10 Jun 2012, 14:07
ޝޯޝަލް ހެލްތް އިންސުއަރެންސް ސްކީމް، އާސަންދަ ދިރާސާ ކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން އެކުލަވާލައިފައިވާ ރިޕޯޓަށް މާދަމާގެ ޖަލްސާގައި ބަހުސް ކުރުމަށް އެޖެންޑާ ކޮށްފި އެވެ.
އަހަރަކު އެއްލަކަ ރުފިޔާގެ ބޭސްކުރެވޭ އާސަންދަ ނިޒާމުން ރައްޔިތުންނަށް ހިލޭ ބޭސްވަރުވާ ކުރެވޭނެ ގޮތަކާ މެދު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މަޝްވަރާ ކުރުމަށްފަހު މަޖިލީހަށް ހުށަހެޅި ރިޕޯޓްގައި ވަނީ އާސަންދަ ސްކީމު މިހާރު ބޭނުންކުރާ ނިޒާމަށް ބޮޑަތި ބަދަލުތަކެއް ގެންނަން ނިންމައިފަ އެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް އާސަންދައިން ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައިވޭތޯ ބެލުމަށް އޮޑިޓާ ޖެނެރަލް މެދުވެރިކޮށް މުޅި ނިޒާމު އޮޑިޓްކުރަން ފާސްކުރުމާއި އަދި އަމިއްލަ ހޮސްޕިޓަލްތަކުން އާސަންދައިގެ ހިދުމަތްދޭންޖެހޭނީ ހަމައެކަނި ބަލިވެގެން އެޑްމިޓް ކުރާ މީހުންނަށް އެކަނި ހަމަޖުއްސުމަށްވެސް ރިޕޯޓުގައި ވަނީ ރެކޮމެންޑް ކޮށްފަ އެވެ.
އަދި އައިޖީއެމްއެޗުން ދެމުންދާ ހިދުމަތްތައް ފުޅާކޮށް ތަނުން ލިބެންނެތް ހިދުމަތްތައް އާސަންދަ ކުންފުނީގެ ހުއްދައާ އެކު ޕްރައިވެޓް ހޮސްޕިޓަލަށްތަކަށް ރިފާ ކުރުމަށް ވެސް ވަނީ ރިޕޯޓުގައި ހިމަނައިފަ އެވެ. އަދި ސަރުކާރު ހޮސްޕިޓަލްތަކުން ދޭ ހުރިހާ ހިދުމަތެއް ހިލޭ ދިނުމަށް ފާސްކުރުމަށްވެސް މާލިއްޔަތު ކޮމެޓީގެ ރިޕޯޓްގައި މަޖިލީހަށް ވަނީ ހުށަހަޅައިފަ އެވެ.
ރިޕޯޓުގައި ދެން ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުން މުސާރަ އާއި އިނާޔަތްތައް ކަނޑައަޅުއްވާ ފަރާތްތަކުގެ ތެރެއިން، މަޖިލީހުން ހެލްތު އިންޝުއަރެންސް ސްކީމް ކަނޑައަޅުއްވާފައިވާ ފަރާތްތައް ގާނޫނުނަންބަރު 15/2011 (އިޖްތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމްގެ ގާނޫނު)ން އިސްތިސްނާ ކުރުމަށް އެ ގާނޫނަށް އިސްލާހް ހުށަހެޅުމަށެވެ.
މިއަހަރުގެ ފުރަތަމަ ތިން މަހުގެ ހިސާބުތަކަށް ބަލާއިރު މާލިއްޔަތު ކޮމެޓީން އަންދާޒާ ކުރާ ގޮތުގައި އާސަންދަ އަށް ދައުލަތުގެ ބަޖެޓްގައި ކަނޑައަޅާފައިވާ ފައިސާ މި އަހަރުގެ އޮކްޓޯބަރު މަހަށް ހުސްވާނެ އެވެ. އެއީ މި އަހަރުގެ ބަޖެޓްގައި އާސަންދަ އަށް ހަރަދު ކުރުމަށް ހިމަނާފައިވާ 720 މިލިއަން ރުފިޔާ އެވެ.
އާސަންދަ ނިޒާމުން މިހާރު ހިނގަމުން އަންނަ ގޮތަށް ކުރިއަށް ގެންދަން ޖެހޭ ނަމަ މި އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް އާސަންދަ ނިޒާމް ކުރިއަށް ގެންދިއުމަށް އިތުރަށް 179 މިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް ވެސް މާލިއްޔަތު ކޮމެޓިން އަންދާޒާކޮށްފައިވެ އެވެ.