30 Apr 2024, 09:43
ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޖޭޒް ބޮޑުވަޒީރުކަމުގެ މަގާމުގައި ދެމިހުންނެވުމަށް ނިންމަވައިފިއެވެ.
ސަންޖޭޒް އެގޮތަށް ނިންމެވީ އަނބިކަނބަލުން މެގޯނާ ގޯމޭޒްގެ މައްޗަށް އުފުލައިފައިވާ ރިޝްވަތުގެ ތުހުމަތުތަކަކާއި ގުޅިގެން ތަހުގީގު ކުރަން ފެށުމުން ރައީސްކަމުގެ މަސްއޫލިއްޔަތުތަކާ ދުރަށް ޖެހިވަޑައިގެން ހުންނެވުމަށްފަހުއެވެ.
މަގާމުގައި ދެމިހުންނެވުމަށް ނިންމެވިކަން ހާމަކުރެއްވީ ރަސްގެފާނު ފެލިޕޭ ހަވަނައާ ބައްދަލުކުރެއްވުމަށްފަހުއެވެ.
ސަންޗޭޒް އިސްތިއުފާ ނުދެއްވުމަށް ގޮވާލާ އޭނާއަށް ތާއީދު ކުރާ އެތައް ހާސް ސަޕޯޓަރުންނެއް ވަނީ މެޑްރިޑްގެ މަގުތަކަށް އެއްވެފައެވެ.
އުމުރުން 49 އަހަރުގެ ގޯމޭޒަކީ ސިޔާސީ ގޮތުން ލޯ ޕްރޮފައިލެއް ގެންގުޅުއްވާ ބޭކަނބަލެކެވެ.
ނަމަވެސް މަނޯސް ލިމްޕިއަސް ކިޔާ ގާނޫނީ މައްސަލަތައް ހައްލުކޮށްދޭ އޮފީހެއް ގާއިމުކުރައްވައި، ވިޔަފާރީ އެއްބަސްވުންތަކަށް ނުފޫޒުފޯރުވާ ކަމަށް އޭނާގެ މައްޗަށް ވަނީ ތުހުމަތުކޮށްފައެވެ.
ގޯމޭޒްގެ މައްޗަށްކުރާ ކޮރަޕްޝަންގެ މައްސަލަ ބަލަނީ މެޑްރިޑްގައި ހުންނަ ކޯޓަކުންނެވެ. ނަމަވެސް އެކަމާބެހޭ މާ ބޮޑު ތަފުސީލެއް ހާމަކޮށްފައެއް ނުވެއެވެ.
އެ މައްސަލައިގައި ހެކި ނެތުމުން ތަހުގީގު ހުއްޓާލުމަށް މެޑްރިޑްގެ ޕަބްލިކް ޕްރޮސެކިއުޓަރުން ވަނީ ގޮވައިލަފައެވެ.
ކޯލިޝަން ސަރުކާރެއް ހިންގަވަމުން އަންނަ ބޮޑުވަޒީރު ސަންޗޭޒް ވިދާޅުވީ، އޭނާގެ އަނބިކަނބަލުންގެ މައްޗަށް އުފުލާފައިވާ މި ތުހުމަތުތަކަކީ ކަނާތު ފިޔައިގެ ޕާޓީތަކުން އޭނާގެ ނާގާބިލުކަން ދެއްކުމަށް ޖެއްސި އެންމެ ފަހުގެ ސްޓަންޓު ކަމަށެވެ.