާފު ހިތަށް ފިނިކަން ލިބޭ ފަދަ ހިތްހަމަޖެހުމެކެވެ. ފަރުދާގެ ފުރަގަހުގައި ވާ ކަމެއް ނޭގުނެއް ކަމަކު ދެކޭ މީހަކަށް އެއިން ކޮންމެ ގެއެއްގެ ބޭރުން ތަސައްވަރު ވަމުން ދިޔައީ އުފަލާއި ހިތްހަމަޖެހުމެވެ. ފަރބަދަ ކަނޑައިގެން ހަދާފައި ވާ މިހިސާބުގެ އެންމެ މަތީގައި ހުރި ކޮޓެޖް ގެ އަލި މުޅިތަނަށް އެޅެމުން ދިޔައިރު އެގެވެސް ވިދައެވެ. ފަރުބަދަ މަތީގައި ހެދޭ ނާދިރު ކުދި ރަތް ފިނިފެންމަލުގެ ވެލާއެއް މުޅި ފާރުގައި އެލުވިފައި އޮތެވެ. މާތަކުގެ ނާޒުކު ފަތްތަކުގައިވެސް ހުދު ޖަވާހިރުފަދައިން ސްނޯ ތަތްލަވާފައި ހުރި ނަމަވެސް ގަދަ ރަތް ކުލަ ފާޅުވެއެވެ. ދޮރުކައިރީ ހުރި އަންހެން މީހާ ގެ މޫނު ފޮރުވިފައިވީ ރީނދޫ ސްކާފް ފާޅުކަން ބޮޑުގޮތެއްގައި ފާހަނގަވިއެވެ. އޭނަ މަޑުކޮށްލައިގެން ހުރީ މާޒިމް އާއި އުރުޖުވާންއަށް މަރުހަބާ ކިޔުމަށެވެ.
"ވެލްކަމް، ވެލްކަމް، މައި ޑިއަސް....." ޖޯޝުން ފުރިގެންވީ މަރުހަބާއެކެވެ. ޒެލްޑާ އެ ދުވަހަކަށް އެހާމެ އިންތިޒާރު ކުރަމުން އައި ދުވަސް ނިމުމަކަށް އައީއެވެ. ފުރަތަމަވެސް އުރުޖުވާން ގެ ގައިގައި ބައްދާލެވުނީ ފުން ނޭވާއަކާ އެކީއެވެ. ލޯބިން ފުރިގެން ވި ބެލުމެއްގައި އުރުޖުވާން ގެ މޫނަށް ބެލުނީ ހިތް ފުރެންދެނެވެ. އެ ލޯ ތެންމައިލަން ހިނދުކޮޅެއްވެސް ނުނެގިއެވެ. އަމިއްލަ ދަރިފުޅުގެ ހަނދާންތަކުންނެވެ. މާޒިމް ގެ އަތުގައި އޮތް މާބޮނޑިއަކާއި އަދި ހަދިޔާ ކޮތަޅެއް ދިއްކޮށްލީ ހިނިތުންވުމާއެކު ޝުކުރުއަދާކުރަމުންނެވެ. އެ ކޮޓެޖް ގެ އެތެރެ ތަނަވަސްވަހެވެ. މުޅި އެ ތަން ހޫނު ކޮށްދެމުން ދިޔަ ލަކުޑިތައް އަނދަމުންދިޔައިރު ތަނުގައި ހިފައިފާ ހުރީ ތާޒާ ބޮޑު އާވިފަތްތަކުގެ ވަހެވެ.
" ހާދަ މީރުވަހެއް....ހަމަ ހިތްފުރޭހާ.....ހުރިހާ ކަމެއް މިހާ ފުރިހަމަކޮށްދެއްވީ ތީ ޝުކުރު އަދާކުރާން ގޮތެއްވެސް ނޭނގިފަ..." އުރުޖުވާން ސޯފާގައި ހަމަޖެހިލަމުން ޒެލްޑާއަށް ތައުރީފުކުރިއެވެ. ޒެލްޑާގެ ހިތް ތައުރިފް ކުރީ އެ ދެމަފިރިންނަށެވެ. ދައުވަތު ގަބޫލުކޮށްގެން އައުމުންނެވެ. ރޭގަނޑުގެ ކެއުމަށް ތައްޔާރުކުރެވިފައިވީ ރޯސްޓެޑް ޗިކެން އަދި ބޭކްޑް ޕޮޓޭޓޮސް އެވެ. ކުޑަ ކުޑަ ބަދިގެ އާއި ކާ ގެ އެކީގައި ހުރި އިރު މުޅި ގެ ފަރުމާ ކޮށަފއި ވަނީ އިހުގެ ޒަމާންވީ ގޮތަށެވެ. ކެއުމުގެ ތެރޭގައި ހިއްސާކުރެވެމުން ދިޔަ ވާހަކަ ތަކުން އިސްލާމް ދީނަށް ޒެލްޑާ ޝައުގުވެރިވާކަން ވެސް ހާމަވެގެން ދިޔައެވެ.
