މި ސަރުކާރުން ވެރިކަމަށް އައުމަށް ފަހު ސިޔާސީ ފިކުރަށްބަލާ، އެއްވެސް މީހަކު ވަޒީފާއިން ވަކިކޮށްފައިވާނަމަ އެމްޑީޕީއަށް ޝަކުވާ ހުށަހެޅޭނެ ނިޒާމެއް ގާއިމުކުރަމުން އަންނަ ކަމަށް އެ ޕާޓީން މިއަދު ބުނެފިއެވެ.

މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން އެ ޕާޓީން ނެރުނު ބަޔާނެއްގައި ވަނީ މަސައްކަތްތެރިންގެ ހައްގު ކަށަވަރުކޮށްދިނީ ހަމައެކަނި އެމްޑީޕީން ކަމަށެވެ. އެގޮތުން، 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީ ވެރިކަމުގައި މަސައްކަތްތެރިންގެ ހައްގުތަކަށް އަހަންމިއްޔަތުކަން ދިނުމުގެ މަގުސަދުގައި މެއި އެއްވަނަ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅިކަމަށް ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ވަނީ، އެއަށް ފަހު 2018ވަނަ އަހަރު އެމްޑީޕީ ވެރިކަމުގައި މަސައްކަތްތެރިންގެ ހައްގުތައް އިތުރަށް ހަރުދަނާ ކުރެވި ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެވުނު ކަމަށެވެ.

ގެނެވުނު ބަދަލުތަކުގެ ތެރޭގައި މިނިމަމް ވޭޖް ކަނޑައެޅުމާއި ސާވިސް ޗާޖުގެ ފައިދާ ހަމަހަމައަށް ބެހުމާއި އަންހެން މުވައްޒަފުން ވިހެއުމުން ހަ މަހުގެ ޗުއްޓީ ދިނުން ފަދަ ކަންކަން ފާހަގަކޮށްފައިވެއެވެ.

އެމްޑީޕީން ބުނީ، މަސައްކަތްތެރިންގެ ހައްގުގައި އެ ޕާޓީން ގެނައި އެންމެ ބޮޑު އިންގިލާބީ ބަދަލަކީ ރާއްޖޭގައި އަލަށް އިންޑަސްޓްރިއަލް ރިލޭޝަންސްއާ ގުޅޭ ގާނޫނާއި މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކަތެރިކަމުގެ ގާނޫނު އެމްޑީޕީ މެޖޯރިޓީ އޮތް މަޖިލީހުން ފާސްކުރެވި އަމަލުކުރަން ފެށުން ކަމަށެވެ.

ނަމަވެސް, ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ވޭތުވެދިޔަ ހަވަރަކަށް މަސްދުވަހު ފެނިގެން ދަނީ، ސަރުކާރުގެ އެކިއެކި ކުންފުނިތަކުގައި ތިބި މުވައްޒަފުންގެ ސިޔާސީ ފިކުރަށް ބަލާ ފިޔަވަޅު އަޅާ މަންޒަރު ކަމަށް އެމްޑީޕީން ބުންޏެވެ.

މި ކަންކަން ކުށްވެރިކޮށް އެމްޑީޕީން ބުނީ، ސިޔާސީ ފިކުރަށް ބަލައި އެއްވެސް މުވައްޒަފަކަށް ފިޔަވަޅު އަޅާފައިވާނަމަ އެ ފަރާތްތަކުން އެމްޑީޕީއަށް ޝަކުވާ ހުށަހެޅުމަށް ހާއްސަ އީމެއިލްއެއް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާކަމަށެވެ.

އެމްޑީޕީން އެކަށައަޅާ ތަންފީޒުކުރަން ފަށާފައިވާ ސިޔާސަތުތަކާއި ގާނޫނުތަކުން މަސައްކަތްތެރިންނަށް ލިބިފައިވާ އެންމެހާ ފުރުސަތުތަކަށް ޖާގަ ދޭން އެމްޑީޕީން ވަނީ ގޮވާލާފައެވެ.