28 Apr 2024, 13:25
އިންގްލިޝް ޕްރިމިއާ ލީގުގައި އެސްޓަން ވިލާ އާއި ޗެލްސީ ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.
ވިލާގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ ދެ ލަނޑު ދެ ލަނޑުން ދެ ޓީމު އެއްވަރު ވެގެންނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޗެލްސީއިންނެވެ. މި މެޗުގައި ފުރަތަމަ ހާފުގައި މޮޅަށް ވިލާއިން ކުޅުނުއިރު ދެވަނަ ހާފުގައި މޮޅަށް ކުޅެފައި ވަނީ ޗެލްސީއެވެ.
މި މެޗު ވިލާއިން ފެށީ ވަރަށް ފޯރީގައެވެ. މިގޮތުން މެޗުގެ ހަތަރު ވަނަ މިނެޓުގައި އުފެއްދި ހަމަލާއެއްގައި ވިލާއިން ވަނީ މެޗުގެ ލީޑުވެސް ނަގައިފައެވެ. މި ލަނޑަކީ ވިލާގެ ކެޕްޓަން ޖޯން މެކްގިން ފޮނުވާލި ހަމަލާއެއް ޗެލްސީގެ މާކް ކުކުރެޔާ ގައިގައި ޖެހިފައި ބައިކޮޅަށް ވަތް ލަނޑެކެވެ. މި ލަނޑާއެކު ޗެލްސީއިން އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ލަނޑެއް ޖެހޭތޯ މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ. އަދި މި ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް އަނެއްކާވެސް ފެނިގެންދިޔައީ ވިލާއިން ލަނޑެއް ޖަހައި އެ ޓީމުގެ ލީޑު ފުޅާކުރި ތަނެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ މޯގަން ރޮޖާސްއެވެ. މި ލަނޑާއެކު ފުރަތަމަ ހާފު ނިމިގެންދިޔައީ ވިލާ ދެ ލަނޑުގެ ލީޑެއްގައި އޮވެގެންނެވެ.
މި މެޗުގެ ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފުގައި ޗެލްސީއިން އެ ޓީމުގެ ކުޅުން ރަނގަޅު ކުރިތަން ފެނިގެންދިޔައެވެ. މި ގޮތުން މި ހާފުގައި ޗެލްސީއިން ދިޔައީ ވިލާގެ ގޯލަށް ވަރަށް ބޮޑަށް ނުރައްކާ ކުރަމުންނެވެ. އޭގެ ބަދަލުގައި ވިލާ ފެނިގެންދިޔައީ ލިބިފައިވި ދެ ލަނޑުގެ ލީޑާއެކު ޑިފެންސަށް އިސްކަންދީ ލިބޭ ފުރުސަތު ތަކުގައި ކުރިއަށް އެރުމަށް މަސައްކަތް ކުރާ ތަނެވެ. މި މެޗުގައި ޗެލްސީގެ ފުރަތަމަ ލަނޑު ޖަހައި ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ކުޑަކޮށްދިނީ މެޗުގެ 62 ވަނަ މިނެޓުގައި ނޯނީ މަޑުއެކޭއެވެ. އަދި މި މެޗުގައި ޗެލްސީއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ މެޗުގެ 81 ވަނަ މިނެޓުގައި ކެޕްޓަން ކޯނޯ ގެލެގާއެވެ.
މި މެޗުން މޮޅުވުމުގެ ފުރުސަތު ދެ ޓީމަށް ވެސް ލިބިގެންދިޔައެވެ. ނަމަވެސް އެންމެ ރަނގަޅު ފުރުސަތު ލިބިގެންދިޔައީ ޗެލްސީގެ ކޯލް ޕާމާއަށެވެ. އޭނާ ދެތިން ކުޅުންތެރިން ކައިރިން ބޯޅަ ނައްޓާލުމަށްފަހު ގޯލަށް ފޮނުވާލި ހަމަލާވަނީ ވިލާގެ ބަދަލު ކީޕާ ރޮބިން އޯލްސަން ދިފާއުކޮށްފައެވެ.
މި މެޗު އެއްވަރު ވުމާއެކު ވިލާއަށް މިވަނީ މިއަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ކޮންމެވެސް ވަރެއްގެ ލޮޅުމެއް އަރައިފައެވެ. ވިލާއަށް މިހާތަނަށް ކުޅުނު 35 މެޗުން ލިބިފައިވަނީ 67 ޕޮއިންޓެވެ. ފަސްވަނައިގާ އުޅޭ ޓޮޓްނަމް ހޮޓްސްޕާއަށް 60 ޕޮއިންޓް ލިބިފައިވި ނަމަވެސް އެ ޓީމު ނުކުޅެ ތިން މެޗު އޮތުމާއެކު އެ ތިން މެޗު ކާމިޔާބު ކުރެވިއްޖެނަމަ ތާވަލްގެ ހަތަރު ވަނައަށް އެރުމުގެ ފުރުސަތު ސްޕާސްއަށް ލިބިގެންދާނެއެވެ. އެހެން ކަމުން ބައެއް ފަރާތް ތަކުން ގަބޫލް ކުރާގޮތުގައި ވިލާއަށް މިހާރު އަމިއްލަ ބާރު މިވަނީ ގެއްލިގެން ގޮސްފައެވެ. ނަމަވެސް ސްޕާސް ހަތަރު ވަނައަށް އެރުމަށްޓަކައި ފުރަތަމަ ޖެހޭތީ އެ ތިން މެޗު ކާމިޔާބު ކުރާށެވެ. މިމެޗުން ލިބުނު ޕޮއިންޓާއެކު ޗެލްސީ މިހާރު އުޅެނީ 33 މެޗުން ލިބިފައިވާ 48 ޕޮއިންޓާއެކު ތާވަލްގެ ނުވަ ވަނައިގައެވެ.