28 Apr 2024, 18:32
އިންގްލިޝް ޕްރިމިއާ ލީގުގައި ނިއުކާސްލް ޔުނައިޓެޑްއާ ބައްދަލުކުރި މެޗުން ބަލިވުމާއެކު ޝެފީލްޑް ޔުނައިޓެޑް ޕްރިމިއާ ލީގުން ރެލެގޭޓް ވެއްޖެއެވެ.
ނިއުކާސްލްގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމު ކާމިޔާބު ކޮށްފައިވަނީ ފަހަތުން އަރައި ފަސް ލަނޑު އެއް ލަނޑުންނެވެ. ޝެފީލްޑްއިން މިސީޒަންގައި ދައްކަމުންދާ ކުޅުމާއި މިހާތަނަށް ހޯދައިފައިވާ ކާމިޔާބީތަކަށް ބަލާއިރު، އެ ޓީމް މިސީޒަންގައި ޕްރިމިއާ ލީގުން ރެލެގޭޓްވާނެ ކުރިންވެސްވަނީ ބެލެވިފައެވެ.
ޝެފީލްޑް މިހަފުތާގެ ތެރޭގައި ރެލެގޭޓް ނުވެ ފަރުޖެއްސެން އޮތީ ނިއުކާސްލް އަތުން ބަލިނުވެ ކުރިއަށްގޮސްގެންނެވެ. މިގޮތުން ޝެފީލްޑްއިން އުންމީދީ ގޮތަކަށް މެޗު ފަށައި، ފަސް ވަނަ މިނެޓުގައި ލަނޑެއް ޖަހައި މެޗުގެ ލީޑު ނެގިއެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަނެލް އަހްމަދޯޑްޒިޗުއެވެ.
މިމެޗުގައި ނިއުކާސްލްއިން ކާމިޔާބު ކުރި ފުރަތަމަ ލަނޑު މެޗުގެ 26 ވަނަ މިނެޓުގައި ޖަހައިދިނީ އެލެގްޒެންޑާ އިސާކްއެވެ. މިހާފުގައި އިތުރު ލަނޑެއް ނުފެނުނު ނަމަވެސް ލަނޑު ޖަހަން ރަނގަޅު ފުރުސަތު ނިއުކާސްލްއަށް ލިބުނެވެ.
މިމެޗުގައި ނިއުކާސްލްގެ ދެވަނަ ލަނޑު ޖަހައި އެޓީމަށް ލީޑު ނަގައިދިނީ ބުރޫނޯ ގިމަރާއޭސްއެވެ. އަދި މެޗުގެ 61 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ނިއުކާސްލްގެ ތިންވަނަ ލަނޑު ޖަހައިދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން އިސާކްއެވެ. ނިއުކާސްލްއިން މިމެޗުގައި ކާމިޔާބު ކުރި ހަތަރު ވަނަ ލަނޑަކީ ޝެފީލްޑްގެ ބެން އޮސްބޯން އަތުން ބައިކޮޅަށް ވަން ލަނދެކެވެ. އަދި ފަސް ވަނަ ލަނޑު ލަނޑު ނިއުކާސްލްއަށް މެޗުގެ 72 ވަނަ މިނެޓުގައި ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ކެލުމް ވިލްސަންއެވެ.
މިކާމިޔާބީއާއެކު ނިއުކާސްލް މިހާރު އުޅެނީ ކުޅުނު 34 މެޗުން ލިބިފައިވާ 53 ޕޮއިންޓާއެކު ތާވަލްގެ ހަތް ވަނައިގައެވެ. އަދި ޝެފީލްޑް އުޅެނީ 35 މެޗުން ލިބިފައިވާ 16 ޕޮއިންޓާއެކު ތާވަލްގެ އެންމެ ފުލުގައެވެ. މިއާއެކު ޝެފީލްޑް ޕްރިމިއާ ލީގުން ރެލެގޭޓް މިވީ ބާކީ ތިން މެޗު އޮއްވައެވެ.