އެމްޑީޕީގެ ރައީސް ކަމުން ވަކިކުރުމުން ދާދިފަހުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތް ޑރ. އިބްރާހިމް ދީދީ (ޑީޑީ) ޖުމްހޫރީ ޕާޓީގެ ރައީސް ކަމަށް ކުރިމަތި ލައްވައިފި އެވެ.

ޖުމްހޫރީ ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނަނީ ޖުމްހޫރީ ޕާޓީގެ ރައީސް ކަމަށް ކުރިމަތިލެއްވީ އެ ޕާޓީއާ ދާދިފަހުން ގުޅިވަޑައިގަތް ޑީޑީ އެކަނި ކަމަށެވެ.

ޑީޑީ ޖުމްހޫރީ ޕާޓީގެ ރައީސް ކަމަށް ކުރިމަތިލައިފައިވާ އިރު ޑީޑީއަކީ އެމްޑީޕީގެ ކުރީގެ ރައީސް އެވެ. އަދި ޑީޑީ އެމްޑީޕީގެ ރައީސް ކަމުން ވަކިކުރެއްވީ އެމްޑީޕީ ބަދުނާމްވާ ގޮތަށް ވާހަކަ ދެއްކާކަމަށް ބުނެ އެ ޕާޓީގެ ގައުމީ މަޖުލީހުންނެވެ. އަދި ޑީޑީ ރައީސް ކަމުން ވަކި ކުރުމުން ޑީޑީ ވަނީ އެމްޑީޕީއަކީ ޑިމަކްރަސީ އަށް މަސައްކަތް ކުރާ ޕާޓީއެއް ނޫން ކަމަށް ބުނެ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ.

ޖުމްހޫރީ ޕާޓީގެ ރައީސް ކަމަށް ޑރ. ޑީޑީ ކުރިމަތި ލައްވާފައިވާ އިރު އެ މަގާމަކީ ކުރިން ޖުމްހޫރީ ޕާޓީގައި އޮންނަ މަގާމެއްނޫނެވެ. އަދި އެ މަގާމަށް ޑީޑީ އިންތިހާބު ކުރާނީ އާންމުންގެ މެދުގައި ނަގާ ވޯޓެއްގެ ބަދަލުގައި ގައުމީ ހިންގާ ކޮމިޓީގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން ނެވެ.

އެ ޕާޓީ އަށް އަލަށް އިތުރު ކުރި ނާއިބް ރައީސް ކަމަށް ކުރިމަތިލައްވާފައި ވަނީ މީޑިއާ ކައުންސިލްގެ ކުރީގެ މެންބަރު މުހަންމަދު ހަލީމް އާއި ވީޓީވީގެ ސީއީއޯ އަމީން އިބްރާހީމްފުޅެވެ. އަދި އަމީން އާއްމު މަގާމަށް ކުރިމަތިލެއްވީ މޫސާ ރަމީޒް އާއި އަދި ޑރ. ޑީޑީ އާ އެކު ޖުމްހޫރީ ޕާޓީ އާ ގުޅިވަޑައިގެން ހަސަން ޝާހް އެވެ.

ޕޮލިސީ ސެކެރެޓަރީ ކަމަށް ކުރިމަތިލެއްވީ މުހައްމަދު އަޖުމަލް އެވެ.