އިންޑިއާގެ އިތުރުން ދުނިޔޭގެ އެތައް ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އެ ޤައުމުގެ ސުޕްސްޓާ ރަޖިނީކާންތުގެ ބަޔޯޕިކް އުފެއްދުމުގެ ހުއްދަ ރަސްމީކޮށް ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާއަށް ލިބިއްޖެއެވެ.

އިންޑިއާގެ ފިލްމީ ތަރިއަކާ ބެހޭގޮތުން އުފައްދާ އެންމެ ވަރުގަދަ ބަޔޯޕިކަށް ސާޖިދު ތައްޔާރުވަމުން އަންނައިރު މި ބަޔޯޕިކް ހެދުމުގެ ރައިޓްސްއާ ގުޅޭގޮތުން ބޮޑު ކޮންޓްރެކްޓެއްގައި ވެސް އޭނާ ވަނީ ސޮއިކޮށްފައެވެ. ސާޖިދު ގަބޫލުކުރާ ގޮތުން މި ބަޔޯޕިކް އުފައްދަން ޖެހެނީ ހަމައެކަނި އިންޑިއާގެ ރައްޔިތުންނަށް އެކަންޏެއް ނޫނެވެ.

ރަޖިނީކާންތުގެ ފިލްމީ ދަތުރަކީ ދުނިޔޭގެ ގިނަ ބަޔަކަށް އިބުރަތަކަށްވުމުގެ އިތުރުން މަސައްކަތުގެ މައިދާނުގައި ވަރަށް ގިނ މީހުންނަށް ހިތްވަރު ލިބޭނެ ފިލްމަކަށް ވާނެ ކަމަށް ސާޖިދު ވަނީ ބުނެފައެވެ.

ރަޖްނީކާންތު އޭނާގެ ހަގު ދަރިފުޅާއެކު--ފޮޓޯ/ޕިންކްވިލާ

ރަޖިނީކާންތު ބަސް ކޮންޑަކްޓަރުކަމުން ފެށިގެން އިންޑިއާގެ ސިނަމާގެ އެންމެ އުހަށް ކުރި ދަތުރު ގެނެސްދިނުމަކީ ވަރަށް ބޮޑު ޒިންމާއެއް ކަމުން އެކްޓަރުގެ ހަޔާތާ ބެހޭ ހުރިހާ މައުލޫމާތެއް ހޯދުމަށް ސާޖިދު އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން، ރަޖިނީކާންތުގެ ދިރިއުޅުމާ ގުޅުންހުރި ގިނަ މީހުންނާ އެކު ބައްދަލުވުންތައް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށް ސާޖިދުގެ ގާތް މީހަކު ވަނީ އިންޑިއާގެ މީޑިއާއަށް މައުލޫމާތު ދީފައެވެ.

އުމުރުން 73 އަހަރުގެ ރަޖިނީކާންތަކީ ތަމަޅަ ސިނަމާގައި މަސައްކަތް ކުރާ އެކްޓަރެއް ނަމަވެސް މިހާތަނަށް ތެލުގޫ، ކަންނާޑާ، ބެންގޯލީ އަދި ވަރަށް ގިނަ ހިންދީ ފިލްމުތަކުން ވެސް އެކްޓަރު ވަނީ ފެނިފައެވެ. މިދިޔަ އަހަރު ފިލްމު "ޖެއިލާ"އިން ފެނުނު އެކްޓަރުގެ އެންމެ ފަހުން ރިލީޒްކުރެވުނު ފިލްމަކީ މި އަހަރުގެ ފެބްރުއަރީ މަހު ރިލީޒްކުރި ސްޕޯޓްސް އެކްޝަން ފިލްމު "ލާލް ސަލާމް"އެވެ.