ޔުއޭފާ ޗެމްޕިއަންސް ލީގުގައި ބަޔާން މިޔުނިކާއި ރެއާލް މެޑްރިޑް ބައްދަލުކުރި ސެމީފައިނަލްގެ ފުރަތަމަ ލެގު، އެއްވަރުވެގެން ނިމިއްޖެއެވެ.

ބަޔާންގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

މެޗުގެ ކުރީކޮޅު ބަޔާނުން ރަނގަޅަށް ކުޅެމުންދިޔަ ނަމަވެސް މެޗުގެ ފުރަތަމަ ލަނޑު ޖަހައި، ލީޑު ނަގާފައިވަނީ މެޗުގެ 24 ވަނަ މިނެޓުގައި ޖެހި ލަނޑަކާ އެކު ރެއާލުންނެވެ. ޓޯނީ ކުރޫސް ވަރަށް ބަލާލައިފާ ދިން ޕާހަކުން މި ލަނޑު ޖަހާފައިވަނީ ވިނީޝިއަސް ޖޫނިއާއެވެ.

މިމެޗުގެ ދެވަނަ ހާފަށް ބަޔާނުން ނުކުތީ ފުރަތަމަ ހާފުގައި ފެނުނު ގޮތަށް ހަމަލާއަށް އިސްކަން ދީގެން ކުޅުމަށްކަން ފާހަގަވިއެވެ. މެޗުގެ 53 ވަނަ މިނެޓުގައި ލިރޯއީ ސާނޭ ކަނާތްފަރާތު އަރިމަތިން ވަދެ، ގޯލަށް ފޮނުވާލި ބާރު ހަމަލާ ގޯލުތެރެއަށް ވަދެ ބަޔާނުން މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. މި ލަނޑާ އެކު ބަޔާންގެ ކުޅުމަށް އިތުރު ފޯރިއަކާއި ޖޯޝެއް އައިތަން ފެނިގެންދިޔައެވެ.

އެ ލަނޑު ޖެހިތާ ހަތަރު މިނެޓު ފަހުން ލިބިގެންދިޔަ ޕެނަލްޓީއަކުން ބަޔާނުން ވަނީ މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހެރީ ކޭންއެވެ. މި ލަނޑާ އެކު ކޭން ވަނީ މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި އަށް ލަނޑު ކާމިޔާބުކޮށް، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރީގައި އުޅޭ ކިލިއަން އެމްބާޕޭއާއި އަރާ ހަމަކޮށްފައެވެ.

މެޗުގައި މީގެ އިތުރުން ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިބިގެންދިޔައެވެ. ރެއާލުން މި މެޗުން ނަތީޖާއެއް ނެރުމަށް ކުރަމުންދިޔަ މަސައްކަތް ކާމިޔާބު ވެގެންދިޔައީ މެޗުގެ 83 ވަނަ މިނެޓުގައި އެ ޓީމަށް ލިބިގެންދިޔަ ޕެނަލްޓީއަކުންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހައިދިން ވިނީޝިއަސްއެވެ.

މެޗުގައި ރެއާލުން ޖެހި ދެ ލަނޑުގައި ވެސް ބަޔާންގެ ޑިފެންޑާ ކިމް މިން ޖައޭއަށް ހެދުނު ގޯސް ފާހަގަވެގެންދިޔައެވެ.

ދެ ޓީމުގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުގެ ރޭ ރެއާލްގެ ދަނޑުގައެވެ.