10 Jun 2012, 13:25
ރ. އިނގުރައިދޫ ކައުންސިލްގެ ރައީސް ކަމުގެ މަގާމު ހުސްވުމާ ގުޅިގެން އެ މަގާމަށް ކައުންސިލް މެންބަރު، ޒުހުރިއްޔާ ހުސެއިންފުޅު ހޮއްވަވައިފި އެވެ.
ޒުހުރިއްޔާ ކައުންސިލްގެ ރައީސް ކަމަށް ހޮއްވަވާފައި ވަނީ ކައުންސިލްގެ ރައީސް ކަމުގައި ހުންނެވި ހުސެއިން މޫސާ އެ މަގާމުން އިސްތިއުފާ ދެއްވާ ގުޅިގެން މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގައި ކައުންސިލް ރައީސްގެ މަގާމަށް ޒުހުރިއްްޔާ ހޮވާފައި ވަނީ ކައުންސިލް މެންބަރުންގެ މެދުގައި ނެގި ވޯޓެއްގައި މިއަދު ކަމަށެވެ.
ޑީއާރުޕީ ކައުންސިލް މެންބަރު ޒުހުރިއްޔާ ކައުންސިލްގެ ރައީސް ކަމަށް މިއަދު ހޮއްވަވާފައި ވަނީ ކައުންސިލްގައި ދެން ތިއްބެވި ޑީއާރުޕީގެ ހަތަރު ކައުންސިލަރުން ޒުހުރިއްޔާ އެ މަގާމަށް ގެންނަން ފެންނަ ކަމަށް ވޯޓު ދެއްވައިގެން ކަމަށް ކައުންސިލުން ބުންޏެވެ.
ޒުހުރިއްޔާ ވިދާޅުވީ ކައުންސިލްގެ ރައީސް ކަމަށް ހޮއްވެވުމާ ގުޅިގެން މިއަދު ކައުންސިލްގެ ރައީސްގެ މަގާމާ ހަވާލުވެފައިވާ ކަމަށެވެ.
އިނގުރައިދޫ ކައުންސިލްގެ ރައީސް ކަމުން ހުސައިން މޫސާ އިސްތިއުފާ ދެއްވީ ކައުންސިލުގައި ހިމެނި ވަޑައިގަންނަވާ އެހެން ކައުންސިލަރުނަށް ކައުންސިލްގެ ރައީސް ކަމަށް އައުމުގެ ފުރުސަތު ދެއްވުމަށް ކަމަށް ވިދާޅުވެ އެވެ.