ފެބްރުއަރީ އަށް ވަނަ ދުވަހު ށ. މިލަންދޫ، ޕޮލިސް ސްޓޭޝަންގައި ތިބި ފުލުހުން އެތަނުން ނެރުމުގައި ބައިވެރިވި ދެ ކުޑަކުއްޖެއްގެ މައްޗަށް ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ ދައުލަތުން މިއަދު އުފުލައިފި އެވެ.

މިލަންދޫ މެޖިސްޓްރޭޓް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުވާ ހުށަހަޅަމުން ދައުލަތުގެ ވަކީލު ވިދާޅުވީ، އުމުރުން 16 އަހަރާއި 17 އަހަރުގެ އެ ދެ ކުދިންގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ ފެބްރުއަރީ މަހު އަށް ވަނަ ދުވަހުގެ ހަވީރު 6:00 އެހާކަންހާއިރު މިލަންދޫ ޕޮލިސް ސްޓޭޝަންތެރެއަށް ވަދެ އެ ސްޓޭޝަންގައި މަސައްކަތް ކުރަންތިބި ހުރިހާ ފުލުހުން އެތަނުން ނުކުތުމަށް އަންގައި، އެ ސްޓޭޝަންގައި ތިބި ފުލުހުން އެތަނުން ނެރުމުގައި ބައިވެރިވެފައިވާތީ ކަމަށެވެ.

ދައުލަތުން ދައުވާ އިއްވުމުން އެ ދެ ކުދިން ބުނީ ދައުވާ އަށް އިންކާރު ކުރާ ކަމަށާއި ދައުވާ އަށް ޖަވާބުދާރީ ވެވެނީ ވަކީލަކު އައްޔަން ކުރުމަށް ފަހު ކަމަށެވެ.

މިލަންދޫ ކޯޓުގެ މެޖިސްޓްރޭޓް މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ވަކީލަކު އައްޔަން ކުރުމަށް އެ ދެކުދިންނަށް 15 ދުވަހުގެ ފުރުސަތު ދިނުމަށް ފަހު އެވެ.

އެ ދެ ކުދިންގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ ފުލުހުންގެ ގާނޫނުގެ 72 ވަނަ މާއްދާއާ ހަވާލާދީ އެގާނޫނުގެ 75 ވަނަ މާއްދާގެ ދަށުން ނެވެ.