10 Jun 2012, 16:02
ޕްރިންޓް މީޑިއާ ރެގިއުލޭޓް ކުރުމަށް ހާއްސަ ކޮށްގެން ގާނޫނަކުން އުފައްދާފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލް އުވާލަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ނިންމައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ މާދަމާގެ ޖަލްސާގައި ބަހުސް ކުރަން އެޖެންޑާކޮށްފި އެވެ.
މީޑިއާ ކައުންސިލްގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް، މާލިއްޔަތު ކޮމެޓީން ދިރާސާ ކުރުމަށް ފަހު މޯލްޑިވްސް މީޑިއާ ކައުންސިލްގެ މަގުސަދު ހާސިލު ނުވާ ކަމަށް ބުނެ އެ ކައުންސިލް އުވާލަން ފެންނަ ކަމަށް ކޮމިޓީ އިން ފާސްކޮށް ރައްޔިތުންގެ މަޖިލީހަށް ވަނީ ރިޕޯޓެއް ހުށަހަޅައިފަ އެވެ.
ނުވަ ސަފްހާގެ އެ ރިޕޯޓްގައި ބުނެފައި ވަނީ، ގާނޫނަކުން ބާރު ލިބިގެން އުފައްދާފައިވާ މީޑިއާ ކައުންސިލް އުވާލުމަށް ފެންނަ ކަމަށް މާލިއްޔަތު ކޮމެޓީން ނިންމާފައި ވަނީ، އެ ކައުންސިލްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކޮށްފައި ނުވާތީ ކަމަށެވެ.
"އެހެންވެ ގާނޫނުގައި ކަނޑައަޅާފައިވާ މަގުސަދު އެ ކައުންސިލުން ހާސިލް ކުރެވިފައި ނުވާތީ އެތަން އުވާލަން ފެންނަ ކަމަށް މަޖިލީހަށް ރިކޮމެންޑް ކުރުމަށް ނިންމީ،" ކަމަށް މާލިއްޔަތު ކޮމިޓީގެ ރިޕޯޓުގައިވެ އެވެ.
މީޑީއާ ކައުންސިލް އުވާލުމުގެ އިތުރުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މަސްއޫލިއްޔަތުތަކުގެ ތެރެއަށް މީޑިއާ ކައުންސިލްގެ މަސައްކަތްތައް އިތުރު ކުރުމަށް މާލިއްޔަތު ކޮމެޓީން ނިންމާފައިވާ ކަމަށް ވެސް ކޮމިޓީ ރިޕޯޓްގައި ވަނީ ބުނެފަ އެވެ. އެ ގޮތުން ކަމާ ގުޅޭ ގާނޫނުތަކަށް އިސްލާހު ގެނައުމުގެ މަސައްކަތްތައްވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި ކުރުމަށް ފެންނަ ކަމަށް ވެސް ކޮމެޓީން ވަނީ ނިންމައިަފ އެވެ.
އެ ކައުންސިލް އުވާލުމަށް ފެންނަ ކަމަށް މާލިއްޔަތު ކޮމިޓީގެ ރިޕޯޓްގައި ހިމަނާފައިވާ ކަންތައްތަކުގެ ތެރޭގައި، 2010 ވަނަ އަހަރު ފާސްކޮށްފައިވާ މުސާރައިގެ އޮނިގަނޑުގައި މީޑިއާ ކައުންސިލްގެ މެންބަރުންނަށް ލިވިން އެލަވަންސް ދިނުމަށް ކަނޑައަޅާފައި ނުވި ނަމަވެސް މީޑިއާ ކައުންސިލްގެ މެންބަރުން ގާނޫނާއި ގަވާއިދާ ހިލާފަށް ލިވިން އެލަވަންސް ނެގި މައްސަލަ ފާހަގަކޮށްފައިވެ އެވެ. އަދި ކައުންސިލް އުފެދޭތާ ހަ މަސް ދުވަހުގެ ތެރޭގައި ކައުންސިލް ހިންގާ ގަވާއިދެއް އެކުލަވާލަން ޖެހޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި ނަމަވެސް އެ މުއްދަތުގެ ތެރޭގައި އެ ގަވާއިދު ހަދާފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަމަށް މާލިއްޔަތު ކޮމެޓީގެ ރިޕޯޓްގައިވެ އެވެ.
މީޑިއާ ކައުންސިލް އުވާލުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް އެޖެންޑާކޮށްފައި މި ވަނީ އެ ކައުންސިލްގެ ދެވަނަ ދައުރަށް މެންބަރުން އިންތިހާބު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ދަނޑިވަޅެއްގަ އެވެ.