02 May 2024, 00:06
ސިނަމަން ވެލި ފުށި ރިސޯޓްގެ ލޯންޗެއް ވަގަށް ނަގައިގެން އެކަނި ދުއްވާފައި މާލެއައި 14 އަހަރުގެ ފިރިހެން ކުއްޖާ ފެނިއްޖެކަމަށް، ކުއްޖާ ނިސްބަތްވާ ރަށުގެ ކައުންސިލުން ބުނެފިއެވެ.
ކުޑަކުއްޖާ ނިސްބަތްވާ ރަށު ކައުންސިލްގެ ރައީސް މިރޭ "ސަން"އަށް ވިދާޅުވީ މީގެ ބައިގަޑިިރެއްހާއިރު ކުރިން އެ ފިރިހެން ކުއްޖާ ފެނިފައިވާ ކަމަށެވެ.
ނަމަވެސް މިކަމާ ގުޅޭ ގޮތުން އޭނާ އިތުރު ތަފުސީލެއް ނުދެއްވައެވެ. އަދި މިކަމާ ގުޅޭ ގޮތުން މިހާތަނަށް ފުލުހުންގެ ބަހެއް ލިބިފައެއްނުވެއެވެ.
ފިރިހެން ކުއްޖާ ފިލައިގެން ގޮސްފައިވަނީ މިއަދު ހެނދުނު ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. ލޯންޗު ވަގަށް ނަގައިގެން ކުއްޖާ ދިޔަކަމަށް ތުހުމަތުކުރެވެނީ ރަށުގައި އަޅާފައި އޮތް ލޯންޗާ އެކު އެ ކުއްޖާ ވެސް ގެއްލުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ރަށު އާންމުންގެ މީހަކު "ސަން"އަށް މައުލޫމާތު ދެމުން ތުހުމަތުކުރި ގޮތުގައި، އެ ކުއްޖާ މާލެ އައީ ލޯބިވެރިޔާއާ ބައްދަލުކުރާށެވެ.
އެ ކުއްޖާގެ ލޯބިވެރިޔާ އުޅެނީ ހުޅުމާލޭގައި ކަމަށާއި އެ ކުއްޖާ މާލެ އައީ މަންމަގެ ކޭޝް ކާޑާއި ފޯނު އަދި ބައެއް އަންނައުނު ވެސް ހިފައިގެން ކަމަށް ވެސް އޭނާ ތުހުމަތުކުރިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، މ. އަތޮޅުން ލޯންޗެއް ގެއްލިގެން މިއަދުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ ލޯންޗު ހުޅުމާލޭ، އެމްޓީސީސީ ފެރީ ޓާމިނަލް ކައިރީ ފަޅުގައި އޮއްވައި މިހާރު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން މިހާރު އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.