01 May 2024, 16:30
ބެއިޖިންގް (1 މެއި 2024): އެކި ކަންކަމުގައި ޗައިނާއާ ދެކޮޅަށް އެމެރިކާ ހިންގާ ކަންތައްތަކުގެ މަގުސަދަކީ ޗައިނާގެ އުފެއްދުންތެރިކަން ކުޑަކޮށް ޗައިނާގެ އިގުތިސާދީ ކުރުއެރުން މަޑުޖައްސާލެވޭތޯ ބެލުން ކަމަށާއި ނަމަވެސް މިއީ އެމެރިކާއަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ޗައިނާއިން ބުނެފިއެވެ.
ޗައިނާގެ އެޕެއް ކަމަށްވާ "ޓިކްޓޮކް" މަނާކުރުމަށް ކޮންގްރެސްއިން ފާސްކުރި ބިލެއްގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން މީގެ ދެ ދުވަސްކުރިން ސޮއިކުރެއްވުމާ އެކު އެމެރިކާގައި "ޓިކްޓޮކް" ބޭނުންކުރުންވަނީ މަނާވެފައެވެ.
މި ކަމަށް ރައްދު ދެއްވަމުން ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން ލިން ޖިއާން ވިދާޅުވީ އެމެރިކާގެ މި ގާނޫނުގެ ސަބަބުން ޗައިނާގެ ޑިޖިޓަލް އުފެއްދުންތަކަށް ކޮންމެ ވެސް ވަރެއްގެ ދަތިތަކެއް ކުރު މުއްދަތެއްގެ ތެރޭގައި ކުރިމަތިވާނެ ކަމުގައެވެ.
ނަމަވެސް، ޗައިނާގެ ޑިޖިޓަލް އުފެއްދުންތަކަށް ދުނިޔޭގެ ފެންވަރުގައި ހުރަސްއެޅުމުގެ ގާބިލުކަމެއް އެމެރިކާގެ ކިބައިގައި ނެތްކަމަށް ތަޖުރިބާކާރުން ދެކެވަޑައިގަންނަވައެވެ.
ލިން ޖިއާން ވިދާޅުވި ގޮތުގައި ޗައިނާގެ ޑިޖިޓަލް އުފެއްދުންތެރިކަން ހުއްޓުވުމުގެ މަގުސަދުގައި އެކި ނަންނަމުގައި އެމެރިކާ ކުރާ ކަންކަމަށް ރައްދުނުދީ އަދި ބަދަލުނުހިފައި ޗައިނާ އޮންނާނެ ކަމަށް އެމެރިކާއިން ހީކުރާނަމަ އެއީ ގޯހެކެވެ. އެމެރިކާއިން ކުރާ މިފަދަ ކޮންމެ ކަމަކަށް ޗައިނާއިން ބަދަލުހިފާނެކަމަށް އޭނާ ވިދާޅުވިއެވެ.
އެމެރިކާއިން ޗައިނާގެ "ޓިކްޓޮކް" ބޭނުންކުރުން އެ ގައުމުގައި މަނާކުރީ "ޓިކްޓޮކް"ގެ އެހީގައި ޗައިނާއިން އެމެރިކާއަށް ޖާސޫސުކުރާކަމުގެ ތުހުމަތުގައެވެ.
"ޓިކްޓޮކް" އަކީ ސޯޝަލް މީޑިއާގައި ކުރު ވީޑިއޯތައް ޝެއާކުރުމަށް ބޭނުންކުރާ ޗައިނާގެ އެޕްލިކޭޝަނެކެވެ. މިއީ އެމެރިކާގެ އާންމުންގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލު ޕްލެޓްފޯމެކެވެ.
އެމެރިކާއަކީ "ޓިކްޓޮކް" ވަރަށް ބޮޑަށް ބޭނުންކުރާ ގައުމެއްކަމަށްވާތީ އެމެރިކާގެ މި ފިޔަވަޅުގެ ސަބަބުން "ޓިކްޓޮކް"އަށް މާލީ ގެއްލުންތަކެއް ލިބޭނެކަމަށް ޗައިނާއިން ވެސް ދެކެއެވެ.
