29 Apr 2024, 07:08
ފެޝަންގެ އެންމެ ބޮޑު އަހަރީ އިވެންޓް "މެޓް ގާލާ"ގައި އެންމެ ފާހަގަކޮށްލެވޭ ތަރީން ކަމަށްވާ ރިއާނާއާއި ޒެންޑެޔާ ދިގު މުއްދަތަކަށް ފަހު އިވެންޓުން ފެނުމަށް ތައްޔާރުވެއްޖެއެވެ.
ކޮންމެ އަހަރެއްގެ މެއި މަހުގެ ފުރަތަމަ ހަފުތާގައި ބާއްވާ މެޓް ގާލާއަކީ ފެޝަންގެ އެންމެ ނުފޫޒުގަދަ ސްޓައިލްތަކާއި ޝަހުސިއްޔަތުތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ބާއްވާ އިވެންޓެކެވެ.
އެގޮތުން އަންނަ ހަފުތާ ހޯމަ ދުވަހުގެ އިވެންޓަކީ މެޓް ގާލާ ބަލާ އެންމެނަށް މި ފަހުގެ އަހަރުތަކުގައި ފެންނާނެ އެންމެ ކުލަގަދަ މެޓް ގާލާ އިވެންޓަށް ވާނެއެވެ.
މިދިޔަ އަހަރުގެ މެޓް ގާލާ އިވެެންޓު ވެގެންދިޔައީ އެންމެ ކޮންޓްރޮވާޝަލް އެއް އިވެންޓަށެވެ. މި އަހަރުގެ އިވެންޓުގެ ތީމަކީ "ސްލީޕިން ބިއުޓީ" އެވެ. އެއާއެކު ތަފާތު އެކި ކަހަލަ ފެއިރީ ޓޭލް ވާހަކަތައް ހެދުންތަކުން ކިޔައިދޭނެ ކަމަށް ބެލެވެއެވެ.
މެޓް ގާލާއިން ޒެންޑެޔާ ނުފެންނަތާ މިހާރު ދެތިން އަހަރު ވެއްޖެއެވެ. އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 2019 ވަނަ އަހަރުއެވެ. އެއަށް ފަހު ފޭނުން އިންތިޒާރު ކުރަމުން އަންނަނީ ޒެންޑެޔާ ފެންނާނެ ދުވަހަކަށެވެ. އަންނަ ހަފުތާގައި ޒެންޑެޔާ މެޓް ގާލާއިން ފެނިގެންދާނެއެވެ.
ރިއާނާ ވެސް މެޓް ގާލާއިން ނުފެންނަތާ އެތައް އަހަރެއް ފަހުން އެންމެފަހުން ފުރަތަމަ ފަހަރަށް ފެނުނީ މިދިޔަ އަހަރުގައެވެ. މި އަހަރު ވެސް އިވެންޓުން ފެންނާނެ ކަމަށް ރިއާނާ ފާހަގަކޮށްފައިވެއެވެ. ރިއާނާ ބުނިގޮތުގައި މި އަހަރުގެ އިވެންޓުގައި އޭނާ ފެންނާނީ ވަރަށް "ސިމްޕަލް" ކޮށެވެ.
ރިއާނާއާއި ޒެންޑެޔާގެ އިތުރުން ހޮލީވުޑްގެ ބޮޑެތި ތަރީންތައް އަންނަ ހަފުތާގެ އިވެންޓުން ފެންނާނެއެވެ.