10 Jun 2012, 16:22
ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި އެމްޓީސީސީން މާލެ އާއި ގުޅީފަޅާއި ތިލަފުއްޓާ ދޭތެރޭ ފެރީގެ ހިދުމަތް ފަށައިފި އެވެ.
މިއަދު ވިލިނގިލީ ފެރީޓަމިނަލުން އެ ހިދުމަތް ފައްޓަވައި ދެއްވީ އެމްޓިސީސީގެ ސީއީއޯ އަހުމަދު އަދުހަމް އަބުދުއްﷲ އެވެ.
ފެރީގެ ހިދުމަތް ފައްޓަވައި ދެއްވުމަށް ފަހު އަދުހަމް ވިދާޅުވީ ފެރީގެ ހިދުމަތަކީ އެމްޓީސީސީން ފެރީގެ ހިދުމަތް ދިނުމުގެ ތެރެއަށް އިތުރުވިއާ ބޮޅެއް ކަމަށާއި އެ ހިދުމަތް ކުރިއަށް އޮތް ތަނުގައި ވަރަށް ބޮޑަށް ފުޅާވެގެންދާނެ ކަމަށެވެ.
"މިއަދުން ފެށިގެން މި ހިދުމަތް ކުރިއަށް އޮތް ތަނުގައި ވަރަށް ބޮޑަށް ފުޅާވެގެންދާނެ. އެގޮތުން ރަނގަޅު އާ ފެރީތަކަކާއި ޓާމިނަލެއް ހެދުމުގެ މަސައްކަތް ކުރަމުން މިގެންދަނީ،" އަދުހަމް ވިދާޅުވި އެވެ.
އެމްޓީސީސީ އިން ބުނީ މިއަދު ފެށި ފެރީގެ ހިދުމަތް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ދުވާލަކު ހަ ދަތުރު، ހެނދުނު 7 އިން ހަވީރު 6:00 ވަންދެން މާލެއާ ދެމެދު ކުރާނެ ކަމަށެވެ.
އަދި އެމްޓޫސީސީ އިން ބުނީ މާލެ އިން ގުޅިފަޅަށް ޓިކެޓެއްގެ އަގަކީ 20ރ. ކަމަށާއި އަދި ގުޅީފަޅުން ތިލަފުއްޓަށް ދިއުމަށް ޓިކެޓެއްގެ އަގަކީ 10ރ. ކަމަށެވެ.
އެމްޓީސީން މިހާރު ވެސް އަންނަނީ މާލެ ވިލިގިއްޔާއި ހުޅުމާލޭގެ އިތުރުން ރާއްޖެތެރޭ ގިނަ ރަށްރަށަށް ވެސް ފެރީގެ ހިދުމަތް ދެމުންނެވެ.