ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް)އިން ލިޔެ އުފައްދާ ފޮތްތައް އިތުރުކުރުމާއި އަދި ފޮތްތެރިކަމަށް ބާރު އެޅުމުގެ ގޮތުން ފޮތް ގްރާންޓް ސްކީމް މިއަދު އިއުލާނުކޮށްފިއެވެ.

މި ގްރާންޓްގެ ބޭނުންކޮށްގެން ފޮތްލިޔުމުގެ ފުރުސަތު ޔުނިވާސިޓީގައި ކިޔައިދެއްވާ ކޮންމެ ދާރިސަކަށް ވަނީ ހުޅުވާލެވިފައެވެ.

މި ފަހަރުގެ ގްރާންޓް ޚާއްޞަކޮށްފައިވަނީ އިސްލާމީ ޔުނިވާސިޓީގައި ކިޔަވައިދޭ މާއްދާތަކުގެ އަތްމަތީފޮތް ލިޔުމަށެވެ. މި ކަމުގެ މައިގަނޑު މަޤުޞަދަކީ ދިވެހިބަހުން ކިޔަވައިދޭ މާއްދާތަކުގައި ރަސްމީކޮށް ބޭނުންކުރެވޭ ކިޔުންތައް އިތުރުކޮށް، ޕަވާޕޮއިންޓްގައި ނުވަތަ ލިޔެވިފައިވާ ކުދި އަތްމަތީ ކަރުދާސްތައް ކިޔުންތައް ގޮތުގައި ދަރިވަރުން ގެންގުޅުމުން ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމަށެވެ.

މީގެ އިތުރުން، ދިވެހި ޤައުމިއްޔަތު ދިރުވުމުގެ ގޮތުން ދިވެހިބަހުން ޝާއިޢުކޮށްފައި ހުންނަ ފޮތްތައް އިތުރުކުރުމަކީ ސަރުކާރުގެ ސިޔާސަތެއްކަމުން އެ ސިޔާސަތު ތަންފީޒުކުރުމުގައި އެހީތެރިވުމަކީ ވެސް މި ގްރާންޓްގެ އެއް ބޭނުން ކަމަށް ޔުނިވާސިޓީން ބުންޏެވެ.

ހަމައެހެންމެ، ކޯހުގެ ބައިވެރިންނަށް ދެވޭ މަތީ ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުމާ އެކު ކިޔަވައިދިނުމުގެ މަސައްކަތް ހަރުދަނާކޮށް ވަކި ނިޒާމެއްގެ ތެރޭގައި ޔުނިވާސިޓީގެ ކޯސްތަކުގެ ފެންވަރު ކަށަވަރުކުރުމަކީ ވެސް މި ގްރާންޓުގެ ބޭނުމެއް ކަމަށް ޔުނިވާސިޓީން ބުންޏެވެ. މާއްދާގެ އަތްމަތީފޮތް ލިޔެވޭނީ އެ މާއްދާއެއް ކިޔަވާ ދަރިވަރުންނަށް ބޭނުންވާ ފެންވަރުގެ ކިޔުންތައް ހިމެނޭގޮތަށް، ޢިލްމީ ލިޔުންތަކަށް ހަވާލާދީގެންނެވެ.

މި ފަހަރު އިއުލާނުކުރި ބުކް ގްރާންޓުގެ ދަށުން 332،000 ރުފިޔާއާ ހަމައަށް ގްރާންޓް ދިނުމަށް ހަމަޖެހިފައިވެއެވެ. މި ފަންޑުގެ ދަށުން ގާތްގަޑަކަށް 10 މާއްދާއެއްގެ އަތްމަތީ ފޮތް ލިޔެވޭނެ ކަމަށް ލަފާކުރެވެއެވެ. އެހެންނަމަވެސް ލިބޭފޮތްތަކުގެ ޕްރޮޕޯސަލަށް ބަލާ މި ޢަދަދަށް އުނި އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.

މި ގްރާންޓްގެ ދަށުން މައިގަނޑު ތިން ފަންތިއެއްގެ އަތްމަތީ ފޮތްތައް ލިޔުމަށް އެދި ހުށަހެޅިދާނެއެވެ. އެއީ، ޑިގްރީއަށް ވުރެ ދަށުގެ ކޯސްތަކާއި، ޑިގްރީ އަދި މާސްޓާސްގެ ފެންވަރުގެ ކޯސްތަކުގެ އަތްމަތީ ފޮތްތަކެވެ. މިގޮތުން ކޮންމެ ފެންވަރެއްގެ އަތްމަތީ ފޮތް އެކުލަވާލި ނަމަވެސް ބޭނުންކުރެވޭ މިސާލުތަކާއި، ކޮންޓެންޓު ބަހާލެވި އަތުރާލެވިފައިވާ ގޮތްތަކާއި އަދި ބޭނުންކުރެވޭ ތަފާތު ކޮންސެޕްޓުތަކާއި، މުޞްތަލަހާތުތައް ލިޔެވިފައި ހުންނަން ވާނީ އެ މާއްދާއެއްގެ ހިމެނޭ ކޯހުގެ ފެންވަރަށް ރިޢާޔަތްކުރެވިއެވެ. ފޮތުގެ ފެންވަރު ބަލާނީ ޔުނިވާސިޓީގެ 'ޕަބްލިކޭޝަން ކޮމިޓީ'ގެ ބެލުމުގެ ދަށުންނެވެ.

މި ގްރާންޓުގެ ދަށުން ލިޔެވޭ އަތްމަތީ ފޮތްތަކަކީ އިސްލާމީ ޔުނިވާސިޓީގެ މާއްދާތަކަށް ލިޔެވޭ ފޮތްތަކެކެވެ. ފޮތްތަކުގެ ކޮޕީރައިޓްސް އޮންނާނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ނަމުގައެވެ.

ނަމަވެސް އެހެން މުއައްސަސާތަކާއި އަދި އެހެނިހެން ކަމަށް މިފޮތްތައް ބޭނުންކުރުމުގެ ފުރުސަތު އޮންނާނެއެވެ. މި ފަންޑުގެ ދަށުން ލިޔާ ފޮތްތަކަކީ އިސްލާމީ ޔުނިވާސިޓީގައި ކިޔަވައިދިނުމުގައި ބޭނުން ކުރުމުގެ އިތުރުން މަތީ ތަޢުލީމުދޭ އެހެނިހެން މުއައްސަސާތަކަށާއި މުޖުތަމަޢުގެ އެހެންވެސް ފަރުދުންނަށް ފައިދާކުރަނިވި ޢިލްމީ ފޮތްތަކަކަށްވާނެއެވެ.