ގ. އުފުރިޔާ ގޭގައި ހިންގަމުން ދިޔަ ބިއުޓީ ސެލޫނެއްގެ ތެރެއަށް ފުލުހުން ވަދެ އެތަނުގެ ތެރޭގައި ބަދުއަހުލާގީ އަމަލު ހިންގަމުން ދިޔަ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ހަތް މީހުންގެ ތެރެއިން ދެ ދިވެހިން މިއަދު ދޫކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ދިވެހި ދެ ފިރިހެނުން ދޫކޮށްލީ އެކަމުގައި ބައިވެރިވި ބައެއް ކަމަށް ނުބެލެވޭތީ ކަމަށެވެ. އަދި އެ ދެ މީހުން ތިބީ "އެ ވަގުތު ޚިދުމަތް ހޯދަންގޮސްފައި" ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

އަދި ފުލުހުންގެ ހައްޔަރުގައި މިވަގުތު ހުރި ދިވެހި ފިރިހެން މީހާއަކީ ބަދުއަޚްލާގީ ޢަމަލު ހިންގަމުން ދަނިކޮށް ހައްޔަރުކުރި މީހެއް ކަމަށް ފުލުހުން ބުނެ އެވެ.

ހަށިވިއްކާ ކަމުގެ ތުހުމަތުގައި ފުލުހުން އިއްޔެ ބަންދުކުރީ އުފުރިޔާގޭގެ ހަތަރު ވަނަ ބުރީގައި ހިންގަމުން ދިޔަ "ސަބާއީ ސަބާއީ" ބިއުޓީ ސެލޫން އެވެ.

ސެލޫނުން ހައްޔަރު ކުރީ ތައިލެންޑްގެ ހަތަރު އަންހެނަކާއި ދިވެހި ތިން ފިރިހެނުން ނެވެ.

ސެލޫނުން ބަޔަކު ހައްޔަރުކުރި އިރު އެތަނުގެ ތެރޭ ގިނަ އަދަދަކަށް ފައިސާ ހުރި ކަމަށް މައުލޫމާތު ލިބެ އެވެ. ނަމަވެސް ފުލުހުން އެކަމާ ގުޅޭ ގޮތުން އެއްޗެއް ނުބުނެ އެވެ.

މި މަހުގެ ކުރީކޮޅު ވެސް ވަނީ މަސާޖު ޕާލާއެއް ރެއިޑްކޮށް ތައިލެންޑުގެ ކުދިންތަކެއް ހައްޔަރުކޮށްފަ އެވެ.