29 Apr 2024, 22:08
ސަރުކާރުން މިހާރު ހުޅުވާލާފައިވާ ފުރުސަތުގެ ދަށުން ސްޓޫޑެންޓް ލޯނަށް ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ސަރުކާރުން ކުރިއަށްގެންދާ 'އަހާ' ފޯރަމްގެ ތިންވަނަ ޕްރޮގްރާމުގައި މިކަން ހާމަކުރައްވާފައި ވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާއެވެ.
ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް ސަރުކާރުން ދޭ ލޯނަށް އެޕްލިކޭޝަން ހުށެހުމަށް ހުޅުވާލީ މިދިޔަ މަހުގެ 28ގައެވެ.
ފުރަތަމަ އެ ފުރުސަތު ހުޅުވާލީ މިދިޔަ ބުރާސްފަތި ދުވަހަށް މުއްދަތު ހަމަވާ ގޮތަށެވެ. ނަމަވެސް ފަހުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ މުއްދަތު މި ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.
މި ފަހަރު ލޯނަށް އެދުމަށް ހުޅުވާލީ 500 ފުރުސަތެވެ. މި ލޯނު ދޫކުރަން ނިންމާފައި ވަނީ ދެ ސްކީމަކަށް ބަލާހައިގެންނެވެ. އެއީ އަލަށް ކިޔަވަން ފަށާ ދަރިވަރުންނާއި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށެވެ.
ލޯނު ދޫކުރާ ފަރާތްތަކުގެ ހުންނަން ޖެހޭ ބައެއް ޝަރުތުތައް:
އުމުރުން 16 އަހަރު ފުރިފައިވުން
- ދިވެހި ރައްޔިތެއް ކަމުގައިވުން
- ފުލްޓައިމް ދަރިވަރެއްގެ ގޮތުގައި ކިޔަވަން ހުށަހަޅާ ފަރާތަކަށް ވުން
- އެމްއެންކިއުއެފްގެ ލެވެލް 5 އިން ފެށިގެން ލެވެލް 10ގެ ނިޔަލަށް
ހުރި ޕްރޮގްރާމްތަކުގެ ތެރެއިން ޕްރޮގްރާމެއް ފުރިހަމަކުރަން ނުވަތަ ޕްރޮފެޝަނަލް ޕްރޮގްރާމެއް/ ލައިސަންސް ޕްރޮގްރާމެއް ފުރިހަމަކުރަން ހުށަހަޅާ ފަރާތަކަށްވުން - ހާސިލުކޮށްފައިވާ ސަނަދަށްވުރެ މަތީ ފެންވަރުގެ ސަނަދެއް ލިބޭ ޕްރޮގްރާމެއް ފުރިހަމަކުރަން ހުށަހަޅާ ފަރާތަކަށް ވުން
- ޕްރޮފެޝަނަލް ޕްރޮގްރާމެއް ނުވަތަ ލައިސަންސް ޕްރޮގްރާމެއް ފުރިހަމަކުރަން ހުށަހަޅާނަމަ އެމްއެންކިއުއެފްގެ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައި ނުވާ ފަރާތަކަށްވުން
- ކިޔަވަން ހުށަހަޅާ ފެންވަރަށް ކިޔެވުމުގެ ހުރިހާ ޚަރަދެއް ދައުލަތުން ނުވަތަ އެހެން ފަރާތަކުން ހިލޭ ނުވަތަ ލޯނެއްގެ ގޮތުގައި ހަމަޖެހިފައި ނެތް ފަރާތަކަށް ވުން
- މިނިސްޓްރީ މެދުވެރިވެގެން ކުރިން ލޯނު ނަގައިފައިވާނަމަ، އެއްބަސްވެފައިވާ ގޮތަށް އެ ލޯނު ދެއްކުމުގެ އިންތިޒާމު ހަމަޖައްސައިފައިވުމާއެކު ލޯނަށް އެދި ހުށަހަޅަން ދިން މުއްދަތު ހަމަވީއިރު، އެ ލޯނުގެ ޑިފޯލްޓެއް ނެތް ފަރާތަކަށްވުން
- ލޯނު ނަގާ ފަރާތަށް އެ ލޯނުގެ ފައިސާ އަނބުރާ ނުދެއްކިއްޖެ ހާލަތެއްގައ،ި ފައިސާ ދެއްކުމުގެ މަސްއޫލިއްޔަތު އުފުލަން އެއްބަސްވާ ގެރެންޓަރެއް ހުރި ފަރާތަކަށް ވުން. މިގޮތުން ހުށަހަޅާ ގެރެންޓަރަކީ ލޯނު ނަގާ ފަރާތުގެ އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ ޢާއިލީ މެންބަރަކަށް ވުން.
އޭގެއިތުރުން، ރާއްޖެއިން ބޭރުގައި ކިޔަވަން ބޭނުންވާ ފަރާތެއްނަމަ، އެދޭ ޕްރޮގްރާމަކީ ރާއްޖެއިން ހެދެން ނެތް ޕްރޮގްރާމަކަށް ވުމާއެކު މިނިސްޓްރީން އިއުލާނުކޮށްފައިވާ ފުލް ސްކޮލަޝިޕަށް ހޮވިފައިވާ ފަރާތަކަށް ނުވުމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ސްލޮޓަކަށް ލޯނަށް ކުރިމަތިލާނަމަ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތަކަށް ވުން ހިމެނެއެވެ.