އިސްރާއީލުން ޣައްޒާގެ ރަފަހްއަށްދޭ ހަމަލާތައް ހުއްޓުވޭނީ ހަމައެކަނި އެމެރިކާއަށް ކަމަށް ފަލަސްތީނު އޮތޯރިޓީ (ޕީއޭ)ގެ ރައީސް މަޙުމޫދު އައްބާސް ވިދާޅުވެއްޖެއެވެ.

މަދު ދުވަސްކޮޅެއްގެ ތެރޭގައި ފަލަސްތީނުގެ އާބާދީގެ ބޮޑު ބައެއް އެ ސަރަހައްދުން ފިލަން މަޖުބޫރުވާނެ ކަމަށްވެސް އައްބާސް ވިދާޅުވިއެވެ.

އައްބާސް އެގޮތަށް ވިދާޅުވީ ސައުދީ އަރަބިއާގެ ވެރިރަށް ރިޔާދުގައި އާދީއްތަ ދުވަހު ބޭއްވި ވޯލްޑް އިކޮނޮމިކް ފޯރަމްގެ ހާއްސަ ބައްދަލުވުމެއްގައެވެ.

"އަޅުގަނޑުމެން އެމެރިކާއަށް ގޮވާލަން، ރަފަހްއަށްދޭ ހަމަލާ ކުރިއަށް ނުގެންދިޔުމަށް އިސްރާއީލަށް އެދުމަށް. މި ޖަރީމާ ހިންގުން ހުއްޓުވޭނެ ހަމައެކަނި ގައުމަކީ އެމެރިކާ," އެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އައްބާސް ވިދާޅުވިއެވެ.

ޣައްޒާގެ ދެކުނުގައި އޮންނަ ރަފަހް ސިޓީއަށް އެއްގަމު މަގުން އަރައި ހަމަލާދޭނެ ކަމަށް އިސްރާއީލުން ކުރިން ވަނީ އިންޒާރު ދީފައެވެ. ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތް ނައްތާލުމަށް ކަމަށްބުނެ، ރަފަހްއަށް ދޭ ހަމަލާތައް މިދިޔަ ހަފްތާ ވަނީ ވަރުގަދަކޮށްފައެވެ.

އިސްރާއީލުގެ އެންމެ ގާތް އެކުވެރި އެމެރިކާ ހިމެނޭ ގޮތަށް ހުޅަނގުގެ ގައުމުތަކުން ވަނީ ރަފަހަށް ހަމަލާ ނުދިނުމަށް އިސްރާއީލަށް އެދިފައެވެ. ރަފަހަކީ ފަލަސްތީނުގެ އެތައް ހާސް ބަޔަކު މި ވަގުތު ހިމާޔަތް ހޯދައިގެން ތިބި ސަރަހައްދެކެވެ.

ރަފަހަށް ހަމަލާ ދިނުމަކީ އިންސާނީ ބޮޑު ކާރިސާއެއް ކުރިމަތިވާނެ ކަމެއް ކަމަށް އދ. އާއި ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ވެސް ވަނީ އިންޒާރުދީފައެވެ.

ރަފަހްއަށް ހަމަލާ ދިނުމުން މަދު ދުވަސްކޮޅެއްގެ ތެރޭގައި ފަލަސްތީނުގެ ގިނަ ބަޔަކު އެ ސަރަހައްދުން ފިލަން މަޖުބޫރުވާނެ ކަމަށާއި ނަމަވެސް ފަލަސްތީނު މީހުން އުރުދުން އާއި މިސްރަށް ހިޖުރަކުރުމާ އޭނާ ދެކޮޅު ހައްދަވައި ކަމަށް ވެސް އައްބާސް އިތުރަށް ވިދާޅުވިއެވެ.

އަދި ކަންބޮޑުވަނީ އިސްރާއީލުން ޣައްޒާގައި ހިންގާ އޮޕަރޭޝަންތައް ނިމުމުން ހިފާފައިވާ ހުޅަނގު އައްސޭރިން ފަލަސްތީނުގެ އަބާދީނެރެ ގަދަކަމުން އުރުދުންއަށް ގެންދަން މަސައްކަތްކަމަށް އައްބާސް ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއިލުގެ ފައުޖުތަކުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 34،400 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.