ރައީސުލްޖުމުހުރިއްޔާ އިނިގރޭސި ވިލާތަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން ބައިނަލްއަގުވާމީ ދުނިޔޭގެ ތާއީދު ރާއްޖެ އަށް ލިބިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

އިނގިރޭސި ރާނީ ކުއީން އެލިޒަބަތު ދޭއްގެ ރަނިކަމަށް 60 އަހަރު ފުރުނު މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގަތުމަށް ޓަކައި އިނގިރޭސި ވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ބޮޑު ފާލަމުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ވިދާޅުވީ ބައިނަލްއަގުވާމީ ގޮތުން ފުރިހަމަ ތާއިދު ސަރުކާރަށް އޮތް ކަމަށާއި އެހެންކަމުން ރާއްޖޭގެ ކަންކަމުގައި އެފަރާތްތަކުގެ އެއްބާރުލުމާ އެކު ކުރިއަށް ދިއުމުގެ ފުރިހަމަ އިތުބާރާއި އެއްބާރުލުން އޮތްކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

"ވަރަށް ބޮޑު ޔަގީން ކަމެއް އެބައޮތް. އިންޓަނޭޝަނަލް ކޮމިއުނިޓީގެ ސަޕޯޓް އަޅުގަނޑުމެންނަށް އެބައޮތް އަދި ސުލްހަވެރިކަމާ އެކީގައި ގައުމުގެ ކަންކަމާއިގެން ކުރިއަށް ދިއުމުގެ ފުރިހަމަ އިތުބާރާއި އެއްބާރުލުން އަޅުގަނޑުމެންނަށް އޮތްކަމަށް އަޅުގަނޑު ދެކެނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިނގިރޭސި ބޮޑުވަޒީރު ޑޭވިޑު ކެމަރަންއާ ބައްދަލުކޮށްލުމުގެ ފުރުސަތެއް ލިބިވަޑައިގަތް ކަމަށާއި ކެމެރަން ރާއްޖެއާ ގުޅޭ ގޮތުން ކުރެއްވި ސުވާލުގެ ޖަވާބުގައި ހުރިހާ އެންމެންނާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ކެމެރަން އަރިހު ދެންނެވި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ފެބުރުއަރީ ހަތެއްގެ ވެރިކަން ބަދަލުވި ހާދިސާގެ ހަބަރުތައް އިނގިރޭސި ވިލާތުގައި ފެތުރިފައިވާ ގޮތާ ގުޅޭ ގޮތުން ރައީސް ވަހީދު ވިދާޅުވީ އެކަމާ ގުޅޭ ގޮތުން މީގެ ކުރިން ހަގީގަތާ ހިލާފަށް ވާހަކަތައް ފެތުރިފައިވީ ނަމަވެސް މީހާރު ހުރިހާ ފަރާތްތަކަށް ވެސް ހަގީގަތް ސާފުވެފައިވާ ކަމަށާއި އަދި ތަފާތު ވާހަކަތައް ތަފާތު ފަރާތްތަކުން ދައްކާފައިވުމުގެ ސަބަބުން އިންކުއަރީ ކޮމިޝަނުގެ މަސައްކަތް ވަރަށް މުހިންމު ކަމަށް ވެސް ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ ފެބުރުއަރީ ހަތެއްގައި ހިނގައި ދިޔަ ހާދިސާ އާ ގުޅޭ ގޮތުން ރަސްމީކޮށް އެއްވެސް ބޭފުޅު އެފަދަ ވާހަކަތަކެއް ނުދައްކަވާ ކަމަށާއި ނަމަވެސް ރާއްޖޭގެ ކަންކަން ހަމަޖެހުމާއި ސުލްހަވެރިކަމާ ކުރިއަށް ދިއުމާ ގުޅޭ ގޮތުން ބައެއް ފަރާތްތަކުން ވާހަކަ ދެއްކި ކަމަށެވެ.

"އަނެއްހެން ރަސްމީ ބޭފުޅަކު އެވާހަކަތަކެއް ނުދައްކަވާ. ކޮންމެ ބޭފުޅަކު ވެސް ބޭނުން ފުޅުވަނީ ހަމަޖެހުމާއި ސުލްހަވެރިކަމާ އެކުގައި ރާއްޖޭގެ ކަންކަން ކުރިއަށް ދިއުން. އަޅުގަނޑުމެން ދެންނެވިން އެންމެ ބޮޑު މަސައްކަތަކީ ވީހާ ވެސް ހަމަޖެހިގެން ކަންކަން ކުރިއަށް ގެންދިއުމަށް ޓަކައި ހުރިހާ ފަރާތްތަކާ އެކު މަސައްކަތްތައް ކުރިއަށް ގެން ދެވުން ކަމަށް،" ރައީސް ވަހީދު ވިދާޅުވި އެވެ.