" ވެއިޓް...ކްލޯޒް ޔޯ އައިސް..." އުރުޖުވާން އެދުނެވެ. ޒެލްޑާގެ ހިތް ބޭގަރާރުވެ އިންތިޒާރުގައި ހުރެވުނީ އުރުޖުވާން ކުރަން އުޅޭކަމެއް ނޭގިފައެވެ. މާޒިމް ވެސް ލޯ ހިމަކޮށްލަމުން ޝައުގުވެރިކަމާއެކު އުރުޖުވާންއަށް ނަޒަރު ހުއްޓައިލިއެވެ. ހިނދުކޮޅަކަށްފަހު އުރުޖުވާން ކުޑަ މުސްހަފް އެއް ޒެލްޑާގެ އަތަށް ލައި ދިނެވެ. ގުރުއާންގެ އިނގިރޭސި ތަރުޖަމާއެކެވެ. އަރަބި ބަހާއި އެކު އިނގިރޭސި ބަހުން ހުރުމުން އިތުރަށް ބޭނުންތެރިއެވެ. ޒެލްޑާގެ ލޯ އުޖާލާވީ އުރުޖުވާންގެ ހިތުގެ ސާފު ކަން އެނގިއެވެ. މާޒިމް ހައިރާންވެ އަންތަރީސްވެފައި ހުރީ އުރުޖުވާން އަށް އެ މުސްހަފް އެހާ ޚާއްސަވި އިރުވެސް ޒެލްޑާއަށް ހަދިޔާކުރުމުންނެވެ.
" މި މާމަ ދެއްވި މުސްހަފެއް. އުރޫޖް ގެ އުމުރުން ހަތް އަހަރުގަ. އެކަމު މާމަ އަބަދުވެސް ބުނާނެ....ކޮންމެވެސް ދުވަހަކުން ޤުރުއާންގެ ބޭނުން ޖެހިފައިވާ މީހަކު ފެނުނު ދުވަހަކުން އެ މީހަކަށް ހަދިޔާ ކުރަން....އެހެންވެ އަބަދުވެސް މި މުސްހަފް ދަބަސް ތެރޭގައި ގެންގުޅެން....." އުރުޖުވާން އަސަރާއެކު ކިޔައިދިނެވެ. މާޒިމް ގެ ހިތް ލޯބިން ފުރުނެވެ. އަދި ޒެލްޑާގެ ގައިން ހީބިހި ނަގައިދިޔައެވެ.
"އެނގޭތަ މިހާ ހައިރާންވީ ކީއްވެކަން؟ އެހާ ބައިވަރު ތަރުޖަމާތައް ލިބެން ހުރި އިރުވެސް މި ތަރުޖަމާ ނުލިބިގެން އެތައް ބުކްޝޮޕަކަށް ދެވުނު އަދި އޮންލައިންކޮށްވެސް އެތައް ތަނެއް ހޯދުނު...އަބަދުވެސް އައުޓް އޮފް ސްޓޮކް....އެކަމު....ހާދަ އަޖާއިބު ކުރުވަނި ކަމެކޭ..." ގައިން ހީބިހި ނެގުމާއެކު ޒެލްޑާ ޚަތިމް ހުޅުވާލިއެވެ.
***
ޖައިލަމް ދައުވަތަކާއި ނުލައި ބައްދަލުކުރަން އައުމުން ނާޝިދު ހިތްހަމަނުޖެހުނަސް އެކަމެއް ނުދައްކައެވެ.ހިތާ ހިތުން ދުޢާ ކުރެވުނީ އޭނަ އަވަހަށް އެނބުރި ދިޔުމަށެވެ. ހުޝަލް ހުރުމުން ދައްކަން ބޭނުންވާ ގިނަ ވާހަކަތައް ނުދެއްކި ޖައިލަމް އަށް ވެސް ކެތްކުރެވުނީއެއް ނޫނެވެ.
"މިގެޔަށް ރީތި މެއިޑެއް ދޯ ގެންނަންވީ....އެއިރުން ކޮފީ އެއް ހާމިންވަރުވެސް ލިބޭނެތާ..." ސަމާސާ ރާގުގައި ޖައިލަމް ބުނެލީ އަވަހަށް ހުޝަލް އެތަނުން ފޮނުވާލުމަށެވެ.
