01 May 2024, 15:42
ކުއާލަލަންޕޫރު (1 މެއި 2024) : ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ގަތުލުއާންމުތަކާއި ނަސްލު ނައްތާލުމުގެ ޖަރީމާތަކާ ގުޅިގެން އެމެރިކާގެ ޗެއިން ރެސްޓޯރެންޓެއް ކަމަށްވާ ކޭއެފްސީ ބޮއިކަޓް ކުރުމަށް ގޮވާލުމާ ގުޅިގެން މެލޭޝިޔާގައި ހުރި ކޭއެފްސީގެ 108 ރެސްޓޯރެންޓް ބަންދުކޮށްފިއެވެ.
ސިންގަޕޫރުގެ ނޫހެއްކަމަށްވާ "ސްޓްރީޓް ޓައިމްސް" ބުނާގޮތުން މެލޭޝިއާގެ އެކިކަންކޮޅުތަކުގައި ކޭއެފްސީގެ 108 ރެސްޓޯރެންޓް ހުރިއިރު ޣައްޒާގައި އިސްރާއީލު ހިންގާ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން ފާއިތުވެދިޔަ ހައެއްކަ މަސްތެރޭގައި އެތަންތަނަށް ވަންނަ ކަސްޓަމަރުންގެ އަދަދުވަނީ ބޮޑުތަނުން ދަށްވެފައެވެ. ކޭއެފްސީގެ މައި ކުންފުންޏަކީ ޔަހޫދީންގެ މަސްލަހަތު އޮންނަ އަދި އިސްރާއީލުގެ އަނިޔާވެރިކަމަށް ވާގިވެރިވާ ކަމަށް ތުހުމަތު ކުރެވޭ ކުންފުންޏެކެވެ.
އެހެންކަމުން މެލޭޝިއާއާ އެ ނޫން ވެސް އިސްލާމީ ގައުމުތަކާ އަދި އިސްރާއީލުގެ އަނިޔާވެރިކަމާ އދިކޮޅަށް އަޑުއުފުލާ އެމެރިކާއާއި ޔޫރަޕްގެ އާންމުން ހިމެނޭގޮތަށް ދުނިޔޭގެ ގިނަ ގައުމުތަކުގައި ކޭއެފްސީ ނުވަތަ 'ކެންޓަކީ ފްރައީޑް ޗިކަން" ބޮއިކަޓް ކުރުމަށް ގޮވާލާ އަޑުތައް މިދިޔަ ނޮވެމްބަރުން ފެށިގެން ވަނީ ގަދަވެފައެވެ.
މެލޭޝިއާގައި ޗައިނާ ބަހުން ނެރޭ ނޫހެއްކަމަށްވާ "ނަންޔަންގް ސިޔާންގް ޕައު" ބުނާގޮތުން އެ ގައުމުގައި ކޭއެފްސީ ހިންގާ ލޯކަލް ކުންފުންޏަކީ "ކިޔުއާރުއެސް ބްރޭންޑް އިންކޯޕަރޭޝަން" ނަމަކަށް ކިޔާ ކުންފުންޏެކެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައި ކޭއެފްސީގެ ތަންތަން ބަންދުކުރީ ވަގުތީ ގޮތުންނެވެ. އިޝްތިހާރު ކޮށް ކަސްޓަމަރުންގެ އިތުބާރު ހޯދުމަށްފަހު އަލުން ހުޅުވުމުގެ އުންމީދުގައެވެ.
ކޭއެފްސީއަކީ އިސްރާއީލަށް ތާއީދުކުރާ ޔަހޫދީ މަހުޖަނުންގެ މަސްލަހަތު ހިމެނޭ ކުންފުންޏެކެވެ. މެލޭޝިއާގައި ކޭއެފްސީ ބޮއިކަޓް ކުރަނީ އިސްރާއީލުގެ އުފެއްދުންތައް ބޮއިކަޓް ކުރުމަށް ދުނިޔޭގެ ފެންވަރުގައި ހިންގާ، ބޮއިކަޓް ޑިސްއިންވެސްޓްމަންޓް އެންޑް ސޭންކްޝަންސް ހަރަކާތުގެ ދަށުންނެވެ.
މެލޭޝިއާގެ އިތުރުން ދުނިޔޭގެ އެތައް ގައުމެއްގައި ކޭއެފްސީއާއި މެކްޑޮނަލްސް އަދި ޔަހޫދީންނާ ގުޅިފައިވާ އެ ނޫން ވެސް ވިޔަފާރިތައް ދަނީ އާންމުންގެ ފެންވަރުގައި ބޮއިކަޓް ކުރަމުންނެވެ. އެއީ ޔަހޫދީންނަށާއި ޔަހޫދީންގެ އަނިޔާވެރިކަމަށް ވާގިވެރިވާ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކަށް މެސެޖެއް ދިނުމުގެ ގޮތުންނެވެ. އިންސާނީ ހައްގުތަކުގެ ނަމުގައި އެ ގައުމުތަކުން ގެންގުޅޭ މުނާފިގުކަމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.
"ނަންޔަންގް ސިޔާންގް ޕައު" ބުނާގޮތުން މެލޭޝިއާގެ އާންމު ރައްޔިތުން ކޭއެފްސީ ބޮއިކަޓްކުރަނީ ވަރަށް ބޮޑަށެވެ. ފާއިތުވި ދެމަހެއްހާ ދުވަހުގެ ތެރޭގައި ކޭއެފްސީގެ ގިނަ ތަންތަނުން ވަރަށް މަދުމީހަކު ނޫނީ ޚިދުމަތް ހޯދާފައެއް ނުވާތީ އެ ރެސްޓޯރެންޓްގެ ތަންތަން ހިންގަމުން ގެންދިޔައީ މާލީ ގޮތުން ވަރަށް ބޮޑު ގެއްލުމުގައެވެ.
