"އަމިއްލައަށް މަރުވީއޭ ކިޔަނީ..." ފުން ވިސްނުމެއްގައި އިނދެފައި ނައީމު ބުންޏެވެ.

"އޭނ؟...." މަދީހާގެ ދެލޯ ބޮޑުވިއެވެ. "ކީއްވެ އެކަހަލަ ކަމެއް ކުރީ؟... އަނެއްކާ ނައީމު..."

********

"އަހަންނަށް ހީވަނީ އަހަރެންގެ ސަބަބުންހެން އޭނަ އެކަން ކުރީ..." ކަރުނައިން ފުރެމުންދިޔަ ދެލޯ ފޮރުވަން މަސައްކަތް ކުރަމުން ނައީމު ބުންޏެވެ.

"ނައީމު އޭނަޔާ ގުޅުންކަނޑާލީމަތަ؟..." ނައީމުގެ ބުރަކަށީގައި އަތް ޖައްސައިލަމުން މަދީހާ އަހައިލިއެވެ.

"އާނ... އޭނަ ބޭނުމެއްނުވި އަހަންނާ ދުރުވާކަށް... އަމިއްލަ ނަފުސަށް ގެއްލުންދޭނެ ކަމަށް ބުނެ އިންޒާރުވެސް ދިން... އަހަރެން ހީކުރީ އެއީ އަހަރެން ތަޅުވަން ބުނި އެއްޗެއް ކަމަށް... އޭނަ ރޮއެރޮއެ ހުއްޓާ އަހަރެން ފުރައިގެން ރާއްޖެ އައީ... އައިތާ ނުވޭ މާގިނަ ދުވަހެއް... ލިބުނީ އޭނަ ނިޔާވި ހަބަރު... އެހެން ކަންތައް ކުރެވުނީމަ އަހަރެން މިއަދު އެކަމާ ހިތާމަކުރަން..." ފުން ނޭވާއެއް ބޭރުކޮށްލަމުން ނައީމު ވާހަކަ ހުއްޓައިލިއެވެ. އެއީ މާޒީގެ ވާހަކަ އެހާ ފާޅުކަން ބޮޑު ގޮތެއްގައި އޭނާ މަދީހާއާއި ހިއްސާކުރި ފުރަތަމަ ފަހަރެވެ. "އަހަރެންދެކެ އޭނަވީ ތެދުވެރި ލޯތްބެއް... އެކަމަކު، އަހަރެން މީ މީހެއްގެ ފިރިއެއް... އެއީ މީހެއްގެ އަނތްބެއް... ދެމީހުންގެ ކުޑަ ދެ ދަރިން ތިބި... އަހަރެމެން ދެމީހުންގެ ދެމެދު ލޯބީގެ ގުޅުމެއް ހިނގައިގެން ނުވާނެ..."

"ދެން އެވާހަކަ ނުދައްކާ... އަހަރެމެން މީ އިންސާނުން... ކުށެއް ކުރެވިދާނެ... ނައީމަށް ހެޔޮވިސްނި، ނުބައި މަގަކުން ނުދެވެނީސް ވިސްނިގެން އަހަރެމެން ދެމައިން ކައިރިއަށް އެނބުރި އައީތީ އަހަރެން އުފާކުރަން... ނައީމު ބޭނުންނަމަ، އެކަން ސިއްރުކޮށްގެން ހުރެވުނީސް... އެކަމަކު، ތައުބާވެ، މާފަށް އެދުނީމަ، ލިޝާއަށްޓަކާ ނައީމަށް ފުރުސަތު ދޭން އޭރު އަހަރެން ބޭނުންވީ... މިއަދު އަހަރެން އެ ނިންމުމާމެދު އުފާކުރަން... ނައީމު ކުރި ކުށަށް އަހަރެން ނައީމަށް މާފުކުރިތާ ކިތަންމެ ދުވަހެއް..." މަދީހާ ވާހަކަ ދެއްކީ އޯގާތެރި ރާގަކަށެވެ. ނައީމަށް އޭނާ ހިތްބަރެއް ނުކުރެއެވެ.

