ދިވެހި ފުލުހުންގެ ހިދުމަތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ އިސް އޮފިސަރަކު ކުއްލިގޮތަކަށް މިއަދު ނިޔާވެއްޖެއެވެ.

ރޭ ފަތިހު ނިޔާވެފައިވަނީ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުޙައްމަދު ޒިޔާދު، 44، އެވެ.

އޭނާ ނިޔާވީ ގޭގައި ހުއްޓައި ވެއްޓުމުގެ ސަބަބުން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

ޒިޔާދުގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮތީ މިއަދު އަސުރު ނަމާދަށް ފަހު ހުޅުމާލޭ ސަހަރާ މިސްކިތުގައެވެ.

ޒިޔާދު ދަންނަ މީހުން ބުނާގޮތުގައި އޭނާގެ ސިއްހީ މައްސަލައެއް އުޅޭކަމެއް އެނގިފައެއް ނުވެއެވެ. ނިޔާވުމާ ހަމައަށް ވެސް އުޅުއްވީ ފުލުހުންގެ ހިދުމަތުގައި ވަރަށް އެކްޓިވްކޮށް ކަމަށް އޭނާގެ އެކުވެރިން ބުނެއެވެ.

ޒިޔާދު ނިޔާވުމުން ގިނަ އަދަދެއްގެ ފުލުހުން އަންނަނީ އެކަމާ ހިތާމަފާޅު ކުރަމުންނެވެ. ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ފުލުހުންގެ ފަރާތުން ވަނީ ޒިޔާދުގެ އާއިލާއަށް ތައުޒިޔާ ވެސް ކިޔުއްވައިފައެވެ.