އެމެރިކާއިން ބުނާ ގޮތުން "ޓިކްޓޮކް" ދަމަހައްޓަން ބޭނުންނަމަ ޗައިނާއިން ޖެހޭނީ އެމެރިކާގެ ކުންފުންޏަކަށް ނޫނީ އެމެރިކާއަށް އިތުބާރުކުރެވޭ އެހެން ކުންފުންނަކަށް އެ އެފް ވިއްކާލާށެވެ. ނަމަވެސް "ޓިކްޓޮކް" ހިންގާ ޗައިނާގެ "ބައިޓް ޑާންސް" ކުންފުނީގެ ވެރިޔާ އެކަމާ ދެކޮޅެވެ. އޭނާ ވިދާޅުވަނީ ގެއްލުންތަކާ އެކު ވެސް ކުރިއަށް ދެވޭނެކަމަށެވެ. އަދި، މާ ގިނަ ދުވަސްތަކެއް ނުވަނީސް މި ގެއްލުންތަކުން އަރައިގަނެވޭނެ ކަމުގައެވެ. މިގޮތުން އެމެރިކާ އެދޭގޮތަށް "ޓިކްޓޮކް" ވިއްކައިނުލާނެ ކަމަށް "ބައިޓް ޑާންސް" ކުންފުނީގެ ވެރިޔާ ވަނީ ވިދާޅުވެފައެވެ.
"ޓިކްޓޮކް" މަނާކުރުމަށް އެމެރިކާގެ ރައީސް ތަސްދީގު ކުރެއްވި ގާނޫނުގައިވާގޮތުން ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި "ޓިކްޓޮކް" ވިއްކައިނުލައިފިނަމަ ޗައިނާގެ "ބައިޓް ޑާންސް" ކުންފުންޏާ ދެކޮޅަށް ވެސް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެއެވެ.
"ޓިކްޓޮކް"ގެ އެހީގައި ޖާސޫސުކުރާކަމުގެ ތުހުމަތު އެމެރިކާއިން ޗައިނާގެ މައްޗަށްކުރާއިރު އެކި ބާވަތުގެ އެޕްލިކޭޝަންތައް ބޭނުންކޮށްގެން އެންމެ ފުޅާދައިރާއެއްގައި ދުނިޔޭގެ ގައުމުތަކަށް ޖާސޫސުކުރާކަމުގެ ތުހުމަތު އެންމެ ބޮޑަށް ކުރެވޭ ގައުމަކީ އެމެރިކާއެވެ.
ޗައިނާގެ ރަސްމީ މީޑީއާ ބުނާގޮތުން ގޮތުން އެމެރިކާއަކީ އެމެރިކާ ނޫން ގައުމެއް ދުނިޔޭގެ އެންމެ ބާރުވެރި އަދި އެންމެ ނުފޫޒުގަދަ ގައުމުގެ ގޮތުގައި އޮންނަން ބޭނުންނުވާ ހަސަދަވެރި ގައުކެވެ. ކިބުރުވެރި ބޮޑާ ވިސްނުމެއް ގެންގުޅޭ (އީގޮއިސްޓިކް) ގައުމެކެވެ.
އެމެރިކާއިން އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ ނަމުގައި އެހެން ގައުމުތަކަށް ފިލާވަޅުތައް ދެމުން ގެންދަނީ ވެސް އިޚުލާސްތެރި ކަމެއް އޮވެގެން ނޫން ކަމަށާއި މިއީ ވެސް އެހެން ގައުމުތަކަށް ޑިކްޓޭޓްކުރުމުގެ ބޮޑާ ކަމުގައި އެމެރިކާއިން ހިންގާ ޕްރޮޕަގެންޑާ އަމަލެއް ކަމަށް ޗައިނާއިން ސިފަކުރެއެވެ.
އެމެރިކާއަކީ ހަމައެކަނި މަހުޖަނުންގެ ގައުމެއް ކަމަށާއި އެމެރިކާއަކީ އެ ގައުމުގެ ފަގީރު އާންމުންނަށް އެންމެ ކުޑަވެގެން ސިއްޙީ ފަރުވާފަދަ އިޖުތިމާއީ ރައްކާތެރިކަން ވެސް ނެތް ގައުމެއްކަން ވެސް ޗައިނާގެ ރަސްމީ މީޑީއާއިން ފާހަގަކުރެއެވެ.
