01 May 2024, 08:29
ބޮލީވުޑްގެ މަގުބޫލު އޮން ސްކްރީން ޖޯޑު ކަމަށްވާ އަޖޭއާއި ތައްބޫ މުހިއްމު ރޯލް ކުޅޭ ލޯބީގެ ކޮމެޑީ ޑްރާމާ ފިލްމު "އޯރޯ މޭ ކަހާ ދަމް ތާ" ކުރިއަށް އޮތް ޖުލައި މަހު ރިލީޒްކުރާނެކަން އިއުލާނުކޮށްފިއެވެ.
ނީރަޖް ޕާންޑޭ ޑައިރެކްޓް ކުރާ މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ ޖުލައި މަހުގެ ފަސްވަނަ ދުވަހުއެވެ.
ފިލްމު "އޯރޯ މޭ ކަހާ ދަމް ތާ"އަކީ މީގެ 23 އަހަރު ކުރިން، އެއީ 2000 ފެށިގެން 2023 އާ ދޭތެރޭ ހިނގާދިޔަ ލޯބީގެ ރީތި ވާހަކައެއް ކިޔައިދޭނެ ފިލްމެކެވެ. އަޖޭއާއި ތައްބޫ އެކީގައި މަސައްކަތް ކުރާ ދިހަވަނަ ފިލްމަކީ ލޯބީގެ ރަހަތަކާ އެކު ބެލުންތެރިން ހެއްވާލަދޭނެ ފިލްމެއް ކަމަށް ޑައިރެކްޓަރު ނީރަޖް ޕާންޑޭއާ ހަވާލާދީ ރިޕޯޓުތަކުން ވަނީ ބުނެފައެވެ. އަޖޭއާއި ތައްބޫގެ އިތުރުން މި ފިލްމުގެ މުހިއްމު ރޯލުތަކުން ފެންނާނެ ތަރިންގެ ތެރޭގައި ޖިމީ ޝޭރްގިލް، ސައީ މަންޖްރޭކަރު އަދި ޝާންތަނޫ މަހޭޝްވަރީ ހިމެނެެއެވެ.

ބަތަލާ ތައްބޫ އަދި އަޖޭ ދެ ތަރިން އެކީގައި މަސައްކަތްކުރި ފިލްމު "ދްރިޝްޔަމް"ގެ މަންޒަރެއްގައި--ފޮޓޯ/ޓައިމްސްއޮފްއިންޑިއާ
އެން އެޗް ސްޓޫޑިއޯއާއި ޕެނެރޯމާ ސްޓޫޑިއޯ ގުޅިގެން ގެނެސްދޭ މި ފިލްމަކީ ބެލުންތެރިން ވަރަށް ބޮޑަށް އިންތިޒާރުކުރާ ފިލްމެކެވެ. ހާއްސަކޮށް އަޖޭއާއި ތައްބޫގެ އޮން ސްކްރީން ކެމިސްޓްރީ ވަރުގަދަވެފައި ދެ ތަރިން އެކީގައި ފެންނަ ފިލްމުތަކުން ބެލުންތެރިން މާޔޫސްކޮށްނުލާނެކަމުގެ ޔަގީންކަން ބެލުންތެރިންނަށް އޮވެއެވެ.
އަޖޭއާއި ތައްބޫއަކީ ޒުވާން ދުވަސްވަރުން ފެށިގެން ވަރަށް ގާތް ދެ ރަހްމަތްތެރިންނަށްވުމުން އެކީގައި ކުޅޭ ފިލްމުތަކުން ވެސް އެ ކެމިސްޓްރީ ބެލުންތެރިންނަށް ވަރަށް ބޮޑަށް އެނގިގެންދެއެވެ. ދެ ތަރިން އެކީގައި މިހާތަނަށް ކުޅެފައިވާ ކާމިޔާބު ފިލްމު ތަކުގެތެރޭ "ގޯލް މާލް އަގެއިން"، "ދުރިޝްޔަމް" އަދި ފިލްމު "ބޯލާ" ހިމެނެއެވެ.