28 Apr 2024, 23:23
ދިރާގަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 7.50 ރުފިޔާ ބަހަން އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި މިރޭ ފާސްކޮށްފިއެވެ.
ދިރާގުން ކްރޮސްރޯޑްސްގައި ބޭއްވި 35 ވަނަ އަހަރީ އާންމު ޖަލްސާގައި، ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވަނީ ހިއްސާގެ ގޮތުގައި ޖުމްލަ 570 މިލިއަން ރުފިޔާ ބެހުމަށެވެ. އެގޮތަށް ހިއްސާ ބަހަން ފާސްކުރީ ބައިވެރިވި 335 ހިއްސާދާރުންގެ މެދުގައި ނެގި ވޯޓަކުން، 247 ހިއްސާދާރުންގެ އަޣުލަބިއްޔަތުންނެވެ.
އެ ހިއްސާ ބަހާނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުގެ 16:00އާ ހަމައަށް ޝެއާހޯލްޑަރުންގެ ގޮތުގައި ލިސްޓުކޮށްފައިވާ މީހުންނަށެވެ.
މިދިޔަ އަހަރު ދިރާގުން ބެހީ ހިއްސާއަކަށް 7.33 ރުފިޔާއެވެ. އެހެންކަމުން މި އަހަރުގެ އަދަދަކީ 17 ލާރީގެ އިތުރުވުމެކެވެ.
މިރޭ ބޭއްވި ޖަލްސާގައި ދިރާގުގެ އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރު ކަމަށް، މީގެ ކުރިން ވެސް އެ މަގާމުގައި ހުރި އަހުމަދު މުޙައްމަދު ދީދީ ވަނީ ހޮވައިފައެވެ.
ދިރާގުގެ ނިމިދިޔަ އަހަރުގެ މާލީ ހިސާބުތަކުން ދައްކާ ގޮތުން، ޓެކުހަށް ކެނޑުމަށްފަހު އެ ކުންފުނީގެ ސާފު ފައިދާ 896 މިލިއަން ރުފިޔާއަށް އަރައެވެ.
ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށްފައިވާ ދިރާގުގެ މައި ހިއްސާދާރަކީ ބަހްރެއިން ޓެލެކޮމިއުނިކޭޝަން ކޮމްޕެނީ (ބަޓެލްކޯ)އެވެ. އެ ކުންފުނީގެ ހިއްސާއަކީ 52 އިންސައްތައެވެ. އެ ކުންފުނީގައި ދިވެހި ސަރުކާރުގެ ހިއްސާއަކީ 41.80 އިންސައްތައެވެ. ބާކީ 6.20 އިންސައްތަ ހިއްސާ ވަނީ އާންމުންނެވެ.