" އަންކަލް ކޮފީ ތައްޓެއް ބޭނުމިއްޔާ ހަމަ ބުނަންވީ...މެއިޑަކު ގެންނާންޖެހޭ ވަރުކަމެއް ނޫނެއްނު.....މި އަންނަނީ..." ހުޝަލް އަށް ޖައިލަމް ގެ މޫނު މަތީގެ ކުލަވަރު ދެނެގަނެވުނެވެ. އަދި އެއީ ހަމަ ހުސް ބަހަނާއެއްކަން ވެސް އެނގުނެވެ. ޖައިލަމް އާއި ނާޝިދު ރައްދުގައި ދިނީ ފިނި ހުނުމެކެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުކުރެވުނެވެ. އެ ދެމިހުންގެ ދޭތެރޭގައި ނުދެކެވި ހުރި ވާހަކައިގެ ނުތަނަވަސްކަން އެ މާހައުލުގައިވެސް ހިފާލާފައިވިއެވެ. ޚުޝަލް ފޯނު ރިކޯޑަށް ލުމަށްފަހު ނާޝިދުގެ އެނދުގެ ބޯލާކޮޅުގައި ބާއްވާލާފައި ނިކުތެވެ. ޖައިލަމް އާއި ނާޝިދަކަށް އެކަމެއް ރޭކާނުލިއެވެ. މި ވޭތުވެދިޔަ ދުވަސްތަކުގައި ހުޝަލްއަށް ވަރަށް ގިނަ ކަނަތައް ތައް ދެނެގަންނަން ފަސޭހަވިއެވެ. އޭނާގެ ބައްޕަ އަށް މިހާ ފަސޭހައިން ނަބިލާ މިތާ ބެހެއްޓުމެގެ އިނތިޒާމް ހަމަޖެއްސޭނީ ޖައިލަމް ފަދަ ބާރު ގެ ބޭނުން އޮތް މީހެއްގެ އެހީ އާއި އެކު ކަން އެނގުނެވެ. ޔަގީންކުރަން ބޭނުންވަނީ ބާރު ހިފޭ ފަދަ ހެއްކެކެވެ. ނާޝިދު އަށް އެކަމުން ނުރެކެވޭނޭ ފަދަ ހެއްކެކެވެ.
***
މަދީނާ މުޅި ގޭތެރެ ހޯދާވެސް ގެންގުޅޭ ޓެޑި ބެއާ ނުފެނުނެވެ. ކެނާން އެ ލީ ތަނެއްވެސް ނޭނގެއެވެ. ހޯދާ ވަރުބަލިވި ފަހުން ހަނދާން ވީ ސްޓޯރޫމަށް ހުރިހާ އެއްޗެއް ގެންދެވުނު ކަމެވެ. ކެނާން ފެންވަރަން ވަން ގަޑި ބަލާފައި އަވަހަށް ތަޅުދަނޑިފަތި ނަގައި މިސްރާބު ޖެހީ ސްޓޯރޫމާއި ދިމާއަށެވެ. އެތަން ހުންނަނީ ގެއާއި ވަކިން ތަންކޮޅެއް ދުރުގައެވެ. އޭރު އަސުރަށް ބަންގި ދެނީއެވެ. ބަންގީގެ އަޑު އިވުނު ނަމަވެސް އޭނަ ނިންމީ އެބުދު ނަގައިގެން ނަމާދަށް ދިޔުމަށެވެ. އުވެއިސް އާއި ދިމާވުމަށް ހިތް އެދެވެނީއެވެ. އަޅާ ކޮންމެ ފިޔަވަޅަކާއެކު ފަހަތުގައި މީހަކު ހުންނަ ކަމުގެ އިހުސާސް މަދީނާއަށް ކުރެވުނެވެ. އެއާއެކު މަދީނާގެ ގަޔަށް ބޮޑު ހިޔަންޏެއް އެޅުނެވެ. އެއީ އުވެއިސް ކުރާ ސަމާސާއެއް ކަމަށް ހީކޮށް ހީލެވުނެވެ. ފަހަތަށް އެނބުރުނީވެސް އެހެންވެއެވެ.
" އުވެއިސް...އައި ނޯ ދެޓްސް ޔޫ..." މަދީނާ ފަހަތަށް އެނބުރުނެވެ. ނަމަވެސް ތުންފަތުގައިވާ ހިނިތުންވުން ވަގުތުން ނެތިގެން ދިޔައެވެ. ކުރިމަތީގައި ހުރީ އުވައިސްއެއް ނޫނެވެ. އާދަމް އެވެ. ނުލަފާ ހިންޏެއްގައި ހުރި އިރު ދަތްޕިލައިގައި ހުރީ ދަބަރު ކުލައެވެ. މަދީނާ ގެ މުޅި ހަށިގަނޑަށް ނުބައި ޒާތެއްގެ ފިނިގަނޑެއް ވަންހެން ހީވިއެވެ. އާދަމް އެގެއަށް ވަންގޮތެއްވެސް މަދީނާއަކަށް ނޭނގުނެވެ. ފިޔަވަޅުތަށް ފަހަތަށް ޖެހެވުނެވެ. ދުއްވައިގަންނަންވެސް ހިތް ބުނަމުންދިޔައެވެ.