"މަދީހާ ކަހަލަ އަނތްބެއް ލިބުނީތީ އަހަރެން ވަރަށް އުފާވޭ..." މަދީހާގެ އަތް މަތީގައި އަތް ބާއްވައިލިއިރު ކަރުނައިގެ ތެރެއިން ނައީމުގެ ދެލޮލުން ފެންނަން ހުރީ ޝުކުރުވެރިކަމެވެ.

ކޮޓަރި ދޮރުކައިރީގައި ހުރި ލިޝާއަށް މޭގައި ހިފަހައްޓައިލެވުނެވެ. ކުޑަކޮށް ހުޅުވިފައިވާ ދޮރުން އޭނާ މަންމައާއި ބައްޕައަށް ބަލައިލިއެވެ. މައިންބަފައިން ހިތި މާޒީގެ އެއްވެސް ކަމެއް އޭގެ ކުރިން ލިޝާއަކަށް ނޭނގެއެވެ. އޭނާ އެތަނަށް އައީ އެފަދަ ވާހަކައެއް އަޑު އެހުމުގެ މަގުސަދަކުވެސް ނޫނެވެ. ކޮޓަރިއަށް ވަނުމުގެ ބަދަލުގައި ލިޝާ ގޮސް ވަނީ ކާގެއަށެވެ. އައިސްއަލަމާރި ހުޅުވައިލިއެވެ. ފިނި ފެންފުޅިއެއް ހުސްކޮށްލިއިރުވެސް އޭނާގެ ހިތަކަށް ފިނިކަމެއް ނުލިބުނެވެ.

"މަދީހާ... އަހަންނަށް ހީވަނީ އެއީ އޭނަގެ ދަރިފުޅުހެން..." ދެފިކުރެއްގައި އިނދެފައި ނައީމު ބުނެލިއެވެ.

"އޭނ؟..." މަދީހާގެ ދެލޯ ބޮޑުވީ، ނައީމު ދެއްކީ ކާކުގެ ވާހަކައެއް ކަން އެނގުމުންނެވެ. "އެ އާރިޒްތަ؟..."

ނައީމު ބޯ ޖަހައިލިއެވެ.

"އެކަމަކު ނައީމު ބުނީމެއްނު އެއީ ވަރަށް މުއްސަނދި ބައެކޭ... އެ އާރިޒަކީ ވަރަށް ނިކަމެތި ކުއްޖެކޭނު ލިޝާ ބުނީ...." މަދީހާއަށް ގަބޫލުކުރަން ދަތިވިއެވެ.

"އަހަރެންގެ ހަނދާން ބަލި ނޫނިއްޔާ، އެސޮރަށްވެސް ކިޔަނީ ހަމަ ތި ނަން..." ނައީމު އިނީ ފުންވިސްނުމެއްގެ ތެރޭގައެވެ.

"އެއީ ބޮޑު ގައުމެއް... އެއް ނަމެއް ކިޔާ ކިތައް މީހުން އުޅޭނެ..." މަދީހާ ބުނެލިއެވެ.

********

"އެވާހަކަ އެނގުނީމަ ބައްޕައާ ފޭސްކުރަން ވަރަށް އުނދަގޫ..." ލިޝާ ވާހަކަ ދެއްކީ ފޯނު ކަންފަތުގައި ޖަހައިގެން ހުރެއެވެ. "މިރޭ ކާން ތިބިއިރުވެސް އެންމެން ތިބީ މާ ނެގިމަޑުވެފަ..."

"އަހަރެން ހިތަށް އަރަނީ އެކުއްޖާ މިހާރު ކޮބާބާއޭ..." ފޯނުގެ އަނެއްކޮޅުން ވާހަކަދެއްކީ ސުމާއެވެ.

"ނޭނގެ... ކޮންމެސްތާކު އުޅޭނެތާދޯ... ބައްޕަ ބުނިގޮތުން ވިއްޔާ އެކުއްޖާވެސް ވާނީ އަހަންނެކޭ ދާދި އެއްވަރު..." ޑްރެސިންގް ޓޭބަލް ކައިރިން ދުރަށްޖެހިލުމަށްފަހު، ލިޝާ ގޮސް އެނދުގައި އޮށޯތެވެ. "ތިއެއް ނޫނޭ.... އަހަރެން މިއޮތީ ވަރަށް އަންކޮމްފޮޓެބަލްވެފަ..."

