14:29


ލަންކާ އަސްކަރިއްޔާގެ ކުރީގެ އިސްވެރިޔާ ޖެނެރަލް ސަރަތު ފޮންސޭކާގެ މަގާމާއި، ލިބިވަޑައިގެންފައިވާ އެންމެހާ ޝަރަފުތައް އޭނާގެ ކިބައިން ނިގުޅައިގެންފި އެވެ.


މިހާރު ލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ގޮނޑިއެއް ވެސް ފުރުއްވަމުން ގެންދަވާ ސަރަތު ފޮންސޭކާގެ އަސްކަރީ ޝަރަފުތަކާއި މަގާމު އޭނާގެ ކިބައިން ނިގުޅައިގެންފައި މިވަނީ، އަސްކަރިއްޔާގެ އިސް ވެރިޔަކަށް ހުންނެވިއިރު ސިޔާސީ ކަންކަމުގައި ބައިވެރިވެވަޑައިގެންނެވިކަމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް އަސްކަރީ ކޯޓުން ނެރުނު އަމުރު ރައީސް މަހިންދަ ރާޖަޕަކްސަ ތަސްދީގުކުރެއްވުމާ ގުޅިގެންނެވެ.


ސަރަތު ފޮންސޭކާގެ މައްޗަށް ތުހުމަތުކުރެވޭ ކޮރަޕްޝަނުގެ މައްސަލަތަކެއްގެ އަޑުއެހުން ވެސް އަސްކަރީ ކޯޓުގައި ވަރަށް އަވަހަށް ބާއްވާނެ ކަމަށް ޚަބަރުތައް ބުނެއެވެ.


ޓައިގަރުންނާ ދެކޮޅަށް ލަންކާ ހަނގުރާމަކުރިއިރު ލަޝްކަރުގެ އެންމެ އިސް ވެރިޔަކަށް ހުންނެވީ ސަރަތު ފޮންސޭކާ އެވެ. އެހެންނަމަވެސް، ހަނގުރާމައަށްފަހު ރާޖަޕަކްސާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމަށް ފަހު އޭނާ ވަނީ، ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި ރާޖަޕަކްސާއާ ވާދަކުރައްވައިފައެވެ. އަދި ތަފާތު ބޮޑު ގޮތަކަށް ނާކާމިޔަބުވެވަޑައިގެންނެވުމަށްފަހު، ރިޔާސީ އިންތިހާބާ މެދު ހިތްހަމަޖެހިވަޑައިނުގެން އެ އިންތިހާބަށް ސަރުކާރުން ވަރަށް ބޮޑަށް ނުފޫޒު ފޯރުއްވާފައިވާ ކަމަށް ވިދާޅުވަމުން ގެންދެވި އެވެ.


ނަމަވެސް ހަމަ އެ ދުވަސްކޮޅު، ރައީސް ރާޖަޕަކްސާ އަވަހާރަކޮށްލެއްވުމަށް، އަސްކަރިއްޔާގައި އުޅުއްވި ދުވަސްވަރުން ފެށިގެން، ސަރަތް ފޮންސެކާ ރާއްވަވާފައިވާ ކަމުގެ ތުހުމަތެއް އޭނާގެ މައްޗަށް ކުރެވުނެވެ. އަދި އިންގިލާބެއް ގެނެސް، ސަރުކާރު ވައްޓާލަން މަސައްކަތް ކުރައްވަން އުޅުއްވި ކަމުގެ ތުހުމަތުގައި ވަނީ ހައްޔަރު ވެސް ކޮށްފައެވެ.