ކޮވިޑްގެ ވަބާގައި ދުނިޔޭގައި އެންމެ ގިނައިން މީހުން މަރުވި ގައުމަކީ ވެސް އެމެރިކާއެވެ. އެއީ، އެމެރިކާގެ އާންމު ރައްޔިތުންނަށް ސަރުކާރުން ހިލޭ ބޭސްކުރެވޭ ސިއްޙަތާބެހޭ ނިޒާމެއް ނެތުމުންނެވެ. ކެޕިޓަލިޒަމްގައި ހައްދު ފަހަނައަޅާފައިވާ އެމެރިކާއަކީ ޕަބްލިކް ހޮސްޕިޓަލެއް ވެސް ނެތް ގައުމެކެވެ. އާންމު ރައްޔިތުންނަށް އިޖުތިމާއީ ރައްކާތެރިކަން ނެތް ގައުމެކެވެ. އެމެރިކާގައި ހުރިހާ ކަމެއް އޮންނަނީ މުއްސަނދީންނަށާއި ފުދިގެން އުޅޭ މީހުންނަށެވެ. ނިކަމެތިންނަށް އަޅާލާ ޕަބްލިކް ނިޒާމެއް އަދި ސަބްސިޑީގެ ނިޒާމެއް އެމެރިކާގައި ނޯވެއެވެ.
އެހެންކަމުން ކޮވިޑްގައި އެމެރިކާގެ އާންމުންނަށް ފަރުވާދިނުމުގައި އެމެރިކާގެ ސިއްހަތާބެހޭ ނިޒާމުވަނީ ފެއިލްވެފައެވެ. އެމެރިކާގެ އާންމުން ކޮވިޑްގައި އެޑްމިޓްކޮށްފައި ތިބީ ޕަބްލިކް ޕާކުތައް ފަދަ އާންމު ތަންތަނުގައެވެ. ރައްކާތެރި ހެދުމެއްގެ ގޮތުގައި ބޭނުންކުރީ ވެސް ކަޅުކުލައިގެ ކުނި ކޮތަޅެވެ.
މި މައްސަލައިގައި އެ ދުވަސްވަރު އެމެރިކާ ދުނިޔޭގެ ފެންވަރުގައި ވަރަށް ބޮޑަށް ބޭޒާރު ވެސް ވިއެވެ. ފާޑުކިޔުންތައް ވެސް އަމާޒުވިއެވެ. މިގޮތުން ޗައިނާއާއި ރަޝިއާ އަދި އީރާނާއި އެ ނޫން ވެސް ބައެއް ގައުމުތަކުން ވަނީ އެމެރިކާގެ އިންސާނީ ހައްގުތަކުގެ ރިކޯޑަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެމެރިކާއާ ޚިލާފަށް ޗައިނާއިން ވަނީ އެ ގައުމުގެ ރައްޔިތުންނަށް ވަރަށް މަތީ ފެންވަރުގެ ސިއްހީ ފަރުވާ ކޮވިޑްގެ ދުވަސްވަރުގައި ދީފައެވެ.
އެމެރިކާގައި "ޓިކްޓޮކް" މަނާކުރުމުން އޭގެ ރައްދުގައި ޗައިނާއިން އަޅާނެ ފިޔަވަޅެއް ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން ހާމަ ނުކުރެއްވި ނަމަވެސް އޭނާ ވަނީ ޗައިނާގެ އިގުތިސާދީ ކުރިއެރުމަށް ހުރަސްއެޅުމަށް އެމެރިކާއިން ކުރާ މަސައްކަތްތަކަށް ޗައިނާއިން ވަރުގަދަ ރައްދެއް ދޭނެކަމުގެ އިންޒާރު ދެއްވާފައެވެ.
އަދި، ދުނިޔޭގެ ޖިއޮޕޮލިޓިކަލް މަޝްރަހުގައި ވެސް ޗައިނާއިން އެމެރިކާއަށް ދޫނުދޭނެކަމާއި ޗައިނާ އޮތީ އެމެރިކާ ކިޔާ ކޮންމެ އެއްޗެއް އަޑު އަހަން ތައްޔާރަށް ނޫންކަމުގެ އިންޒާރު ވެސް ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އެމެރިކާއަށް ދެއްވިއެވެ.
ޒަމާނީ ހަތިޔާރު އުފައްދަން ރަޝިއާއިން ބޭނުންކުރާ އިލެކްޓްރޯނިކް ޗިޕްތައް ޗައިނާއިން ރަޝިއާއަށް ދޭތީވެސް އެމެރިކާއިން ވަނީ ޗައިނާއަށް އިންޒާރުދީފައެވެ. އަދި، ޗައިނާއަށް ބޭނުންވާ ވަރަށް މަދަނީ އިލެކްޓްރޯނިކް ޗިޕް ވެސް އެ ގައުމަށް ނުދިނުމަށް އެމެރިކާއިން ގެންދަނީ އެ ކަމާ ބެހޭ ޔޫރަޕްގެ ކުންފުނިތަކާ ގުޅިގެން ވެސް މަސައްކަތްތަކެއް ކުރަމުންނެވެ.