"އަދިވެސް އެކަމާތަ ތި ވިސްނަނީ؟... ނުވިސްނާ ދެން... އެއީ މާޒީއެއްނު..." ވިސްނައިދޭ ރާގަކަށް ސުމާ ބުންޏެވެ.

"އެކަމަކާ ނޫނޭ..." ލިޝާ ތެދުވެ، އެނދުގެ ހެޑްބޯޑުގައި ލެނގިލިއެވެ.

"އާރިޒް އައީމަ އުފަލުންތަ؟..." ސުމާ ދިމާކުރިއެވެ.

"މަންމަ ވެއްޖެވިއްޔަ އޭނަ މިގޭގަ ބަހައްޓަން..." ލިޝާ ލޯ މަރައިލުމާއިއެކު އާރިޒްގެ ސޫރަ ސިފަވެގެން ދިޔައެވެ.

"ތިގޭގައޭ؟..." ހައިރާންވީވަރުން ސުމާއަށް ވާހަކަ ދެއްކުނީ ތަންކޮޅެއް ބާރަށެވެ.

"ޖެހިގެން ހުރި ކޮޓަރީގަ..." ލިޝާ އަނެއްކާވެސް އެނދުގައި އޮށޯތެވެ. މޫނުމަތީގައި ބާލީސް އެޅިއެވެ. އަނެއްކާވެސް ބާލީސް ނަގައި، ޖެހިގެން ހުރި ކޮޓަރިއާއި ގުޅިފައިވާ ފާރަށް ބަލައިލިއެވެ.

"އަދިވެސް އެހާ ލޯބިވޭތަ؟..." ސަމާސާ ރާގެއްގައި ސުމާ އަހައިލިއެވެ.

"އަހަރެން؟..." ލިޝާ ގަދަކަމުން ހީގަތެވެ. "ނުވޭ ކުޑަކޮށްވެސް..."

ލިޝާއަށް ހީވީ އޭނާ ކުރި ކަންތައް ސުމާއަށް ފަޅާއެރި ހެންނެވެ. އަވަހަށް އަނެއް ފަރާތަށް އެނބުރި ބާލީހުގައި ބައްދައިލިއެވެ.

"ދެން ކާކު؟... އަހަރެންތަ؟..." ސުމާ ހީގަތެވެ. "ލިޝް ތިހެން ބުނަނީ ހަމައެކަނި ދުލުންނޭ... އަހަންނަށް ތި ހިތް އެބަ ފެނޭ... ތި ހިތުގަ އޮތީ..."

"އޯކޭ އޯކޭ..." ލިޝާ އެއްބަސްނުވާކަށް ނޫޅުނެވެ. "އޭނަ އޮޅުވާލީމަވެސް ކީއްވެތަ އަދިވެސް އަހަންނަށް މިހެން މިވަނީ؟... ރުޅި އަންނަން އުޅުނަސް ނާދެވޭ... ފެނުނީމަ އުފާވޭ..."

"ތީ ހަގީގީ ލޯބި..." ސުމާ ބުނެދިނެވެ. "އާރިޒްއަކީ ގޯސް މީހެއް ފާޑު ނުޖަހާ.... އެހާ މުއްސަނދި މީހަކު ލިޝް ހޯދަން މިހާ ދުރަށް އަންނާނީ ގައިމު ކޮންމެވެސް އެއްޗެއް އެހިތުގަވެސް އޮތީމަތާ... އަހަންނަށް ފެންނަނީ ދެމީހުން ސުލްހަވެގެން އަވަހަށް މެރީކުރަން..."

"އެކަމަކު..." ލިޝާއަށް ބުނެވުނެވެ.

"ކޮން އެކަމަކެއް... ލިޝްއަށް ނުވަންޏާ، ތިކަން އަހަންނާ ހަވާލުކުރޭ!..." ސުމާ ފަހުރުވެރިވެލާފައި ބުންޏެވެ.

"ހާދަ ތަޖުރިބާ އެބަހުއްޓޭ... އެކަމަކު، ތީ ދުވަހަކުވެސް މީހަކުދެކެ ލޯބިވީ މީހެއްތަ؟..." ލިޝާވެސް ސުމާއާއި ދިމާކުރަން ފެށިއެވެ.

