ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް މިވަގުތު އޮތް ލިއޮނަލް މެސީ ހެދި ހެޓްރިކާއެކު ރަހުމަތްތެރި ކަމުގެ މެޗުން ބްރެޒިލްގެ މައްޗަށް އާޖެންޓީނާ 4-3 އިން ކުރި ހޯދައިފި އެވެ.

އެމެރިކާގެ ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމުގައި ރޭކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ ބްރެޒިލުންނެވެ. އެލަނޑު ބްރެޒިލްއަށް ކާމިޔާބު ކޮށްދިނީ ޒުވާން މިޑްފީލްޑަރު ރޮމޮލޯއެވެ. އެހެން ނަމަވެސް އޭގެ އަށް މިނެޓު ފަހު އާޖެންޓީނާގެ ފޯވާޑް ލިއޮނަލް މެސީ ވަނީ ލަނޑެއް ކާމިޔާބު ކޮށް ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުގައި ބްރެޒިލް ކޮޅަށް މެސީ ޖެހި ދެ ވަނަ ލަނޑު ފެނިގެން ދިޔައީ މެޗުގެ ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައެވެ. އަދި އޭނަގެ ތިން ވަނަ ލަނޑު ބްރެޒިލްކޮޅަށް ޖެހީ މެޗުގެ 85 ވަނަ މިނެޓުގައެވެ. އަދި އާޖެންޓީނާގެ ތިން ވަނަ ލަނޑު 75 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ފެނާންޑޭޒްއެވެ.

މީގެއިތުރުން އާޖެންޓީނާ ކޮޅަށް ބްރެޒިލްއިން ޖެހި އެޓީމުގެ ދެ ވަނަ ލަނޑު ފެނިގެން ދިޔައީ މެޗުގެ ދެ ވަނަ ހާފުގެ 56 ވަނަ މިނެޓުގައި އޮސްކާގެ ފަރާތުން ނެވެ. އަދި އެޓީމުގެ ތިން ވަނަ ލަނޑު މެޗުގެ 72 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ހަލްކުއެވެ.

ބްރެޒިލްގެ މައްޗަށް އާޖެންޓީނާއިން ރޭ ކުރި ހޯދިއިރު، ފީފާ ރޭންކިންގައި އާޖެންޓީނާ އޮތީ ހަތް ވަނައިގައެވެ. އަދި ބްރެޒިލް އޮތީ ފަސް ވަނައިގައެވެ.