ފާއިތުވި ހަފުތާއަށް ބަލާއިރު ކޭއެފްސީގެ ބައެއް ތަންތަނަށް އެންމެ މީހަކުވެސް ނުވަންނަ ދުވަސް އާދެއެވެ. އެހެންކަމުން އެތަންތަނަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ އެހުރިހާ ތަނެއް ވަގުތީގޮތުން ބަންދުކުރަން ނިންމީއެވެ.
ކޭއެފްސީގެ އިތުރުން އެމެރިކާގެ ޗެއިން ރެސްޓޯރެންޓެއްކަމަށްވާ "މެކްޑޮނަސްލްސް" ގެ ތަންތަނާ ދެކޮޅަށްވެސް ދުނިޔޭގެ އެތައް ގައުމެއްގައި ގެންދަނީ ބޮއިކަޓް ހަރަކާތްތައް ހިންގަމުންނެވެ. މިކަމުގެ ސަބަބުން އެ ކުންފުންޏަށް އެތައް ސަތޭކަ މިލިޔަން ޑޮލަރެއްގެ ގެއްލުން ވަނީ ލިބިފައެވެ.
"މެކްޑޮނަސްލްސް" ދެކެ ގިނަ ބަޔަކު ފޫހިވީ އިސްރާއީލުގައިވާ "މެކްޑޮނަސްލްސް" ގެ ރެސްޓޯރެންޓްތަކުން އިސްރާއީލުގެ އަނިޔާވެރި ލާއިންސާނީ ޖަރީމާތައް ހިންގާ ސިފައިންނަށް ހިލޭ ކާބޯތަކެތީގެ ޕާރުސަލްތައް ދިނުމާ ގުޅިގެންނެވެ.
އިސްރާއީލު ސިފައިން ވަނީ ޣައްޒާގެ އާންމުންގެ 34،000 އަށް ވުރެން ގިނަ މީހުން ޝަހީދުކޮށްލައި ޣައްޒާގެ ހޮސްޕިޓަލްތަކާއި އާންމުންގެ ގެދޮރާއި ސްކޫލްތަކަށް ބޮންއަޅައި އެ ތަންތަން ހަލާކުކޮށްލައި ޣައްޒާއަކީ އިންސާނުންނަށް ދިރިނޫޅެވޭ ތަނަކަށް ހަދާފައެވެ.
އަދި އިސްރާއީލުވަނީ ޣައްޒާގެ އަލްޝިފާ ހޮސްޕިޓަލާއި އައްނާސިރު ހޮސްޕިޓަލަށް އަރައިގަނެ އެ ދެ ތަނުން 400 އަށް ވުރެ ގިނަ މީހުން ސިއްރިޔާތުގައި މަރާލައި އެ މީހުންގެ ހަށިތައް ބޮޑު ދެ ކައްވަޅެއްގައި ވަޅުލާފައެވެ.
މި ޖަރީމާތައް ފަޅާއަރާފައިވަނީ މީގެ ދެ ހަފުތާކުރިން އިސްރާއީލު ސިފައިން އެ ދެ ހޮސްޕިޓަލް ދޫކޮށް ދިޔަ ފަހުންނެވެ.
މި ދެ ކައްވަޅުގައި ވަޅުލާފައިވާ 400 އަށް ވުރެ ގިނަ މީހުންގެ ތެރޭގައި ހިމެނެނީ އެ ދެ ހޮސްޕިޓަލުގައި ތިބި ބަލި މީހުންނާއި އެ ދެ ހޮސްޕިޓަލްގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުންނާއި އިދާރީ މީހުންގެ އިތުރުން އެ ދެ ތަނަށް ވަދެ ހިމާޔަތް ހޯދައިގެންތިބި ޣައްޒާގެ އާންމުންކަމަށް ޣައްޒާގައި ހަރަކަތްތެރިވާ އދ. ގެ ޓީމުތަކާއި އެހީދޭ ޖަމްއިއްޔާތަކުން ބުނެއެވެ.
އެ ދެ ހޮސްޕިޓަލުގައި ތިބި ބައެއް މީހުން ދިރިތިއްބައި ކޮތަޅަށްލައިގެން ވަޅުލުމުގެ ޖަރީމާ ހިންގިކަމުގެ ތުހުމަތުވެސް އިސްރާއީލުގެ މައްޗަށް ވަނީ ކުރެވިފައެވެ. އދ. އިން ވަނީ މި ދެ ކައްވަޅުގެ މައްސަލަ ތަހްގީގު ކުރުމަށް ގޮވާލާފައެވެ.
ނަމަވެސް އިންސާނީ ހައްގުތަކުގެ ނަމުގައި ސިޔާސީ ޕްރޮޕަގެންޑާތައް ފަތުރަމުންދާ އަދި އިންސާނީ ހައްގުތަކުގެ ނަމުގައި ދުނިޔޭގެ ގައުމުތަކަށް ފާޑުކިޔައި ޑިކްޓޭޓް ކުރަމުން ގެންދާ އެމެރިކާއާއި ޔޫރަޕްގެ ގައުމުތައް ތިބީ އިސްރާއީލުގެ މި ޖަރީމާތަކަށް ބީރު ކަންފަތެއް ދީގެންނެވެ. މި ޖަރީމާތައް ނުފެންނަކަމަށް ހެދިގެންނެވެ. ޖަރީމާ ހިންގީ އިސްރާއީލު ކަމަށްވާތީ އެއީ އަޅާލަން ނުޖެހޭ އަދި ތަހްގީގު ކުރަން ނުޖެހޭ ކަމަކަށް ހަދައިގެންނެވެ.