"ކަނބުލޮ.....އެކަނި....ކޮންތަނަކަށް ދާން؟" އާދަމް ކުރިޔަށް ފިޔަވަޅެއް އެޅިއެވެ. އަދި ހޭވިފައި އޮތް އިސްތަށިގަނޑު ކަންފަތުގައި އަޅުވާލަމުން މޫނުގެ ފޮރުވިފައިވާ ބައި ހާމަކުރިއެވެ. މަދީނާ ހުރީ ބިރުން ތުރު ތުރު އަޅައެވެ.
"ބިރުނުގަނޭ.....ދެރައެއް ނުދޭނަމޭ...." އާދަމް މަދީނާއާއި ދިމާއަށް އަތް ދިއްކޮށްލިއެވެ. އެވަގުތު އައިނައިތަނެއް ނޭގި ކުޅަނދުރު ތަކެއް ފައުޅުވުމާއެކު ހަމަލާދިނީ ސީދާ އާދަމްގެ މޫނަށެވެ. އޭނާއަށް ލިބުނު ސިހުމާއި، ގައިގާ އެޅި ވޭނުން ހަޅޭއްލަވައިގަނެވުނެވެ. މަދީނާ ހިނދުކޮޅެއްވެސް ނަގާނުލައި ސަލާމަތްވާން ލިބުނު ހަނި ފުރުސަތުގެ ބޭނުން ހިފިއެވެ. ފަޔަށް ލެވުނުހާ ބާރެއްލާފައި ދުއްވައިގަތީ ގެއާއި ދިމާލަށެވެ. އަދި އެތެރެއިން ދޮރު ތަޅުލިއިރު އޭނައަށް ހުރީ މާނޭވާ ލެވިފައެވެ. ހުރެވުނީ ލޯ ފިތައި ބާރުކޮށްލަައިގެންނެވެ. ހިތް ހަމަޔަކަށް އަޅުވަން މޭމަތީގައި އަތް އަޅައިލެވުމާއެކު ހިތާހިތުން އެތައް ފަހަރު ﷲއަށް ހަމްދުކުރެވުނެވެ. ކުޅަދުރަކީވެސް ބައެއްފަހަރު ރަހުމަތެއް ނޫންހެއްޔެވެ؟
" މަދީނާ........." ކެނާން ގެ އަޑު އިވުމުންވެސް އޭނައަށް ހަޅޭއްލަވައިގަނެވުނީ ސިހުނުވަރުންނެވެ. މަދީނާ އަވަހަށް ކަންތައް ހިނގިގޮތް ކިޔައިދިނެވެ. ކެނާން އަވަހަށް މުޅި ހިސާބުގަނޑު ހޯދައިލިއިރުވެސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އިންސާނެއް ކީއްކުރަން އެހެން މަޚުލޫގެއްގެ ހިލަމެއްވެސް ނެތެވެ. އަދި ގޭޓް ވެސް ހުރީ ތަޅުލާފައެވެ.
"ނޫނޭ....ހަމަ މިތާ....ވަރަށް ބިރުވެރި މީހެއް....ކުރީ ދުވަހުވެސް މިގެޔަށް އައެއްނު މަސައްކަތަށް..." މަދީނާ ކިޔައިދޭން މަސައްކަތް ކުރިނަމަވެސް ކެނާން އަށް މީހަކު ނުފެނުމުން އެއީ މާބޮޑު ކަމަކަށް ނެހެދިއެވެ. އެއީ މަދީނާ އެކަނި ހުރުމުން ބިރުގަތީ ކަމަށް އޭނާ ނިންމިއެވެ. ދެބެއިން އެތެރެއަށް ދާން އުޅެނިކޮށް އެގޭގެ ބެލް ރިންގްވާން ވިއެވެ. ގޭޓުގެ ކެމެރާއިން އަހްމަދު ފެނުމުން މަދީނާ ގަނެފައި ހުރި ބިރުވެސް ފިލައި ދިޔައެވެ. އެންމެ އުފާވީ މެހެކް ވެސް އައީ ކަމަށް ހިތާއެވެ. އަވަހަށް ގޭޓާއި ދިމާ އަށް ދުއްވައިގަތް ހިނދު ކެނާން ހިނި އައީ އެހާ އަވަހަށް މަދީނާގެ ބިރު ފިލައިދިޔުމުންނެވެ.
" އަންކަލް......ކޮބާ މެހެކް ދައްތި..." އަހްމަދަށް ގޭޓުން އެތެރެއަށް ނުވަދެވެނީސް މަދީނާ ސުވާލުކުރިއެވެ.
ނުނިމޭ