"އަހަރެން ލޯބިވާ މީހަކު އެބަހުއްޓޭ...." ސުމާއަށް ބުނެވުނެވެ.

"އޭނ؟..." ލިޝާގެ ދެލޯ ބޮޑުވިއެވެ. "ކާކު، ކާކު؟..."

"އެމީހަކުވެސް ހުންނާނެ ދުނިޔޭގަ... ކޮންމެވެސް ދުވަހަކުން ދިމާވާނެއެއްނު..." ސުމާ އޮޅުވައިލިއެވެ.

ޝަފާޒުގެ ވާހަކަ އޭނާ ލިޝާގެ ކައިރީގައި ބުނާނީ ކިހިނެއް ހެއްޔެވެ؟ ލިޝާއާއި ޝަފާޒް ބައްދަލުވުމުގެ މާކުރިން އޭނާއަށް ޝަފާޒްދެކެ ލޯބިވެވިއްޖެއެވެ. އެކަމަކު، ލިޝާގެ ހަޔާތަށް ޝަފާޒް އައި ހިސާބުން، އެ ނަން ހިތުން ނެރެ އެއްލައިލަން ސުމާ އެތައް މަސައްކަތެއް ކުރިއެވެ. ލިޝާމެން ދުރުވުމާއި ހަމައަށްވެސް އެގޮތުގައި އޭނާ ދެމިހުއްޓެވެ. ކުޑަމިނުން ޝަފާޒަށް ވެސް އޭނާ ލޯބިވާކަން ނާންގައެވެ. މިއަދުވެސް އެކުވެރިޔާއަށް ދެރައެއް ލިބޭގޮތަކަށް އަމިއްލަ ހިތުގެ އެދުން އިސްކުރާކަށް ސުމާ ބޭނުމެއް ނުވެއެވެ.

********

"ތިގޮތް ފެއާއެއް ނޫން އިނގޭ..." މާނަވް ވާހަކަ ދެއްކީ ފޯނުން އާރިޒަށެވެ. "ދެމީހުން އައީ އެއްކޮށް... އަހަރެން ކުކުޅުކޮށްޓަކަށްލާފަ ތިހުރީ ގަނޑުވަރުގަ... ދެން ބުނެބަލަ... މަންޖެ ވަރަށް ރުޅި އައިސްފަތަ ހުރީ؟..."

"އަހަންނާ ދިމާއަށް ބަލާވެސް ނުލާ..." އާރިޒް ދެރަވެލާފައި ބުންޏެވެ.

"އެކަމަކު ތިބުނީއެއްނު ބޭސްއަޅައިދީ ކާންބޯން ގެނެސްދީ ހެދިޔޭ..." މާނަވް ދިމާކުރިއެވެ.

"އެއީ ހިތްހެޔޮ ކުއްޖެއްވީމަ... މާނަވް އަޔަސް އޭނަ ބޭސްއަޅައިދޭނެ..." އާރިޒް މާޔޫސްވެފައި ބުންޏެވެ.

"ނާޅަދޭނެ... ތީ ހީވާ އެއްޗެއް..." މާނަވް ޔަގީންކަމާއި އެކުގައި ބުންޏެވެ. "މާދަން ހިނގައިދާނަމޭ ތަންގަނޑެއް ހަލާކުކޮށްލައިގެން... ބަލައްޗޭ!..."

އިރު ފެނުން ތޮޅެލިއިރު ލިޝާ ހުރީ އަތިރިމަތީގައެވެ. އަތިރިމަތީގައި ހެދިފައިވާ ބޮޑެތި ހިރުނދުގަސްތަކާއި، ފުނަގަސްތަކުގެ ދަށުގައި ހަދާފައިވާ ޖޯލިތައް އޮތީ ހުސްކޮށެވެ. ލިޝާ ނޫން މީހަކު އެތަނުގައި ނެތެވެ. ޖޯލީގައި އިށީންއިރު، ލިޝާގެ ނަޒަރު ހުއްޓިފައިވީ އިރަށެވެ. ސުމާ ބުނިހެން އާރިޒް އޭނާދެކެ ލޯބިވެއެވެ. އެކަން އޭނާއަށް އިހުސާސްވެއެވެ. ގަބޫލުކުރަން ބޭނުން ނުވަނީއެވެ.

