10 Jun 2012, 14:56
ހދ. ހަނިމާދޫ މީހަކު މިދިޔަ ހުކުރު ދުވަހު ހޮވި މާވަހަރުގެ މިލްކުވެރި ފަރާތަކާއި މެދު ހިޔާލު ތަފާތުވެ އެ މައްސަލަ ހޫނުވެއްޖެ އެވެ.
އެ ރަށުން ވާހަކަދެއްކި މީޙަކު މިއަދު ބުނީ އެ މާވަހަރު ހޮވީ ހދ. ނައިވާދޫ، އަބްދުލް ޣަފޫރު ކިޔާ ދޯންޏެއް ދުއްވާ މީހެއް ކަމަށާއި އޭނާ މާވަހަރު ނެގުމަށް ފަހު ހަވާލުކުރީ ހަނިމާދޫ ދެ މީހަކާއި ކަމަށެވެ. އަދި އެ މައްސަލަ ހޫނުވީ ޣަފޫރު މާވަހަރު ބަލައި އައުމުން އެދެ މީހުން މާވަހަރު ޣަފޫރަށް ދިނުމަށް އިންކާރު ކުރުމުން ކަމަށެވެ. އަދި ބުނީ ކޯޓުން ވަކިގޮތެއް ނިމެންދެން އެ މާވަހަރު ފުލުހުންގެ ބެލުމުގެ ދަށުގައި ބޭއްވުމުގެ ވަގުތީ އަމުރަކަށް އެދި އެ މައްސަލަ މިހާރު ހަނިމާދޫ ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
ހަނިމާދޫ ކައުންސިލުން މިއަދު ބުނީ ހަނިމާދޫ އެއާޕޯޓާއި ދިމާއިން ފެނިފައިވާ 25 ކިލޯގެ މާވަހަރެއް ކަމަށް ބެލެވޭ އެއްޗަކީ މާވަހަރެއްކަން އަދި ޔަގީން ކުރެވިފައި ނުވާ ކަމަށާއި އެއީ މާވަހަރެއްކަން ޔަގީންކުރުމަށް އޭގެން އެތިކޮޅެއް މިހާރު މާލެ ގެނެސްފައިވާކަމަށެވެ.
ހަމަނުޖެހުމެއް ހިނގާފާނޭ ކަމަށް ބަލައި މާވަހަރު މި ވަގުތު އޮތް ހަނިމާދޫ މީހާގެ ގޭގެ ކައިރީގައި ފުލުހުން ފޯރި މަރަމުން އަންނަ ކަމަށް އެ ރަށުން ވާހަކަދެއްކި ބައެއް މީހުންބުންޏެވެ.