ޕީޕިއެމުން އަންނަ 2013 ވަނަ އަހަރު ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ހާސިލު ކުރާނެ ލަނޑުދަނޑިތަކުގެ މެނިފެސްޓޯއެއް ތައްޔާރު ކުރުމަށް ބޭނުންވާ މައުލޫމާތު ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

މެނިފެސްޓޯ އަށް ބޭނުންވާ މައުލޫމާތު ހޯދުމަށް އާސަންދަ ކުންފުންޏާ އެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގެ މައުލޫމާތު ނޫސްވެރިންނަށް ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ކައުންސިލް މެންބަރު އަހުމަދު ނިމާލު މިއަދު ވިދާޅުވީ އާސަންދައިގެ ހިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ގޮތްތައް އޮޅުން ފިލުވުމުގެ އިތުރުން އެކުންފުނީގެ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި މިހާރު ދިމާވާ ދަތިތައް އޮޅުން ފިލުވި ކަމަށެވެ. އަދި ބައްދަލުވުމަށް ދިއުމުގެ ކުރިން އާއްމު ރައްޔިތުންގެ ހިޔާލު ހޯއްދަވައި އެ ހިޔާލުތައް ވެސް އެކުންފުންޏާ ހިއްސާކުރެއްވި ކަމަށެވެ.

އާސަންދަކުންފުންޏާ ހަވާލާ ދެއްވައި ނިމާލު ވިދާޅުވީ އާސަންދައިގެ ސިއްހީ ނިޒާމަށް ކުދި ކުދި ބަދަލުތަކެއް ގެނެސްގެން ނަމަވެސް ރައްޔިތުންނަށް ދެވޭ ސިއްހީ ހެލްތު އިންޝުއަރެންސް ހުއްޓާނުލައި ކުރިއަށް ގެންދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވި ކަމަށެވެ.

"އެބޭފުޅުން ވިދާޅުވި ކުދިކުދި ބަދަލުތައް އާސަންދައަށް ގެނެސްގެން އަހަރު ނިމެންދެން ހަމަ ރައްޔިތުންނަށް އާސަންދައިގެ ހިދުމަތް ފޯރުކޮށްދެއްވާނެ ކަމަށް. ޕީޕީއެމްގެ ފަރާތުން ވެސް ބޮޑަށް ބާރުއެޅީ މިކަންތައްތަކާ. މިބައްދަލުވުމަށް އައުމުގެ ކުރިން ވަރަށް ގިނަ ރައްޔިތުންނާ ބައްދަލުކޮށް އެބޭފުޅުންގެ ޝަކުވާތައް އަޑުއަހާ އެމައުލުމާތުތައް ވެސް ހިއްސާކުރިން،" ނިމާލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މެނިފެސްޓޯ ތައްޔާރު ކުރަން ހޯދާ މައުލުމާތު މާލޭގެ އިތުރުން އަތޮޅުތެރޭގެ ރައްޔިތުންގެ ހިޔާލު ހުރި ގޮތް ހޯދުމުގެ މަސައްކަތް ކުރާ ކަމަށާއި ޕީޕިއެމްގެ މެނިފެސްޓޯ ތައްޔާރުކުރާ އިރު ސިއްހީ ހެލްތު އިންޝުއަރެންސުގެ ހިދުމަތްތައް މިހާރުގެ ހާލަތަށް ވުރެ ރަނގަޅު ހާލަތެއްގައި ކުރިއަށް ގެން ދިއުމަށް މަގުފަހިވެގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނިމާލު ވިދާޅުވީ މެނިފެސްޓޯ އެކުލަވާލުމުގެ މައުލޫމާތު ހޯދުމަށް ހެލްތު މިނިސްޓްރީ އާއި އެޑިޔުކޭޝަނުގެ އިތުރަށް ޕްރޮސިކުޓާ ޖެނެރަލް އަށް ހުށައަޅާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ވަނީ ހެލްތު މިނިސްޓްރީއާއި އެޑިޔުކޭޝަން މިނިސްޓްރީގައި ވެސް އެޕޮއިންޓްމަންޓަށް އެދިފައި. ޕީޖީ އާ އެކު ވެސް ބައްދަލުވުމަކަށް އެދިފައި ވާނީ. އަޅުގަނގަޑުމެން ބޭނުންވޭ ކޮންމެ ހަފްތާއަކު މަދުވެގެން އެއްވުޒާރާ އަށް ގޮސް ބައްދަލުކޮށް މައުލޫމާތު ހޯދަން،" ނިމާލު ވިދާޅުވި އެވެ.

އަންނަ ރިޔާސީ އިންތިހާބަށް ޕީޕީއެމުގެ ވައުދުތައް ފުއްދުމުގައި މިހާރުގެ ސަރުކާރުގައި ހުރި މައްސަލަތައް ދެނެގަތުމަށް ޓަކައި ޕީޕީއެމް އިން ކުރަމުން އަންނަ މަސައްކަތާ ބެހޭ ގޮތުން އެ ޕާޓީން ވަނީ މީގެކުރިން ސްޓެލްކޯއާ ބައްދަލުކޮށް މާލޭގެ ކަރަންޓާ ގުޅޭ ގޮތުން މަޝްވަރާކޮށް އެކަމާ ގުޅޭ މައުލޫމާތު ހޯދައިފަ އެވެ.