ހިރުނދުގަހުގައި އޮތް މާނަވް ތަންކޮޅެއް ދުރުގައި ފިލާހުރި އާރިޒަށް ބަލައިލިއެވެ. އާރިޒް އަތުން އިޝާރާތްކޮށްލުމުން، މާނަވް އޮފިގަނޑެއްގައި އެލިގަތެވެ. އަތް ދޫކޮށްލުމާއިއެކު ބިންމައްޗަށް ގުޅައަކަށް ވެއްޓުނެވެ.

ލިޝާ ދިޔައީ ސިއްސައިގެންނެވެ. ފުންމައިގެން ޖޯލިން ތެދުވެފައި ފަސްއެނބުރި ބަލައިލިއެވެ. މީހަކު ވެއްޓިފައި އޮތްތަން ފެނުމުން، ހާސްވެފައި އެމީހެއްގެ ކައިރިއަށް ދިޔައެވެ. ވެއްޓި ޖެހުނުގޮތުން މާނަވް އޮތީ ހިރިވެސް ނުލެވިފައެވެ. ލިޝާ ވަގުތުން އެންބިއުލާންސަށް ގުޅިއެވެ.

"އާ ޔޫ އޯކޭ؟..." މާނަވްއަކީ ބޭރު މީހެއްހެން ހީވުމުން ލިޝާ ވާހަކަ ދެއްކީ އިނގިރޭސިންނެވެ. އޭނާ މާނަވްގެ ކައިރިއަށް ތިރިވި ނަމަވެސް ގައިގައި އަތެއް ނުލައެވެ. "ވަރަށް މަތިންތަ ވެއްޓުނީ؟..."

ލިޝާ މަތި ބަލައިލިއެވެ. ގަހަކީ ތިރިކޮށް ހެދިފައިވާ ގަހެކެވެ. މާނަވް ވެއްޓޭނީ އެހާ ތިރިންކަން އެނގުމުން ލިޝާގެ ކައިރިއަށް ހިނި އަންނަން އުޅުނެވެ. އެމަންޒަރު ފެނުމުން މާނަވް ލަދުން އުނދަގޫގޮތަކަށް ތެދުވިއެވެ.

"އެކްސްކިއުޒް... އެންބިއުލާންސް އެބަ އާދޭ..." ލިޝާ ގޮވަގޮވާ ހުއްޓާ މާނަވް ކޮރުޖަހަމުން އެތަނުން ދިޔައެވެ.

"ކަލޭ ތީ ކޮންކަހަލަ މީހެއް..." މާނަވް އަތުލަފިކޮށްގެން ގެއާއި ދިމާއަށް ހިނގައިގަންނަމުން އާރިޒް ބުންޏެވެ.

"މަ ޒަހަމުވެގެންވެސް މިކަންތައް ވެއްޖެއްޔާ އެ ނިމުނީނު... މަ ބުނީމެއްނު އޭނަ އަތެއް ނުލާނެއޭ... އެންބިއުލާންސަށްވިއްޔަ އެ ގުޅީ..." މާނަވް ބޯ ހޫރައިލިއެވެ.

*********

ހަވީރުގެ ވަގުތެވެ. ކެރެޓު ތައްޓެއް ހިފައިގެން މަދީހާ ބޭރަށް ނުކުތްއިރު އާރިޒް އޮތީ ބޭރު ޖޯލީގައެވެ. މަދީހާ ފެނުމުން ތެދުވެ، ހިނިތުންވެލިއެވެ. މަދީހާ ގޮސް އިށީނީ އާރިޒްގެ ކުރިމަތީގައި ހުރި ޖޯލިފަތީގައެވެ. އޭނާ އާރިޒްގެ މޫނަށް ވަރަށް ފަރުވާތެރިކަމާއި އެކުގައި ބަލައިލިއެވެ. ބޮޑު ތަހުގީގެއް ހިންގަން ތައްޔާރުވެފައިވާފަދަ ނަޒަރަކުންނެވެ.

(ނުނިމޭ)