10 Jun 2012, 14:13
ދުނިޔޭގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ "ފީފާ" އިން މި މަހު އިއުލާންކުރި "ކޮކާކޯލާ ވޯލްޑް ރޭންކިން" ލިސްޓުން ދިވެހިރާއްޖެ އަނެއްކާވެސް އެއް ދަރަޖަ ފަހަތަށް ވެއްޓިއްޖެ އެވެ.
މިދިޔަ ހަފުތާގެ ބުދަ ދުވަހު އިއުލާން ކުރި ފީފާ ރޭންކިން ލިސްޓަށް ބަލާއިރު، ރާއްޖެ އެއް ދަރަޖަ ފަހަތަށް ވެއްޓުނު އިރު، ދުނިޔޭގެ ރޭންކިންގައި ރާއްޖެ އޮތީ 165 ވަނަ އިގައެވެ.
މިފަހަރު ރޭންކިންގައި ދުނިޔޭގެ އެއް ވަނައިގައި އޮތީ 2010 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕުގެ ޗެމްޕިއަންކަން ހޯދި ސްޕެއިންއެވެ. ދެ ވަނައިގައި އޮތީ އެއް ދަރަޖާގެ ކުރިއެރުމެއް ހޯދި އުރުގުއޭ އެވެ. ތިން ވަނައިގައި ޖަރުމަން އޮތް އިރު، ހަތަރު ވަނައިގައި އޮތީ ނެދަލެންޑްސްއެވެ.
ސާކް ސަރަހައްދުން އެންމެ ކުރީގައި އޮތީ 149 ވަނައިގައި އޮތް ނޭޕާލެވެ. ދެވަނަ ލިބެނީ 151 ވަނައިގައި އޮތް ބަގްލަދޭޝްއަށެވެ. ތިނަ ވަނަ ލިބެނީ ސަރަހައްދުގެ އެންމެ ބޮޑު ގައުމު އިންޑިއާ އަށެވެ. އެގޮތުން އިންޑިޔާ އޮތީ 164 ވަނައިގައެވެ. ސަރަހައްދުގެ ހަތަރު ވަނަ ރާއްޖެ އަށް ލިބުނު އިރު، ސަރަހއްދުގެ ފަސް ވަނަ ލިބުނީ ދެ ދަރަޖާގެ ކުރި އެރުމެއް ހޯދި އަފްޤާނިސްތާނަށެވެ. އަފުގާނިސްތާން އޮތީ ދުނިޔޭގެ 168 ވަނައިގައެވެ. އަދި ސަރަހައްދުގެ ހަ ވަނާގައި ޕާކިސްތާން 181 ވަނާގައި އޮތްއިރު، ހަތް ވަނާގައި އޮތީ 184 ވަނާގައި އޮތް ސްރީލަންކާއެވެ. އަދި ސަރަހައްދުގެ އެންމެ ފުލުގައި މިފަހަރުވެސް އޮތީ ބޫޓާނެވެ. ބޫޓާން އޮތީ ދުނިޔޭގެ 203 ވަނަ އިގައެވެ.
އޭޝިއާ ސަރަހައްދަށް ބަލާއިރު ރޭންކިންގެ އެންމެ ކުރީގައި އުޅެނީ 23 ވަނައިގައި އޮތް ޖަޕާނެވެ. އެގޮތުން ޖަޕާނުން ވަނީ ހަތް ދަރަޖާގެ ކުރިއެރުމެއް ހޯދައިފައެވެ. އަދި އޭސިޔާގެ ދެވަނަ ލިބެނީ ތިން ދަރަޖަ ފަހަތަށް ވެއްޓުނު އޮސްޓްރޭލިއާއަށެވެ.