02 May 2024, 07:20
ސިނަމާގައި ބޮޑު މަގްބޫލުކަމެއް ހޯދި "ލޯޑް އޮފް ދަ ރިންގްސް" ފްރެންޗައިޒްގެ ފިލްމުތައް އަލުން ސިނަމާގައި ދައްކަން ނިންމައިފިއެވެ.
ލޯޑް އޮފް ދަ ރިންގްސްގެ އޮރިޖިނަލް ޓްރިލޮޖީއަކީ ބޮކްސް އޮފީހުގެ އިތުރުން ކްރިޓީކުންގެ މެދުގައި ވެސް ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ފްރެންޗައިޒް އެކެވެ. ދެހާހުގެ ކުރީކޮޅުގައި ނެރުނު މި ފްރެންޗައިޒް ފިލްމު ސީރީޒްގެ ވާހަކަ އަދިވެސް ގިނަ ބަޔަކު ދައްކަމުން އަންނަނީ އެއަށް އޮންނަ ސަމާލުކަމެއްގެ ބޮޑު ކަމުންނެވެ.
ފްރެޗައިޒަށް ބިނާކޮށް ސީކުއެލް ފިލްމު ސީރީޒްގެ އިތުރުން ބޮޑު ޕްރޮޑަކްޝަން ޓީވީ ޝޯއެއް ވެސް ވަނީ މިހާރު ތައްޔާރުކޮށްފައެވެ.
ވޯނާ ބްރޮސްއިން ހާމަކޮށްފައިވާ ގޮތުގައި މިހާރު މަސައްކަތް ކުރަމުން އަންނަނީ މި ފްރެންޗައިޒްގެ ތިން ފިލްމު އަލުން ސިނަމާތަކަށް ނެރުމުގެ ކުރީގައި ފިލްމުތައް ރީމާސްޓާކޮށް ކޮލިޓީ އިތުރަށް ވަރުގަދަ ކުރުމަށެވެ.
އަދި، ސިނަމާތަކުގައި އަޅުވާއިރު ފިލްމުތަކުގައި އިތުރު ސީންތައް ހުންނާނެ ކަމަށް ވެސް ވޯނާ ބްރޮސްއިން ބުނެއެވެ. ތިން ފިލްމު ވެސް އަންނަ މަހުގެ ތެރޭގައި އަޅުވާނެ ކަމަށް ވަނީ ބުނެފައެވެ. މި ފިލްމުތައް އަޅުވާނީ ޖޫން މަހުގެ އަށެއް، ނުވައެއް އަދި 10 ވަނަ ދުވަހުއެވެ. ކޮންމެ ފިލްމެއް ވެސް އަޅުވާނީ އެއް ދުވަހު ކަމަށްވާއިރު މި ފިލްމުތައް އަޅުވާނީ މަދު ސިނަމާތަކެއްގައެވެ.
ފިލްމުގެ ޓިކެޓުތައް މިހާރު ވެސް ދޫކުރަން ފަށާފައިވާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފިލްމު އެޅުވުމަށް ވަނީ ހަމަޖެހިފައެވެ.
ދުނިޔޭގެ އެކިކަންކޮޅުތަކެއްގައި ބޮޑު މަގްބޫލުކަމެއް ހޯދި، "ލޯޑް އޮފް ދަ ރިންގްސް" ގެ ފުރަތަމަ ޓްރިލޮޖީގެ ފިލްމުތަކަށް ވަނީ ޖުމްލަ 30 އެކަޑަމީ އެވޯޑް ނޮމިނޭޝާން ލިބި، އޭގެ ތެރެއިން 17 ޓްރޮފީ ކާމިޔާބުކޮށްފައެވެ. ހާއްސަކޮށް، 2003 ވަނަ އަހަރު އެންމެ މޮޅު ފިލްމަށް ދޭ، "ބެސްޓް ޕިކްޗާ" އެވޯޑު ހޯދި، "ލޯޑް އޮފް ދަ ރިންގްސް: ދަ ރިޓާން އޮފް ދަ ކިންގް" ފާހަގަކޮށްލެވެއެވެ.
މި ފިލްމު ފްރެންޗައިޒް ވަނީ ބޮކްސް އޮފީހުގައި 2.98 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ވެސް ހޯދާފައެވެ.