02 May 2024, 07:05
އިއްޔެ ނެޓްފްލިކްސްގައި ޕްރިމިއާކުރި ވެބް ސީރީޒް "ހީރާމަންޑީ"ގެ މުހިއްމު އެއް ބަތަލާ މަނީޝާ ކޮއިރަލަގެ ފުރަތަމަ ކައިވެނި ނާކާމިޔާބުވި ނަމަވެސް ލޯތްބާމެދު އަދިވެސް އިތުބާރު އެބައޮތް ކަމަށް އޭނާ ބުނެފިއެވެ.
ނޭޕާލްގެ މަޝްހޫރު ވިޔަފާރިވެރިއެއް ކަމަށްވާ ސަމްރާޓު ދަހާލް ނަމަކަށް ކިޔާ މީހަކާ އެކު މަނީޝާ 2010ވަނަ އަހަރު ކުރި ކައިވެނި ރޫޅިފައިވަނީ އޭގެ ދެ އަހަރު ފަހުންނެވެ. ކައިވެނި ރޫޅުމަށް ފަހު ބަތަލާ އިތުރު އެހެން އެއްވެސް މީހަކާ ލޯބީގެ ގޮތުން ގުޅިފައެއް ނުވެއެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ޒޫމް ޗެނަލްއަށް ދިން އިންޓަވިއުއެއްގައި މަނީޝާ ބުނެފައިވަނީ ފުރަތަމަ ކައިވެނީގެ ތަޖުރިބާއިން މާޔޫސްކަން ލިބުނު ނަމަވެސް އަލުން ލޯބީގެ ގުޅުމެއް ފަށައި، އާ ބައިވެރިއަކު ހޯދުމަށް ތައްޔާރަށްހުރި ކަމަށެވެ.

ވެބް ސީރީސް "ހީރާމަންޑީ"ގެ މަންޒަރެއްގައި މަނީޝާ ކޮއިރަލާ ފިލްމީ ތަރި ސޯނާކްޝީ ސިންގްއާ އެކު--ފޮޓޯ/ޕިންކްވިލާ
ހަޔާތުގައި ބައިވެރިއަކު ހުރުމަކީ ދިރިއުޅުން ފަޅުފިލުވައިދޭނެ ކަމެއް ކަމަށާއި އުފާވެރި އިހުސާސްތަކެއް ކުރުވާނެ ކަމެއް ކަމަށް މަނީޝާ އެއްބަސްވި ނަމަވެސް ބައިވެރިއެއްގެ އިންތިޒާރުގައި ދިރިއުޅުމުގެ ދުވަސްތައް ބޭކާރު ގޮތުގައި ދުއްވާނުލާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.
ނުވަދިހައިގެ އަހަރުތަކުގައި ބޮލީވުޑްގައި ވިދާލި ބަތަލާ ދެކޭގޮތުގައި ބައިވެރިއަކާ ނުލާ ވެސް ދިރިއުޅުމުގެ ދުވަސްތައް އުފަލުގައި ހޭދަކުރެވިދާނެއެވެ.
ކެންސަރު ބަލީގައި ވެސް ގިނަ ދުވަސްތަކެއް ހޭދަކޮށް، އެ ބަލިން ސަލާމަތްވެފައިވާ ބަތަލާ ބުނެފައިވަނީ ދިރިއުޅުމުގައި މިހާތަނަށް ވަރަށް ގިނަ އަޑިގުޑަންތައް ހުރަސްކުރެވިފައިވާ ކަމަށެވެ. އެހެންނަމަވެސް އެފަދަ ކޮންމެ ވަގުތަކު ވެސް އަމިއްލަ ނަފުސަށް ހިތްވަރުދެނީ އިތުރު ހިތްވަރާ އެކު ތެދުވެ، ކުރިއަށް ދާ ކަމަށް މަނީޝާ ވަނީ ބުނެފައެވެ.
އެއީ، މަނީޝާގެ ދިރިއުޅުމުގެ އެންމެ މުހިއްމު މޮޓޯކަމުގައި ބަތަލާ ވަނީ ބުނެފައެވެ.
މަނީޝާގެ ފިލްމެއް އެންމެ ފަހުން ރިލީޒްކުރީ މިދިޔަ އަހަރުއެވެ. ކާތިކް އާރްޔަން މުހިއްމު ރޯލެއް ކުޅުނު މި ފިލްމުގައި މަނީޝާ ކުޅެފައިވަނީ ކާތިކްގެ މަންމަގެ ރޯލެވެ.