29 Apr 2024, 13:31
ތެހެރާން (29 އެޕްރީލް 2024): މި އެޕްރީލްމަހުގެ 13 ވަނަ ދުވަހު އީރާނުން އަތުލައިގަތް އިސްރާއީލުގެ އާގު ބޯޓުގެ ފަޅުވެރިން ދޫކޮށްލާނެ ކަމަށާއި ނަމަވެސް އެ ބޯޓުގައިވާ މުދަލާ އެކު އެ ބޯޓު ކޮންފިސްކޭޓް ކުރަންޖެހުމަކީ އެކަށީގެންވާ ކަމެއްކަމަށް އީރާނުން ބުނެފިއެވެ.
އީރާނުގެ ޚާރިޖީ ވަޒީރު އަމީރު އަބްދުއްލަހްޔާން ވިދާޅުވި ގޮތުގައި އީރާނުން އަތުލައިގަތް އިސްރާއީލުގެ އާގު ބޯޓުގެ ފަޅުވެރިންނަކީ ޕޯޗްގަލްގެ ރައްޔިތުން ކަމަށާއި އެ މީހުން މިނިވަންކުރުމާ ބެހޭގޮތުން ޕޯޗްގަލްގެ ޚާރިޖީ ވަޒީރާ މަޝްވަރާ ކުރައްވާފައިވާ ކަމުގައެވެ.
އަބްދުއްލަހްޔާނާ ހަވާލާދީ އީރާނުގެ މީޑިއާ ބުނާގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި އިސްރާއީލުގެ އާގުބޯޓުގެ ފަޅުވެރިން މިނިވަންކޮށް ތެހެރާންގައި ހުންނަ ޕޯޗްގަލްގެ އެމްބަސީއާ އެ މީހުން ހަވާލުކުރާނެއެވެ.
ގަލްފުގެ ހުރުމުޒް ކަނޑުއޮޅިން ދަތުރުކުރަނިކޮށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ ލަޝްކަރުން ހިފެހެއްޓީ އެމްސީއެސް އޭރީޒް ނަމަކަށް ކިޔާ އާގު ބޯޓެކެވެ. އިސްރާއީލުގެ ޔަހޫދީ މަހުޖަނަކަށް ނިސްބަތްވާ އެ ބޯޓު މިހާރު އޮތީ އީރާނުގެ ބަނދަރެއްގައެވެ.
އީރާން ބުނެފައިވާގޮތުގައި އިސްރާއީލުގެ މަހުޖަނުގެ ބޯޓުކަމަށްވާ އެމްސީއެސް އޭރީޒް ހިފަހައްޓާފައިވަނީ ކަނޑު ދަތުރުފަތުރާ ބެހޭ ޤާނޫނުތަކާ ޚިލާފަށް ގަލްފުގައި ދަތުރުކުރުމުގެ ސަބަބުންނެވެ. އެއީ، އިސްރާއީލުގެ މަސްލަހަތާ ގުޅުންހުރި ބޯޓެއްކަން ކަށަވަރު ކަމަށް ވެސް އީރާނުން ބުނެފައިވެއެވެ.
އިސްރާއީލުގެ މީޑިއާ ބުނާގޮތުން އީރާނުން ހިފެހެއްޓި ބޯޓަކީ އިސްރާއީލުގެ މަހުޖަނެއް ކަމަށްވާ އެއްޔާލް އޮފެންގެ ކުންފުނި ކަމަށްވާ "ޒޮޑިޔެކް މެރިޓައިމް" ކުންފުނީގެ ބޯޓެކެވެ.
އީރާނުން މި ބޯޓު ހިފެހެއްޓީ މި މަހުގެ އެއްވަނަ ދުވަހު، އިސްރާއީލުން ސޫރިޔާގެ ދިމިޝްގުގައިވާ އީރާނުގެ ކޮންސިއުލޭޓަށް ހަމަލާދީ އީރާނުގެ ދެ އަސްކަރީ ކޮމާންޑަރުންނާއި ތިން ޑިޕްލޮމޭޓުން އަވަހާރަކޮށްލި ޓެރަރިސްޓް ހަމަލާއަށް ބަދަލުހިފުމުގެ ގޮތުންކަމަށްވަނީ ބެލެވިފައެވެ.
އެ ބޯޓު ހިފެހެއްޓުމުގެ އިތުރުން އީރާނުން ވަނީ 300 އަށް ވުރެ މިސައިލާއި ޑްރޯން އަދި ކްރޫޒް މިސައިލުން އިސްރާއީލަށް ރައްދު ހަމަލާތައްދީ އެ ކަމަށް ބަދަލުހިފާފައެވެ. އީރާނުގެ މި ވަރުގަދަ ޙަމަލާތައް މައިތިރިކުރީ ވެސް މައިގަނޑު ގޮތެއްގައި އެމެރިކާއާއި އިނގިރޭސިވިލާތުންނެވެ. މި ވަރުން ވެސް އީރާނުގެ ނުވަ މިސައިލް އިސްރާއީލަށް އެރިއެވެ.
އީރާނުގެ ހަމަލާއަށް ބަދަލުހިފުމުގެ ގޮތުން އިސްރާއީލުން އީރާނަށް ދީފައިވަނީ ތިން ޑްރޯން ބޭނުންކޮށްގެން ވަރަށް އާދައިގެ ހަމަލާއެކެވެ. އެ ހަމަލާއަކީ ސީދާ އިސްރާއީލުން އީރާނަށް ދިން ހަމަލާއެއް ވެސް ނޫނެވެ. އީރާނުގެ ބާޣީންގެ ބަޔަކު ލައްވައި އިސްރާއީލު އަޑީގައި އޮވެގެން އީރާނުގެ ތެރެއިން ދިން ހަމަލާއެއްކަމަށް އީރާނުން ބުނެފައިވެއެވެ.
އިސްރާއީލުގެ ސަރުކާރުންވަނީ މި ހަމަލާގެ ޒިންމާ އުފުލަން ފަސްޖެހިފައެވެ.