މާލީ ވަޒީރު ޑރ. މުހައްމަދު ޝަފީގުގެ މުޝީރެއްގެ މަގާމުގައި ހުންނެވި، އަހުމަދު ނަސީރު ފޮރިން މިނިސްޓްރީއަށް ބަދަލުކޮށްފިއެވެ.

އޭނާ ބަދަލުކޮށްފައި ވަނީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށެވެ.

ނަސީރު މާލީ ވުޒާރާގެ މުޝީރެއްގެ މަގާމާ ހަވާލުވީ މިދިޔަ ޑިސެމްބަރު މަހުގެ 12ވަނަ ދުވަހުއެވެ. އޭނާ އެ މަގާމަށް ޢައްޔަނުކުރައްވާފައިވަނީ ވަޒީރުންގެ ފެންވަރުގައެވެ. އެ މަގާމުގެ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި ވަޒީރުންނަށް ބޭނުންވާ މާލީ އިރުޝާދު ދިނުން ހިމެނެއެވެ.

ނަސީރު ވަނީ އެމްއެމްއޭގެ ގަވަރުނަރުކަން ވެސް ކުރައްވައިފައެވެ. އޭނާއަށް އެ މަގާމު ލިބިވަޑައިގަތީ 2017 ވަނަ އަހަރުއެވެ. އޭނާ ފަހުން އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ 2019 ވަނަ އަހަރުގެ ޖުލައި 24 ގައެވެ. އޭނާ އިސްތިއުފާދެއްވީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ މަސައްކަތަށް އޭނާ ނުފޫޒު ފޯރުވަން އުޅުއްވި ކަމަށް ތުހުމަތުވެ، އޭނާގެ މައްސަލަ މަޖިލީހުން ބަލަން ފެށުމުންނެވެ.

މަޖިލިސް އިންތިޚާބުގެ ސުޕަ މެޖޯރިޓީ ލިބުމާއެކު ސަރުކާރުން ދަނީ މަގާމުތަަށް ބަދަލުތަކެއް ގެންނަމުންނެވެ. އެގޮތުން މީގެ ކުރިން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުން ވަކި ކޮށްފައިވާ މުޙައްމަދު ފަހުމީ ހަސަން ވެސް ވަނީ މިހާރު އަލުން މިނިސްޓްރީގެ މަގާމަކަށް އައްޔަންކޮށްފައެވެ.